އެމެރިކާގެ ޓްރަމްޕް ސަރުކާރުން، ޗައިނާގެ އޭއައި ސްޓާޓްއަޕް ކުންފުނި 'ޑީޕްސީކް' އާއި މެމަރީ ޗިޕް އުފައްދާ ކުންފުނި 'ސީއެކްސްއެމްޓީ' ގެ އިތުރުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ފާހަގަކުރެވިފައިވާ 100 އަށްވުރެ ގިނަ ކުންފުނި، އެމެރިކާގެ ވިޔަފާރީގެ ބްލެކްލިސްޓަށް އެރުވުން މަޑުޖައްސާލައިފިއެވެ.
ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފިޔަވަޅު އަޅާފައިވަނީ ބެއިޖިންގް އާއި ވޮޝިންގްޓަނާ ދެމެދު އޮތް ނުތަނަވަސްކަން އިތުރަށް ގޯސްވިޔަ ނުދިނުމުގެ ބޭނުމުގައެވެ.
އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުގެ 'އެންޓިޓީ ލިސްޓް' އަށް މި ކުންފުނިތައް އިތުރުކުރުމަށް، ސަރުކާރުގެ ކަމާބެހޭ އިދާރާތައް ހިމެނޭ ކޮމިޓީއަކުން މިދިޔަ އަހަރު ވަނީ ފާސްކޮށްފައެވެ. ނަމަވެސް، މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން މި ލިސްޓަށް އެއްވެސް އާ ކުންފުންޏެއް އިތުރުކޮށް އާންމުކޮށްފައެއް ނުވެއެވެ. މިއީ ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި މި ލިސްޓު އަޕްޑޭޓްނުކޮށް އޮތް އެންމެ ދިގު މުއްދަތެވެ. މި ލިސްޓުގައި ހިމެނޭ ކުންފުނިތަކަށް އެމެރިކާގެ މުދަލާއި، ސޮފްޓްވެއާ އަދި ޓެކްނޮލޮޖީ ލައިސަންސަކާ ނުލައި ވިއްކުމަކީ މަނާކަމެކެވެ.
މި ލިސްޓަށް އަރާނެ ކަމަށް ބެލެވުނު ޑީޕްސީކް އަކީ، 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު އެ ކުންފުނިން ނެރުނު އަގުހެޔޮ އޭއައި މޮޑެލްގެ ސަބަބުން ޓެކްނޮލޮޖީގެ ދުނިޔެއަށް ބޮޑު ސިހުމެއް ގެނުވި ކުންފުންޏެކެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އިސް އޮފިޝަލަކު މިދިޔަ އަހަރު ވިދާޅުވި ގޮތުގައި، ޑީޕްސީކް އިން ވަނީ ޗައިނާގެ އަސްކަރިއްޔާއާއި ޖާސޫސީ އޮޕަރޭޝަންތަކަށް އެހީތެރިވެދީފައެވެ. އަދި ދެކުނު އޭޝިއާގެ ޝެލް ކުންފުނިތަކެއް މެދުވެރިކޮށް އެމެރިކާގެ ކުރިއަރާފައިވާ ޗިޕްތައް ހޯދަން އެ ކުންފުނިން މަސައްކަތްކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، އެންތްރޮޕިކް އާއި އޯޕަންއޭއައި ފަދަ ކުންފުނިތަކުން ވަނީ، ޑީޕްސީކް އިން އެ ކުންފުނިތަކުގެ އޭއައި މޮޑެލްތަކުގެ ގާބިލުކަން ވަގަށް ނަގަން މަސައްކަތްކޮށްފައިވާ ކަމަށް ބުނެފައެވެ.

އެމެރިކާއިން މީގެކުރިން ވަނީ ޗައިނާގެ އީ ކޮމާސް ކުންފުނި، އަލީ ބާބާވެސް ބްލެކްލިސްޓްކޮށްފައި. ފޮޓޯ/އޭޕީ
ލިސްޓަށް އިތުރުކުރަން ނިންމާފައިވާ އަނެއް ކުންފުނި ކަމަށްވާ ސީއެކްސްއެމްޓީ އަކީ، ބައިޑަންގެ ސަރުކާރުގައި އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން ޗައިނާގެ އަސްކަރީ ކުންފުންޏެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކުންފުންޏެކެވެ. މީގެ އިތުރުން، މިދިޔަ ސެޕްޓެމްބަރު މަހު ޕޯލެންޑުން ފެނުނު ރަޝިއާގެ ޑްރޯންތަކަށް ބައިތައް ފޯރުކޮށްދިން ޗައިނާގެ ބައެއް ކުންފުނިތަކާއި، ޗައިނާގެ ޔުނިވާސިޓީތަކަށް އެންވީޑިއާގެ ޗިޕްތައް ވިއްކި ކުންފުނިތަކުގެ އިތުރުން، ޗައިނާގެ އަސްކަރިއްޔާއަށް ޑްރޯން އާއި ރޮބޮޓް ކުއްތާ އުފައްދައިދޭ ކުންފުނިތައްވެސް ބްލެކްލިސްޓުކުރަން ކޮމިޓީން އޮތީ ނިންމާފައެވެ.
ވޮޝިންގްޓަންގައި ހުންނަ ސެންޓާ ފޯ ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒްގެ ފިލިޕް ލަކް ފާހަގަކުރެއްވި ގޮތުގައި، އާ ކުންފުނިތައް ލިސްޓުނުކޮށް ލަސްވުމުގެ ސަބަބުން އެމެރިކާއާ ދެކޮޅު ފަރާތްތަކަށް އެމެރިކާގެ ޓެކްނޮލޮޖީ ލިބުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ. އަދި ކުރީގެ ކޮމާސް ޑިޕާޓްމަންޓުގެ އޮފިޝަލެއް ކަމަށްވާ ކެވިން ކާލޭންޑް ވިދާޅުވި ގޮތުގައި، އޮކްޓޯބަރު މަހުން ފެށިގެން އެއްވެސް ކުންފުންޏެއް ލިސްޓަށް އިތުރުކޮށްފައި ނުވުމަކީ، ގައުމީ ސަލާމަތަށްވުރެ ވިޔަފާރީގެ ސިޔާސަތަށް އިސްކަންދެވޭކަން ހާމަވާ ކަމެކެވެ.
މައުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، 2025 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ކޮމާސް ޑިޕާޓްމަންޓުގެ އަންޑާ ސެކްރެޓަރީ ފޯ އިންޑަސްޓްރީ އެންޑް ސެކިއުރިޓީ ޖެފްރީ ކެސްލާ ދަނީ، ޗައިނާއާ ދެމެދު އޮތް ގުޅުން ގޯސްވެދާނެތީ ޗައިނާގެ ކުންފުނިތައް ލިސްޓުކުރުމާ ދެކޮޅު ހައްދަވަމުންނެވެ. މިހާތަނަށް އައިއިރު، ސެމިކޮންޑަކްޓާް އާއި އޭއައި މޮޑެލިންގް ދާއިރާގެ 75 ކުންފުންޏަށްވުރެ ގިނަ ޗައިނާ ކުންފުނި ބްލެކްލިސްޓުކުރަން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.