އީރާން އާ ދެކޮޅަށް އެމެރިކާ ކުރި ހަނގުރާމައިގެ މަގްސަދު ހާސިލް ނުކުރެވި އެމެރިކާ ބަލިވި ބަލިވުމަކީ ވިއެޓްނާމް ހަނގުރާމައިގައި އެމެރިކާ ބަލިވި ބަލިވުމަށްވުރެ ސްޓްރެޓީޖިކް ގޮތުން މާބޮޑު އަދި މާ ނުރައްކާތެރި ބަލިވުމެއް ކަމަށް އެމެރިކާގެ މަޖައްލާއެއް ކަމަށްވާ "ފޮރިން ޕޮލިސީ" އިން ބުނެފިއެވެ.
މި މަޖައްލާގައި އެމެރިކާގެ ޖޯޖް ޓައުން ޔުނިވާސިޓީގެ މަޝްހޫރު ޕްރޮފެސާ ޕޯލް މޮސްގްރިވް ލިޔުއްވާފައިވާ ގޮތުގައި އީރާންގެ ކުރިމަތީގައި މަގްސަދު ހާސިލް ނުކުރެވި ހަނގުރާމަ ހުއްޓާލަން އެމެރިކާއަށް މަޖުބޫރު ވުމަކީ އާދައިގެ ކަމެއް ނޫނެވެ. މިކަމުގެ ސަބަބުން ގަލްފުގައިވާ އެމެރިކާގެ އަސްކަރީ މުޖޫދު ނިމުމަކަށް ގެންނަން ނޫނީ އެވުޖޫދު ވަރަށް ބޮޑަށް ކުޑަކޮށް ގަލްފުން އަސްކަރީ ގޮތުން ފައިބަން މުސްތަގްބަލްގައި އެމެރިކާއަށް މަޖުބޫރުވެގެންދާނެއެވެ.
"އީރާން އިޒް ބިގާ ޑިފީޓް ދެން ވިއެޓްނާމް" ގެ ނަމުގައި ލިޔުއްވާފައިވާ މި ރިޕޯޓުގައި، 1965 އިން 1975 އަށް ހިނގި ވިއެޓްނާމް ހަނގުރާމައާއި އީރާނުގެ ހަނގުރާމަ ވަނީ އަޅައިކިޔައިފައެވެ. ވިއެޓްނާމް ހަނގުރާމައިގައި އެމެރިކާގެ 58،000 އަށްވުރެ ގިނަ ސިފައިން މަރުވެ، ތިން ލައްކައަށްވުރެ ގިނަ މީހުން ޒަޚަމްވިއެވެ. އަދި ޗައިނާއާއި ކުރީގެ ސޯވިއެޓް ޔޫނިއަންގެ އެހީތެރިކަމާއެކު ވިއެޓްނާމުން ދިން ހަމަލާތަކުގެ ސަބަބުން، 1975 ވަނަ އަހަރުގެ އެޕްރީލް މަހުގެ 30 ވަނަ ދުވަހު ވިއެޓްނާމުގެ ޝަރުތުތަކާ އެއްގޮތަށް ހަނގުރާމަ ހުއްޓައިލަން އެމެރިކާއަށް މަޖުބޫރުވިއެވެ. މި ސުލްހައިގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެމެރިކާގެ އޭރުގެ ޚާރިޖީ ވަޒީރު ހެންރީ ކިސިންޖަރާއި ވިއެޓްނާމުގެ ކޮމިއުނިސްޓް ޕާޓީގެ އިސްވެރިޔާ ލެޑަކްތޯއެވެ. ނަމަވެސް، އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގައި އެމެރިކާގެ މަރުވީ އެންމެ 15 ވަރަކަށް ސިފައިންނެވެ. އަދި ޒަޚަމްވީ 30 ވަރަކަށް ސިފައިންނެވެ. މީގެ މައިގަނޑު ސަބަބަކީ އެއްގަމު މަގުން އީރާނަށް އަރައި ހަނގުރާމަކުރަން އެމެރިކާ ފަސްޖެހުމާއި ހަނގުރާމައިގެ މުއްދަތު ކުރުވުން ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ޕޯލް ލިޔުއްވާފައިވާ ގޮތުގައި އީރާން އާ ދެކޮޅަށް ކުރި ހަނގުރާމައިން އަސްކަރީ ގޮތުން އެމެރިކާއަށް ނިސްބަތުން މާބޮޑު ގެއްލުމެއް ނުލިބެއެވެ. އެއީ އީރާނަށް އެއްގަމުން އަރައިގެން އެއްގަމު ހަނގުރާމަ ކުރަން އެމެރިކާ ފަސްޖެހުމާއި ހަނގުރާމައިގެ މުއްދަތު ކުރުކަމުންނެވެ.

