މާލޭގެ ހުޅަނގު ފަރާތުގައި ހަދާފައިވާ ރަސްފަންނު ބީޗުގެ މޫދަށް އެރޭ ސަރަހައްދުގެ ފެނުގެ ފެންވަރު ތަކުރާރުކޮށް ދަށްވަނީ އެ ސަރަހައްދުގެ އޮއިވަރު ހުންނަ ގޮތުން ފެން ދައުރުވުން ކުޑަވުމާއި، މާލޭގެ ނަރުދަމާ ނިޒާމުން ބޭރުކުރާ ނަޖިސް ހޮޅިތަކާ އެ ސަރަހައްދު ކައިރިވުމުގެ ސަބަބުން ކަމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) ގެ މެރިން ބަޔޮލޮޖީ ދާއިރާގެ ދިރާސާއަކުން ދައްކައިފިއެވެ.
އެމްއެންޔޫގެ ދިރާސީ މަޖައްލާ ކަމަށްވާ "މޯލްޑިވްސް ޖާނަލް އޮފް އެންޖިނިއަރިން އެންޑް ޓެކްނޮލޮޖީ" ގައި ޝާއިއުކޮށްފައިވާ މި ދިރާސާއަކީ ރަސްފަންނު ސަރަހައްދުގެ ފެނުގެ ރައްކާތެރިކަމާ މެދު އާންމުންގެ މެދުގައި އަބަދުވެސް އުފެދޭ ކަންބޮޑުވުންތަކަށް ސައިންޓިފިކް އަލިކަމެއް ދީފައިވާ މުހިންމު ހޯދުމެކެވެ.
ދިރާސާއިން ހާމަވެފައިވާ ގޮތުގައި ރަސްފަންނު މޫދުގެ ފެންވަރު ބަދަލުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ އެ ސަރަހައްދު ހަދާފައިވާ ގޮތުން އޮއި ބަދަލުވުމަށް ހުރި ހުރަސްތަކެވެ. އާންމުކޮށް މޫދު ސާފުވެފައި ހުންނަނީ ގުދުރަތީ ގޮތުން ފެން ބަދަލުވެ، އޮއި ދައުރުވާނަމައެވެ. ނަމަވެސް، ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދަކީ ފެން ދައުރުވުން ވަރަށް ކުޑަ، އެއްތަނެއްގައި ފެން ބެދިފައި ހުންނަ ގޮތަށް އޮންނަ ތަނެކެވެ.
މީގެ އިތުރުން، އެންމެ ކަންބޮޑުވާ ކަމެއްގެ ގޮތުގައި އެ ދިރާސާގައި ފާހަގަކޮށްފައި ވަނީ މާލޭގެ ނަރުދަމާ ނިޒާމުން ކަނޑަށް ނަޖިސް ބޭރުކުރުމަށް އަޅާފައިވާ މައި ހޮޅިތައް އެ ސަރަހައްދާ ކައިރީގައި ހުރުމެވެ. އޮއިވަރު ހުންނަ ގޮތުންނާއި މޫސުމީ ބަދަލުތަކުގެ ސަބަބުން، ކަނޑަށް ދޫކުރާ މި ނަޖިސްތަކުގެ އަސަރު ރަސްފަންނު މޫދަށް އެރޭ ސަރަހައްދަށް ދަމައިގަތުމުގެ ފުރުސަތު ބޮޑުވާކަން ދިރާސާގެ ހޯދުންތަކުން ވަނީ ދައްކައިފައެވެ.
