ކަސްޓަމަރުންނަށް ޚާއްސަ އޮފާތަކަކާއި އައު ޑިޖިޓަލް ޚިދުމަތްތަކެއް އުރީދޫ މޯލްޑިވްސްއިން ތަޢާރަފުކޮށްފިއެވެ.
އަންނަ އޮގަސްޓު މަހުގެ އެއްވަނަ ދުވަހަކީ އުރީދޫގެ 21 ވަނަ އަހަރީ ދުވަހެވެ. އެ ކުންފުނިން ބުނި ގޮތުގައި، އޮގަސްޓު މަހުގެ ތެރޭގައި ތަޢާރަފުކުރާ މި އީޖާދީ އުފެއްދުންތަކާއި ޚާއްސަ އޮފާތަކަކީ ކަސްޓަމަރުންގެ އަގުވަޒަންކުރުމާއެކު ރާއްޖެއަށް އައު ޑިޖިޓަލް ތަޖުރިބާތަކެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި ދޭ އޮފާތަކެކެވެ.
އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އުރީދޫ މެދުވެރިކޮށް ސީދާ ޓްރޫކޯލާ ޕްރީމިއަމް ޚިދުމަތް ތަޢާރަފުކުރުމެވެ.
އުރީދޫއިން ބުނި ގޮތުގައި، އިތުރު ފައިސާ ދައްކާ ވަސީލަތެއް ބޭނުންނުކޮށް، ސީދާ އުރީދޫ އެކައުންޓަށް ބިލްކުރެވޭ ގޮތަށް ކަސްޓަމަރުންނަށް މިހާރު ފަސޭހަކަމާއެކު ޓްރޫކޯލާ ޕްރީމިއަމްއަށް ސަބްސްކްރައިބް ކުރެވޭނެއެވެ. އޮޅުވާލައިގެން ކުރާ ފޯނު ކޯލްތަކާއި ސްޕޭމް ކޯލްތައް އިތުރުވަމުންދާއިރު، މި ޚިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ރައްކާތެރިކަން ލިބޭނެ ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ. ޓްރޫކޯލާ ޕްރީމިއަމްގައި އެޑްވާންސްޑް ސްޕޭމް ބްލޮކްކުރުމާއި، ޕްރޮފައިލް ބެލި މީހުންގެ މައުލޫމާތު އެނގުމާއި، އިންކޮގްނިޓޯ މޯޑާއި، ކޮންޓެކްޓް ރިކުއެސްޓް ފޮނުވުމުގެ އިތުރުން އިޝްތިހާރު ނުފެންނަ ގޮތް ހެދުމާއި ޕްރީމިއަމް ވެރިފިކޭޝަން ބެޖު ހިމެނެއެވެ.
މީގެ އިތުރުން، އާއިލާތަކަށް ރައްކާތެރި ޑިޖިޓަލް މާހައުލެއް ގާއިމުކޮށްދިނުމަށްޓަކައި ޝަރުތުހަމަވާ ފައިވްޖީ އެއާފައިބާ ކަސްޓަމަރުންނަށް "ޗައިލްޑްސޭފް" ޕޭރެންޓަލް ކޮންޓްރޯލް ޚިދުމަތް ވަނީ ތަޢާރަފުކޮށްފައެވެ.
އެ ކުންފުނިން ބުނި ގޮތުގައި، މި ޚިދުމަތާއެކު އިންޓަނެޓް ބޭނުންކުރެވޭ މިންވަރު ކޮންޓްރޯލްކޮށް، ކުދިންނަށް ރައްކާތެރި އޮންލައިން މާހައުލެއް ގާއިމުކޮށްދެވޭނެއެވެ. އަދި ގޭގޭގައި ބޭނުންކުރާ ބްރޯޑްބޭންޑް ވަސީލަތްތަކުގައިވާ ޕޭރެންޓަލް ކޮންޓްރޯލް ފީޗަރުތައް އެންމެ ފުރިހަމައަށް ބޭނުންކުރުމުގެ ފުރުސަތުވެސް މީގެ ދަށުން ލިބޭނެއެވެ.

އުރީދޫން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ސީއީއޯ ވާހަކަ ދައްކަވަނީ-- ސަން ފޮޓޯ: ޝާތިއު އަބްދުالله
އަހަރީ ދުވަހާ ގުޅިގެން ޚާއްސަ ޑޭޓާ އޮފާއެއްވެސް ވަނީ އިއުލާނުކޮށްފައެވެ. އޮގަސްޓު އެއްވަނަ ދުވަހު ހުރިހާ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އުރީދޫ ސުޕާ އެޕްގެ 'ސުޕާ ޑީލްސް' ބައި މެދުވެރިކޮށް ހިލޭ 21 ޖީބީގެ ޑޭޓާ ޕެކެއް ހޯދޭނެ ކަމަށް އުރީދޫއިން ބުނެއެވެ. އެ ކުންފުނިން ފާހަގަކުރި ގޮތުގައި، އެއް ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭ މި އޮފާ ހޯދޭނީ ހަމައެކަނި އޮގަސްޓު މަހުގެ އެއްވަނަ ދުވަހުއެވެ.