އީރާން އެމެރިކާގެ ހަނގުރާމަ
ވިއެޓްނާމް ހަނގުރާމައިގާ އެމެރިކާއަށް އަސްކަރީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބުނީ އެމެރިކާ އެއްގަމުން ވިއެޓްނާމަށް އަރައި ހަނގުރާމަ ފެށުމާ އަދި އެ ހަނގުރާމައިގެ މުއްދަތު 10 އަހަރަށް ދިގުދެމިގެން ދިޔުމާއި އެމެރިކާ ބަލިކުރުމަށްޓަކައި ކޮމިއުނިސްޓް ދެބާރުކަމަށްވާ ޗައިނާއާއި ކުރީގެ ސޮވިއެޓް ޔުނިޔަން އިން ވިއެޓްނާމްއަށް ހަތިޔާރު ފޯރުކޮށްދެމުން ދިޔުމުގެ ނަތީޖާ އެއްގޮތުންނެވެ.
މިއާއެކުވެސް ހަނގުރާމަ ހުއްޓާލައި ވިއެޓްނާމުން ފައިބަން އެމެރިކާއަށް ޖެހުނީ ހަނގުރާމައިގެ އެއްވެސް މަގްސަދެއް ހާސިލް ނުވެއެވެ. ހަނގުރާމަ ހުއްޓާލަން އެމެރިކާއަށް މަޖުބޫރުވީ އެމެރިކާ ސިފައިން ގިނައަދަދަކަށް މަރުވަމުންދާތީ އެމެރިކާގެ ރައްޔިތުންގެ ޕްރެޝަރު އިންތިހާއަށް ބޮޑުވެގެންނެވެ.
އީރާން އާ ދެކޮޅަށް ކުރި ހަނގުރާމައިގާ އެމެރިކާއަށް އަސްކަރީ ގޮތުން މާބޮޑު ގެއްލުންތަކެއް ނުލިބުނު ނަމަވެސް އީރާނުގެ ރައްދު ހަމަލާތަކުގައި ގަލްފުގެ އަރަބި ގައުމުތަކާއި އުރުދުންގައިވާ އެމެރިކާގެ އަސްކަރީ ބޭސްތައް ހަލާކުވެގެން ދިޔައެވެ. އަދި އެމެރިކާގެ ބައެއް އަސްކަރީ މަތިންދާ ބޯޓުތަކާއި ރާޑަރުތައްފަދަ ތަކެތި ހަލާކުވިއެވެ. އީރާން އާ ދެކޮޅަށް ކުރި ހަނގުރާމައިގާ މަރުވީ އެމެރިކާގެ 15 ވަރަކަށް ސިފައިންނެވެ. ޒަޚަމްވީ 30 ވަރަކަށް ސިފައިންނެވެ.
