ބޮކްސް އޮފީހުގައި މިހާތަނަށް 3،000 ކްރޯޑު ރުޕީސްއަށްވުރެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމު "ދުރަންދަރު" އަކީ އަނިޔާވެރިކަން މާބޮޑު ފިލްމެއް ކަމަށް އެ ފިލްމުގެ ލީޑް އެކްޓަރު ރަންވީރު ސިންގްގެ ބަފައިބެ ޕްރަކާޝް ޕަދުކޯން ބުނެފިއެވެ.
އާދިތުޔާ ދަރު ޑައިރެކްޓްކޮށްފައިވާ މި ޖާސޫސީ ތުރިލާ އަކީ، ވަރަށް ފުރިހަމައަށް އުފައްދާފައިވާ، މޮޅު ހުނަރުތަކެއް ފެނިގެންދިޔަ ފިލްމެއް ނަމަވެސް، ފިލްމުގައި ހިމެނޭ އަނިޔާވެރި މަންޒަރުތައް ތަންކޮޅެއް ގިނަ ކަމަށް އިންޑިއާގެ ކުރީގެ ބެޑްމިންޓަން ކުޅުންތެރިޔާ ޕްރަކާޝް ވަނީ ބުނެފައެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ ދަ އިންޑިއަން އެކްސްޕްރެސްއަށް ދިން އިންޓަވިއުއެއްގައި ބަތަލާ ދީޕިކާ ޕަދުކޯންގެ ބައްޕަ ބުނީ، ފިލްމުގައި އަނިޔާވެރި މަންޒަރުތައް ގިނަ ކަމުގެ އިހުސާސް އޭނާއަށް ކުރެވުނު ނަމަވެސް ގިނަ ބަޔަކަށް ފިލްމު ކަމުދިޔަކަމަށާއި އެއީ އެންމު މުހިއްމު ކަންތައް ކަމަށެވެ.

ރަންވީރް ސިންގް ފިލްމު "ދުރަންދަރު"ގެ މަންޒަރެއްގައި--ފޮޓޯ/އެންޑީޓީވީ
"އަހަރެމެން އެކުގައި ގިނަ ވަގުތު ހޭދަކުރަން. ހަގީގަތުގައި ދެ އާއިލާގެ މެދުގައި އޮންނަނީ ވަރަށް ގާތް ގުޅުމެއް. މަދުވެގެން އަހަރަކު އެއްފަހަރު އެކުގައި ޗުއްޓީއަށް ދަން. ރަންވީރަކީ ކުޅިވަރަށް ވަރަށް ލޯބިކުރާ މީހަކަށް ވުމުން، އަހަރެމެންގެ މެދުގައި ޝައުގުވެރިވާ ގިނަ ކަންތައްތަކެއް ހުރޭ. އޭނާ އަހަރެންނާ ކުޅިވަރުގެ ވާހަކަ ދައްކާއިރު، އަހަރެން އޭނާ ގާތުން ފިލްމީ ދާއިރާގެ ވިޔަފާރިއާ ބެހޭގޮތުން ސުވާލުކުރަން. އެންމެންނަކީ ވެސް ބިޒީ ބަޔަކަށް ވުމުން ގިނަ ވަގުތު ނުލިބުނަސް، ލިބޭ ވަގުތުކޮޅުގައި ފުޓްބޯޅަ ނުވަތަ ކްރިކެޓް ބަލަން އެކުގައި ތިބެން. ރަންވީރަކީ އާސެނަލްގެ ސަޕޯޓަރެއް، އަދި އަހަރެންގެ ދަރިފުޅު އަނީޝާ އަކީ މެންޗެސްޓަރ ޔުނައިޓެޑްގެ ސަޕޯޓަރެއް،" ރަންވީރާ ބެހޭގޮތުން ޕްރަކާޝް ބުނެފައިވެއެވެ.
ފިލްމު "ދުރަންދަރު"ގެ ފުރަތަމަ ބައި މިދިޔަ އަހަރު ރިލީޒްކުރިއިރު ދެވަނަ ފިލްމު ރިލީޒްކޮށްފައި ވަނީ މި އަހަރުގެ މާޗް މަހުއެވެ. ރަންވީރުގެ އިތުރުން މި ފިލްމުގެ މުހިއްމު ރޯލްތައް ކުޅުން ތަރިންގެތެރޭ، ސަންޖޭ ދަތު، އަކްޝޭ ކަންނާ، އާރް. މާދަވަން، އަރުޖުން ރާމްޕާލް، ސާރާ އަރުޖުން އަދި ރާކޭޝް ބޭދީ ފަދަ ތަރިން ހިމެނެއެވެ.