ހަމައެއާއެކު ފެން ދައުރުވުން ކުޑަވުމާއި ނަޖިހުގެ އަސަރު ފޯރުމުގެ ސަބަބުން، އެ ސަރަހައްދުގެ ފެނުގައި ގެއްލުންދެނިވި ބެކްޓީރިއާގެ މިންވަރު އިތުރުވުމުގެ ފުރުސަތު އޮވެއެވެ. މިއީ އެ ސަރަހައްދަށް ފަތަންދާ މީހުންނަށާއި، ޚާއްސަކޮށް ކުޑަކުދިންނަށް ހަމުގެ ބަލިތަކާއި، ބޮލުގައި ރިއްސުމާއި، ބޭރަށްހިންގުން ފަދަ ސިއްހީ އެކި މައްސަލަތައް ކުރިމަތިވެދާނެ ކަމެކެވެ. ރަސްފަންނު ހުޅުވި ފަހުން ވެސް ފެނުގެ ކޮލިޓީ ދަށްވެގެން އެކި ފަހަރު މަތިން އެ ސަރަހައްދު ބަންދުކުރަން ޖެހުނު ހާދިސާތަކަށް މި ދިރާސާގައި ވަނީ އަލިއަޅުވާލައިފައެވެ.
އެމްއެންޔޫގެ ދިރާސާގައި ބަޔާންކޮށްފައިވާ ގޮތުގައި، ރަސްފަންނު ސަރަހައްދަކީ ގިނަ އަދަދެއްގެ އާންމުންނާއި ކުޑަކުދިން ހިތްއުފާކޮށްލުމަށް ބޭނުންކުރާ ތަނަކަށް ވާތީ، މި މައްސަލައަށް އަވަސް ހައްލެއް ބޭނުންވެއެވެ. މިގޮތުން އެ ސަރަހައްދުގެ ފެން ދައުރުވާ މިންވަރު އިތުރުކުރުމަށްޓަކައި ގެނެވޭނެ ބަދަލުތަކެއް ދިރާސާކުރުމާއި، މާލޭގެ ނަރުދަމާ ހޮޅިތަކުން ބޭރުކުރާ ތަކެތި މޫދަށް ދޫކުރުމުގެ ކުރިން ފަރުވާދޭ ނިޒާމެއް ގާއިމުކުރުން މުހިންމު ކަމަށް ވަނީ ބުނެފައެވެ. ހަމައެހެންމެ ކަމާބެހޭ އިދާރާތަކުން ރަސްފަންނު މޫދުގެ ފެންވަރު ގަވާއިދުން ޓެސްޓުކޮށް، ފެނުގެ ރައްކާތެރިކަމުގެ މައުލޫމާތު އާންމުންނަށް ހާމަކުރަމުން ދިއުމަކީ މިފަދަ ސިއްހީ ނުރައްކާތަކުން ރައްޔިތުން ސަލާމަތްކުރުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅު ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އޭޕްރީލް މަހުގެ ނުވަވަނަ ދުވަހުން ފެށިގެން ރަސްފަންނު ބަންދުކޮށްގެން ކުރިއަށްގެންދިޔަ މަރާމާތުގެ މަސައްކަތްތައް އެއްކޮށް ނިންމާލުމަށްފަހު ހުޅުވީ މިމަހުގެ 12 ވީ ހުކުރު ދުވަހުގައެވެ. އެއަށްފަހު އެ ސަރަހައްދާ ދިމާ ކަނޑުން ފަޅުތެރެއަށް ތެޔޮ ވަދެ، މޫދު ތަޣައްޔަރުވުމާ ގުޅިގެން އަނެއްކާ ބަންދުކުރުމަށްފަހު އަލުން މިހާރު ވަނީ ހުޅުވައިފައެވެ.
ރަސްފަންނަކީ މާލޭގެ ގިނަ ބަޔަކު މޫދަށް އެރުމަށް ބޭނުންކުރާ ސަރަހައްދަކަށް ވީނަމަވެސް، މީގެ ކުރިން ފެން ދައުރުނުވުމާއި ކައިރީގައި ހުންނަ ފާހާނާ ހޮޅިތަކުގެ މައްސަލައާ ހެދި ގިނަ ފަހަރު އެ ސަރަހައްދު ބަންދުކުރަން ޖެހެއެވެ.