ނަމަވެސް ޕޯލް ލިޔުއްވާފައިވާ ގޮތުގައި އީރާން ހަނގުރާމައިގައި އެމެރިކާއަށް ލިބުނު އެންމެ ބޮޑު ލަނޑަކީ އަރަބި ގައުމުތަކުގައި ވާ އެމެރިކާގެ ބޭސްތައް އީރާން އާ ދެކޮޅަށް ބޭނުންކުރުމުގެ ފުރުސަތު ނުލިބި އެބޭސްތަކަށް ހަމަލާދީ އެތަންތަން ފުނޑާލުމުގެ ފުރުސަތު އީރާނަށް ލިބިގެން ދިޔުމެވެ.
ގަލްފުގެ ގައުމުތަކުން އެ ގައުމުތަކުގައިވާ އެމެރިކާގެ ބޭސްތައް އީރާން އާ ދެކޮޅަށް ބޭނުންކުރުމުގެ ހުއްދަ ރަސްމީގޮތުން ދޭން ދެކޮޅުހެދީ އީރާނުން އެ ގައުމުތަކަށް ހަމަލާނުދޭނެކަމަށް ހީކޮށެވެ. ނަމަވެސް ކަންތައްވެގެން ދިޔައީ މިއާ މުޅިން ޚިލާފަށެވެ. އެމެރިކާގެ ހަމަލާތަކަށް އީރާން ރައްދުދިނީ ގަލްފުގެ ގައުމުތަކުގައިވާ އެމެރިކާގެ ބޭސްތައް މައިގަނޑު އަމާޒަކަށް ހަދައިގެންނެވެ. މި ބޭސްތަކުގެ އިތުރުން ގަލްފުގެ ގައުމުތަކުގައިވާ އެމެރިކާގެ އެހެން މަސްލަހަތުތަކަށް ވެސް އީރާނުން ވަރަށް ވަރުގަދައަށް ހަމަލާދިނީއެވެ.

1965 ން 1975 އަށް ހިނގި ވިއެޓްނމް ހަނގުރާމަ
ނަތީޖާއަކަށްވީ އެމެރިކާގެ ބޭސްތަކުން ގަލްފުގެ ގައުމުތަކަށް އެއްވެސް ހިމާޔަތެއް ނުލިބި އެބޭސްތަކަކީ އެ ގައުމުތަކުގެ ސަލާމަތަށް އޮތް ނުރައްކަލަކަށް ވެގެންދިޔުމެވެ. އަދި އީރާނަށް ހަމަލާދޭން އެ ބޭސްތައް އެމެރިކާ ބޭނުންނުކުރި ކަމަށްވިޔަސް އީރާނުގެ ހަމަލާތަކުން އެބޭސްތައް ސަލާމަތް ނުވެ އެތަންތަން ހަލާކުވެގެން ދިޔުމެވެ.
ޕޯލް ލިޔުއްވާފައިވާ ގޮތުގައި އެމެރިކާގެ މި ނާކާމިޔާބީ އާ ގުޅިގެން ދެން އީރާން ނުކުންނާނީ ކުރިޔަށްވުރެ ހުރިހާ ގޮތަކުންވެސް ބާރުގަދަ ގައުމެއްގެ ގޮތުގައިކަމަށް ބެލެވެއެވެ. އަމިއްލަ ނަފްސުގެ އިތުބާރާއި އީރާނުގެ އަމިއްލަ ޓެކްނޮލޮޖީގެ ގާބިލްކަން އިހިުސާސް ކުރެވި އެތަކެތި އިތުރަށް ތަރައްގީ ކުރުމުގެ ވަތަނީ އަދި ގައުމީ އަޒުމާއެކުގައެވެ.
