ކުރީގެ ނޫސްވެރިޔާ އަދި މަޝްހޫރު ތާރީހު ލިޔުންތެރިޔާ ސިއްކަގޭ މުހައްމަދު ނަސީމް، ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިތްޒަތު ވެރިޔާ (ނދޝޢ) އަވަހާރަ ވެއްޖެ އެވެ. އުމުރުފުޅުން 71 އަހަރުގެ ނަސީމް އަވަހަރާވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުވުމަށްފަހު ހާލުކޮޅު ދެރަވުމުން ސްރީލަންކާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރޭ ފަތިހު 5:10 ގަ އެވެ. ސްރީލަންކާގައި ހުންނަވައިގެން ވާހަކަފުޅު ދެއްކެވި އާއިލާގެ ބޭފުޅަކު މިއަދު ވިދާޅުވީ މިދިއަ ރޯދަ މަހުން ފެށިގެން ނަސީމުގެ އާލާސްކަންފުޅު ބޮޑުވެފައިވާ ކަމަށާއި އޭގެ ފަހުން ވެއްޓި ބޯ ޖެހުމުގެ ސަބަބުން ސިކުނޑިއަށް ލޭ އެޅުމުން ފަރުވާ ދެމުން ގެންދަނިކޮށް ކަމަށެވެ. "އެކަންތައްތަކާއެކު އިތުރު މައްސަލަތައް ކުރިމަތިވެންދިޔަ. ދޭތެރެއަކުން ކޮންމެވެސް ވަރަކަށް ރަނގަޅުވަމުން އައި. އެހެން ނަމަވެސް ފަހުން ހާލުކޮޅު ދެރަވަމުން ގޮސް އަވަހާރަވީ،" އެ ބޭފުޅާ ވިދާޅުވި އެވެ. ނަސީމް އަހަވާރަވި އިރު އަންހެން ދެ ބޭފުޅުންނާއި އަނބިކަނބަލަކު ދުނިޔޭގައި އެބައިންނެވި އެވެ. އަމީރު އަހްމަދާއި މަޖީދިއްޔާގައި ތައްލީމު ހާސިލް ކުރައްވައި މުޅި މަދްރަސާއިން އެއް ވަނަ ހޯދާ ދަރިވަރަކަށް ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމުގެ ފުރުސަތު ސަރުކާރުން އިއުލާން ކުރުމުން ފުރަތަމަ ފަހަރަށް އެއް ވަނަ ހޯއްދެއްވި ނަމަވެސް، އެފުރުސަތު ލިބިވަޑައެއް ނުގަތްނެވި ނަސީމަކީ ރާއްޖޭގެ ނޫސްވެރި ކަމަށާއި ތައްލީމީ ދާއިރާ އާއި ރާއްޖޭގެ ތާރީހަށާއި ވަރަށް އަގުހުރި ޙިދްމަތްތަކެއް ކޮށްދެއްވި، އަދި ރާއްޖޭގެ ސިޔާސީ ދާއިރާގައި ވެސް ވަރަށް ބޮޑަށް ފާހަގަ ކުރެވުނު ބޭފުޅެކެވެ. ނަސީމްގެ ހިދުމަތްތަކުގެ ތެރޭގައި މާދޫގޭ އަލީ އަހްމަދާއެކު "މޯނިންގ ޕޯސްޓް" ނޫހާއި "ވަގުތު" ނޫސް ނެރުއްވުމުގެ އިތުރުން މަދްރަސަތުލް އާލިޔާގެ ކުޑަކުދިންގެ ކްލާސްތައް ހިންގެވި އެވެ. އޭރު ނަސީމް ދެނެވަޑައިގަންނަވާ ގޭގެއަށް ވަޑައިގެން ބެލެނިވެރިންނާ ބައްދަލްކުރައްވައި، ކްލާސް އުފައްދާ ވާހަކަ އިޝްތިހާރު ކުރައްވައި، މަދު ދުވަސްކޮޅެއްގެ ތެރޭގައި ކްލާސް އުފެއްދެވުމުގައި، އަލީ އަހްމަދު އަރިހުގައި މަސައްކަތް ކުރެއްވި މޭސްތިރިއަކީ ނަސީމެވެ. އާލިޔާ ތަރައްގީ ކުރެއްވުމަށް ފަހު އައްޑުއަތޮޅު ހިތަދޫގައި މަދްރަސަތުލް ޙުސައިނިއްޔާ އުފައްދަވައި، ނަސީމުގެ ނާޒިރު ކަމުގައި 900 އަށް ވަރަކަށް ދަރިވަރުންނަށް ތައްލީމް އުނގަންނައި ދެއްވުމަށްފަހު އައްޑޫ އިންގްލިޝްސްކޫލްގެ ނަމުގައި ހިތަދޫގައި ސްކޫލެއް އުފައްދައި ރާއްޖެއިން ބޭރުން ޕްރިންސިޕަލުންނާއި ޓީޗަރުން ގެންނަވައިގެން އެ ސްކޫލް ހިންގެވި އެވެ. ހަޔާތުގެ ބޮޑުބައިގައި ނަސީމް ޙިދުމަތް ކުރެއްވީ ތަޢްލީމަށް ކަމަށް އެމަނިކުފާނަކީ ރާއްޖޭގައި އެއްވެސް ބާވަތެއްގެ އިންސާނީ ހައްޤަކަށް އެއްވެސް ޙުރުމަތެއް ނުބަހައްޓާކަން ފާހަކޮށް ރާއްޖޭގެ އިންސާނީ ހައްގުތަކާއި ހާލަތު ބަޔާންކޮށް ރިޕޯޓް އެކުލަވައިލައްވާ އެކަންކަން ފުރަތަމަ ފަހަރަށް ބޭރު ދުނިޔޭގެ ސަމާލު ކަމަށް ގެންނެވި ބޭފުޅާ އެވެ. ރައީސް އިބްރާހިމް ނާސިރުގެ ދައުރުގައި ރާއްޖޭގައި ވާނުވާ ނޭނގި ޖަލައްލުމާން ފެށުމާއެކު ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް "ދިވެހި ގައުމު" ގެ ނަމުގައި ނަސީމް ހިންގެވި ސިއްރު ހަރަކާތްތަކެއްގެ ސަބަބުން 1967 ވަނަ އަހަރު ޖަލުގައި ހައްޔަރުކޮށް 11 މަސްދުވަހު ޖަލުގައި ބެހެއްޓެވި އެވެ. އޭރު ޖަލުގައި ކުރަމުންދިޔަ ބޮޑެތި އަނިޔާތަށް ދެކެވަޑައިގެން އެހުރިހާ ވާހަކައެއް އިނގިރޭސި ބަހުންނާއި އަރަބި ބަހުން ލިޔުއްވައި އެމްނެސްޓީ އިންޓަނޭޝަނަލަށް ފޮނުއްވެވި އެވެ. މިއީ މިފަދަ ރިޕޯޓެއް ބައިނަލްއަގްވާމީ އިންސާނީ ޙައްޤުތަކާބެހޭ ޖަމާއަތައް އެންމެ ފުރަތަ ފޮނުއްވައި، އެކަން ބައިނަލްއަގްވާމީ ސަމާލުކަމަށް ގެންނެވި ބޭފުޅަކީ ނަސީމެވެ. ރާއްޖެއިން އިނގިރޭސީން ބޭރު ކުރުމަށް ރައީސް ނާސިރު ފެއްޓެވި މަސައްކަތުގައި އެކްޓިވިސްޓަކަށް ނުކުތް ނަސީމަކީ މާލެ އާއި ހުޅުލެ އާއި ދޫނިދޫގައި އިނގިރޭސީންނާ ދެކޮޅަށް އެތައް ހަރަކާތެއް ރާވައި ހިންގެވުމުގެ އިތުރުން ރާއްޖޭގައި ފުރަތަމަ ކުރި އަންހެނުންގެ މުޒާހަރާ ރާވައި 700 އަށް ވުރެ ގިނަ އަންހެނުންނާއެކު ދޫނިދޫ ފަޅުގައި އިނގިރޭސި ހައިކޮމިޝަނަރު އާތިންޓަން ޑޭވިއާ ދެކޮޅަށް މުޒާހާރަ ކުރެއްވި އެވެ. މުޅި އެ މުޒާހަރާގައި ވެސް ބައިވެރިވެ ވަޑައިގެންނެވި ފިރިހެނަކީ ނަސީމެވެ. ތާރީހީ ފޮތްތައް ވެސް ލިޔުއްވާފައިވާ ކުޅަދާނަ ވާހަކަ ދެއްކުންތެރިއެއްގެ ގޮތުގައި ވެސް ފާހަގަ ކުރެވިފައިވާ ނަސީމް ފަހުން ސިޔާސީ ބޭފުޅަކަށްވެ، އެމަނިކުފާނު ދައްކަވާ ވާހަކަތަކާ ދޭތެރޭގައި މީހުން ޖެހިލުންވާން ފެށުމުން ރާއްޖެ ދޫކުރައްވައި އަމިއްލަ ފުޅަށް އަރުވާލެއްވިގެން ޕާކިސްތާނުގައި ވެސް ދުވަސްތައް ހޭދަ ކުރެއްވި އެވެ. ރާއްޖެ ވަޑައިގެން ސަރުކާރުގެ ޙިދުމަތާ ނަސީމް ގުޅިވަޑައިގަތީ 1996 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ. އެގޮތުން މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ އަތޮޅުވެރިޔާގެ ބަދަލު ކަމުގެ މަގާމުގައި 12 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއް ހޭދަކުރެއްވި އިރު، ރާއްޖޭގެ ހަ އަތޮޅު ފިޔަވައި އެހެން ހުރިހާ އަތޮޅެއް، ވަގުތީގޮތުން ހިންގެވި އެވެ. ނަސީމް އެންމެ ފަހު ރަސްމީ މަސައްކަތެއްގައި އުޅުއްވެވީ ގައުމީ އިނާމް ކޮމެޓީގަ އެވެ.