ދެކުނު އެމެރިކާގެ ބައްރުގެ ތިން ގައުމެއް ކަމަށްވާ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2026 އާ ދިމާކޮށް، މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އިން އިންތިޒާމުކޮށްގެން "ގޭމިން ކާނިވަލް" ގެ ނަމުގައި ހާއްސަ ހަރަކާތްތަކެއް ސޯޝަލް ސެންޓަރުގެ ޔޫތު ހަބުގައި ފަށައިފިއެވެ.
މި ކާނިވަލަކީ ފީފާ ވޯލްޑް ކަޕް 2026 ވޮޗް ސީރީޒްގެ ބައެއްގެ ގޮތުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ކާނިވަލް ކުރިއަށްދާނީ ވޯލްޑް ކަޕް މުބާރާތް ނިމެންދެން ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު 16:00 އިން 18:00 އަށް ޔޫތު ހަބުގައެވެ.
މި ހަރަކާތުގައި ތަފާތު ގިނަ ކުޅިވަރުތަކެއްގައި ހިލޭ ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން، ފުޓްބޯޅައިގެ މަޝްހޫރު ކުޅުންތެރިން ވެސް މި ކާނިވަލުގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
އެއްފަހަރާ 250 މީހުންނަށް ތިބެވޭގޮތަށް ފަރުމާކޮށްފައިވާ ޔޫތު ހަބުގައި ބާއްވާ މި ވޮޗް ޕާޓީއަކީ މުޅިން ހިލޭ، ކޮންމެ މީހަކަށްވެސް ވަދެވޭނެ ގޮތަށް ހުޅުވާލެވިފައިވާ ރައްކާތެރި، އާއިލީ މާހައުލެއް ކަމަށް ޔޫތް މިނިސްޓްރީން ބުނެއެވެ.
މި ހަބުގައި މެޗުތައް ދެއްކުމުގެ އިތުރުން، މި ހަރަކާތުގެ ތެރެއިން ހިލޭ ބުއިމާއި ކާބޯތަކެތި ލިބޭނެ ސްޓޯލްތަކާއި، ތަފާތު ކުޅިވަރުތައް ކުރިއަށްދާނެއެވެ.
މި ކާނިވަލުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމުތައް ދިނުމަށް ވެސް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި މުބާރާތުގެ ރަސްމީ ފުޓްބޯޅައާއި، 'ޔޫތު ބައި ޖިމްނޭޝިއާ'ގެ އެއް މަސްދުވަހުގެ ހިލޭ ޖިމް މެންބަޝިޕް ހިމެނެއެވެ.
މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ކުޅިވަރުގެ ޒަރީޢާއިން ގައުމީ އެއްބައިވަންތަކަން އާލާކޮށް، ޒުވާނުންނަށާއި މުޅި މުޖުތަމައުއަށް ފައިދާހުރި، ހިތްހަމަޖެހޭ މާހައުލެއް ބިނާކޮށްދިނުން ކަމަށް ޔޫތު މިނިސްޓްރީން މަޢުލޫމާތުދެއެވެ.