އީރާން ހަނގުރާމައިގައި ޕޯލް އެންމެ ބޮޑަށް ފާހަގަ ކުރެއްވި އެއްކަމަކީ އެމެރިކާގެ މޮޅު އަދި ސޮފިސްޓިކޭޓެޑް ޓެކްނޮލޮޖީގެ ބާރުކަނޑުވާލުމުގައި އީރާނުގެ ތަންކޮޅެއް އާދައިގެ ޓެންކޮލޮޖީގެ ކާމިޔާބު ކަމެވެ. މިސާލަކަށް އެމެރިކާގެ ވައިގެ ދިފާއީ ހުރިހާ ނިޒާމުތަކެއް ބޭނުންކޮށްގެންވެސް އީރާނުގެ ޑްރޯންއާއި މިސައިލްތައް 100 ފަސެންޓަށް ދިފާއުނުކުރެވުމެވެ. ޚާއްސަކޮށް އީރާނުގެ ހައިޕާސޮނިކް މިސައިލްތައް އެއްވެސް ވަރަކަށް ދިފާއު ނުކުރެވުުނު ކަމެވެ. ޝާހިދު މަރުކާގެ ޑްރޯނުން އެމެރިކާގެ އަބާޗޭ ހެލިކޮޕްޓަރު ވައްޓާލެވޭ ކަމެވެ.
ސަތޭކަ ޕަސެންޓް ދިފާއު ނުކުރެވޭނަމަ އެމެރިކާގެ ދިފާއީ ނިޒާމުތަކުގެ އިތުބާރު ގެއްލޭނެކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެމެރިކާއަށްވެސް އަދި އިސްރާއީލަށްވެސް ދިފާއު ކުރެވުނީ އީރާނުގެ ޑްރޯންއާއި މިސައިލްތަކުގެ ގާތްގަނޑަކަށް 80 ވަރަކަށް ޕަސެންޓްކަމަށްވެއެވެ.
ޕޯލް ފާހަގަ ކުރެއްވި އަނެއްކަމަކީ އީރާނުގެ އަގުހެޔޮ ޑްރޯންތަކާއި މިސައިލްތަކުން ދިފާއުވުމަށް އެމެރިކާގެ އިންތިހާއަށް އަގުބޮޑު އެއާޑިފެންސް ބެޓްރީތައް ގިނަ އަދަދަކަށް ބޭނުންކުރަން ޖެހުނު މައްސަލައެވެ. މިއީ ޚަރަދުގެ ގޮތުން ތަހައްމަލް ކުރަންދަތިކަމަކަށް ވުމެވެ. އެތަކެތި އުފައްދަން އެތައް މަހެއް ބޭނުންވާތީ އޭގެ ސްޓޮކް ހުސްވާ މައްސަލައެވެ. މިހާލަތުގައި ދިގުމުއްދަތަކަށް ހަނގުރާމަ ނުކުރެވޭނެކަމެވެ. ހަގީގަތުގައިވެސް އީރާން އެމެެރިކާ ހަނގުރާމައިން ފެނިގެން ދިޔައީ މި މަންޒަރެވެ.

ވިއެޓްނާމް ހަނގުރާމައިގާ އެެމެރިކާ ބަލިވުމަށްފަހު ވީ ސުލްހައިގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އެމެރިކާގެ އޭރުގެ ޚާރިޖީ ވަޒީރު ހެންރީ ކިސިންޖަރާއި ވިއެޓްނާމުގެ ކޮމިއުނިސްޓް ޕާޓީގެ ވެރިއެއްކަމަށްވާ ލެޑަކްތޯ
ޕޯލް ފާހަގަ ކުރަައްވާ އަނެއް ކަމަކީ އެމެރިކާގެ ބަންކާބަސްޓާ ބޮމުގެ އަސަރު ނުކުރާ ވަރަށް ފަރުބަދަތަކުގެ އަޑީގައި އީރާނުގެ ނިއުކްލިޔާ އަދި އަސްކަރީ ޓެކްނޮލޮޖީގެ މުހިއްމު މަރުކަޒުތައް ހުރުމުން އެތަކެތި ހަލާކުކޮށް ލުމުގައި އެމެރިކާގެ ނުކުޅެދުންތެރިކަމެވެ.