މީގެ އިތުރުން، އުރީދޫ ސުޕާ އެޕް މެދުވެރިކޮށް މާސްޓާކާޑު ބޭނުންކޮށްގެން 400 ރުފިޔާއަށްވުރެ މަތިން ވިޔަފާރިކުރާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް ދެ މީހުންނަށް މެލޭޝިއާއަށް ދެކޮޅު ޓިކެޓް ދިނުމަށް ވަނީ ނިންމާފައެވެ. މާސްޓާކާޑު ސޭވްކޮށްގެން ނުވަތަ އޮޓޯޕޭ އެކްޓިވޭޓްކޮށްގެން މި ގުރުއަތުގައި އިތުރު ފުރުސަތުތައް ހޯދޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
ހަމައެއާއެކު، 400 ރުފިޔާއަށްވުރެ މަތިން ރީޗާޖްކުރާ ޕްރީޕެއިޑް ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން، މޯލްޑިވިއަންއިން ސްޕޮންސަރުކުރާ ބަންގްލަދޭޝްގެ ޑާކާއަށް ދެކޮޅު ޓިކެޓް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. އުރީދޫއިން ބުނި ގޮތުގައި، އޮގަސްޓު މަހުގެ ތެރޭގައި ކޮންމެ 10 ދުވަހަކުން މި ގުރުއަތުގެ ނަސީބުވެރިއަކު ހޮވާނެއެވެ.
ޕޯސްޓްޕެއިޑް އަދި ބްރޯޑްބޭންޑް ކަސްޓަމަރުންނަށްވެސް ޚާއްސަ އޮފާތަކެއް ވަނީ ހުޅުވާލާފައެވެ. އޮގަސްޓު މަހުގެ ތެރޭގައި 1،000 ރުފިޔާއިން ފެށިގެން މަތީގެ ކްލަބް ޕްރިމިއާ ޕްލޭންތަކަށް ބަދަލުވާ ފުރަތަމަ 100 ކަސްޓަމަރުންނަށް، ޑިސެމްބަރު 31 ގެ ނިޔަލަށް ބޭނުންކުރެވޭ 100 ރުފިޔާގެ 'ހުއޯޕަން' އެޕް ޑިސްކައުންޓް ވައުޗަރެއް ލިބޭނެއެވެ. އަދި ޕޯސްޓްޕެއިޑް ޕްލޭން އަޕްގްރޭޑްކުރުމާއި ސުޕާނެޓް ހިލޭ އަޕްގްރޭޑްކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.
އުރީދޫއިން ބުނި ގޮތުގައި، ސުޕާނެޓް އަންލިމިޓެޑް ބޭނުންކުރާ ކަސްޓަމަރުން އިތުރު ޕްލޭނަކަށް އަޕްގްރޭޑްކުރާނަމަ، ފުރަތަމަ ތިން މަސްދުވަހު މިހާރު ދައްކާ މަހުފީގައި އަޕްގްރޭޑްކުރި ސްޕީޑް ލިބޭނެއެވެ. މީގެ އިތުރުން، ސުޕާނެޓް ކަސްޓަމަރުންނަށް އެންމެ 21 ރުފިޔާއަށް 21 އެމްބީޕީއެސް ސްޕީޑުގައި ހަތް ދުވަހުގެ މުއްދަތަށް 21 ޖީބީ ލިބޭ ޚާއްސަ އަހަރީ އެޑް-އޮންއެއް ލިބެން ހުންނާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
އަހަރީ ދުވަހުގެ އުފާފާޅުކުރުންތަކުގެ ތެރެއިން، ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް އިޖުތިމާއީ ހަރަކާތް ކަމަށްވާ 'އުރީދޫ ފަން ރަން' އަންނަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ހުޅުމާލޭގައި ބޭއްވުމަށް ނިންމާފައިވާކަންވެސް އެ ކުންފުނިން ވަނީ އިއުލާނުކޮށްފައެވެ. މިއީ ދުޅަހެޔޮކަމާއި އާއިލީ އުފަލާއި މަޖާ ހަރަކާތްތަކާއެކު އެތައް ހާސް ބަޔަކު އެއްވެގެން ބާއްވާ ދުވުމެކެވެ.
ހަމައެއާއެކު، އުރީދޫގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދިޔަ "ލިވް އަންލިމިޓެޑް" ކެމްޕޭނުގެ ތެރެއިން 19 އުމްރާ ދަތުރު ދިނުމަށްފަހު، ކެމްޕޭން ނިންމާލުމުގެ ގޮތުން ދެ މީހަކަށް ދޭ ޙައްޖު ދަތުރުގެ ނަސީބުވެރިޔާވެސް ވަނީ އިއުލާނުކޮށްފައެވެ. އުރީދޫއިން ބުނި ގޮތުގައި މި ބޮޑު އިނާމު ލިބުނު ނަސީބުވެރިއަކީ މިޞްރިއްޔާ ޢަލީއެވެ.
އީޖާދީ ޚިދުމަތުގައި 21 އަހަރު ފުރުން ފާހަގަކުރާއިރު، ސްމާޓް ގޭގެއާއި ރައްކާތެރި ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމުން ފެށިގެން ކަނެކްޓިވިޓީއާއި އޭއައި، ފިންޓެކް އަދި ޑިޖިޓަލް އީޖާދުތަކުގެ މެދުވެރިކޮށް އުފެއްދުންތެރިންނާއި ވިޔަފާރިތަކަށް އެހީތެރިވެދިނުމުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ. އުރީދޫގެ އަމާޒަކީ އަންނަން އޮތް ޖީލުތަކަށްޓަކައި ޑިޖިޓަލް ގޮތުން ގުޅުވާލެވިފައިވާ ބާރުވެރި މުޖުތަމައެއް ބިނާކުރުން ކަމަށް އެ ކުންފުނިން ބުނެއެވެ.