ޕޯލް އެންމެ ބޮޑަށް ފާހަގަ ކުރެއްވި ކަމަކީ ހުރުމުޒު ކަނޑުއޮޅީގެ މައްސަލައެވެ. ސްޓްރެޓީޖިކް ގޮތުންނާއި އަސްކަރީ ގޮތުން އީރާން މިކަނޑުއޮޅި ބޭނުންކުރި ވިސްނުންތެރި ގޮތެވެ. ކަނޑުއޮޅި ބަންދުކުރުމުގައި އީރާނުގެ އަސްކަރިއްޔާގެ ޕްލޭންތައް ވަރުގަދަކަމެވެ. އެކަމަށް ދުރާލައި އީރާން ތައްޔާރުވެފައިވާލެއް ވަރުގަދަ ކަމެވެ. އަދި އެކަން ކާމިޔާބުކުރި އާރުލާ ގޮތާއި އޭގެ ސްޓްރެޓެޖީ އެވެ. ހުރުމުޒު ކަނޑުއޮޅި ހުޅުވުމަށް އެމެރިކާ ފެށި އޮޕަރޭޝަން 24 ގަޑީއިރު ތެރޭގައި ނާކާމިޔާބު ވެގެން ހުއްޓާލަން ޖެހުމެވެ.
ޕޯލް ލިޔުއްވާފައިވާ ގޮތުގައި އީރާނުގެ މައްޗަށް ކުޑަވެސް ކާމިޔާބެއް ހޯދޭނެގޮތެއް އޮތްނަމަ އަދި އެކަމުގެ އުންމީދެއް އޮތްނަމަވެސް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އެމެރިކާ ނުދާނެއެވެ. މިފަދަ އެއްބަސްވުމަކަށް އެމެރިކާ ދިޔައީ އެހެން ގޮތެއްނެތިގެންނެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އީރާންގެ ކުރިމަތީގައި އެމެރިކާ ބަލިކަށިވެ ކުރިމަތިލާންޖެހުނު ސްޓްރެޓީޖިކް މި ނާކާމިޔާބީގެ ނޭދެވޭ އަސަރު ދިގުމުއްދަތަކަށް އެމެރިކާގެ މަސްލަހަތުތަކަށް ކުރާނެއެވެ. އެމެރިކާގެ އެހެން ރައީސުން އީރާން އާ ދެކޮޅަށް ހަނގުރާމަ ނުފެށިކަމަށް ވަނީ މި ސަބަބުތައް އެނގިވަޑައިގަންނަވާތީއެވެ. ނަމަވެސް ނަތަންޔާހޫ, ޓްރަމްޕަށް ދިނީ އޭގެކުރިން އީރާނުގެ ވެރިން މަރާލައި އީރާނުގެ ވެރިކަން ފޮރޮޅާލައި އެމެރިކާގެ ޕަޕެޓަކު އީރާނުގެ ވެރިކަމަށް ގެނެވޭނެކަމުގެ ޔަގީންކަމެވެ.
އިނގިރޭސީންގެ ބާރު މެދުއިރުމަތިން ކެނޑިގެން ދިޔައީ 1965 ގައި ހިނގި މިސްރުގެ ސްވޭސްކެނެލްގެ ހަނގުރާމައިގާ މިސްރުގެ ކުރިމަތީގައި އިނގިރޭސީން ބަލިވުމާ ގުޅިގެންނެވެ. ހަމަ މިގޮތަށް އީރާންގެ ކުރިމަތީގައި އެމެރިކާ ބަލިވި މިބަލިވުމުގެ ނަތީޖާއެއްގެ ގޮތުން މުސްތަހްބަލްގައި ގަލްފު ދޫކޮށް އެމެރިކާ ދާންޖެހޭނެކަމަށް ގިނަ މުހައްލިލުންނާއި ދިރާސާ މަރުކަޒުތަކުން ދެކެއެވެ. އަދި އަސްކަރީ އަދި ޓެކްނޮލޮޖީގެ ބޮޑު ބާރެއްގެ ގޮތުގައި ކައިރި މުސްތަގްބަލެއްގައި އީރާން ނުކުންނާނެކަމަށް ވެސް މި ފަރާތްތަކުން ލަފާކުރައްވައެވެ.