މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ޑިރެކްޓަރުގެ މަގާމު އުވާލުމާއެކު އެ މަގާމުގައި ހުންނެވި އަހުމަދު ޒުހައިރުގެ ދަރިފުޅު އަޒާން ޒުހައިރު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ބޯޑުން އިސްތިއުފާ ދެއްވައިފިއެވެ.
ޒުހައިރު މިރޭ 'ސަން' އަށް ވިދާޅުވި ގޮތުގައި ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އަބްދުﷲ ސޯދިގު (ސޯބެ)އާއެކު ފޮޓޯއެއް ނެގި މައްސަލައިގައި އޭނާގެ މަގާމު އުވާލީއެވެ.
އެފަހުން އޭނާގެ ދަރިފުޅު ވެސް މިވަނީ މަގާމުން ވަކިވެފައެވެ.
އަޒާން ހުންނެވީ އައްޑޫ އިންޓާނޭޝަނަލް އެއާޕޯޓުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމުގައެވެ. މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަޒާން ވަނީ އޭނާ އިސްތިއުފާދެއްވީ ސިޔާސީ ކަމެއްގައި ބައްޕަގެ ވަޒީފާ ގެއްލުވައިލުމުން ކަމަށް ވިދާޅުވެއެވެ.
އަޒާން ވަނީ އޭނާގެ ބައްޕައަކީ އަބަދުވެސް އެމްޑީޕީއަށް ވަފާތެރި އެ ޕާޓީއަށް ތާއީދުކުރައްވާ ބޭފުޅެއް ކަމަށާއި އެމްޓީއެސްބީގެ ޑިރެކްޓަރުގެ މަގާމަށް ބައްޕަ އައްޔަންކުރެވުނީ އޭވިއޭޝަން ދާއިރާގައި ހުރި ތަޖުރިބާއަށް ބަލައި އިންޓަވިއު މަރުހަލާ ވެސް ފުރިހަމަކުރުމަށްފަހު ކަމަށް ވިދާޅުވެފައެވެ. އަދި އެއީ އެއްވެސް ގޮތަކުން ސިޔާސީ މަގާމެއް ނޫން ކަމަށާއި، އެ މަގާމާ ހަވާލުވުމުގައި ޕީއެންސީ އަށް ތާއީދުކުރަން ޖެހޭނެ ފަދަ އެއްވެސް ޝަރުތެއް ކުރެވިފައި ނުވާކަމަށް އަޒާން ވިދާޅުވިއެވެ. އަދި އެފަދަ ޝަރުތެއް އޮތްނަމަ އެ މަގާމު އޭނާގެ ބައްޕަ ގަބޫލެއް ނުކުރައްވާނެ ކަމަށް އަޒާން ވަނީ ވިދާޅުވެފައެވެ.
އޭނާ ވަނީ ވޭތުވެދިޔަ އަހަރުގެ ތެރޭގައި އެމްޑީޕީގެ އެއްވެސް ކެމްޕޭން ހަރަކާތެއްގައި އޭނާގެ ބައްޕަ ބައިވެރިވެފައި ނުވާކަމަށާއި ބައިވެރިވީ ހަމައެކަނި ސޯބެގެ ކެމްޕެއިން އިވެންޓުގައި ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ސޯބެއަކީ އާއިލީ ގުޅުމެއް އޮތް ބޭފުޅަކަށް ވުމުން ކަމަށް ވިދާޅުވިއެވެ. އަދި އެކަމުގެ މައުލޫމާތު 15 ދުވަސް ކުރިން މިނިސްޓްރީއާ ވެސް ހިއްސާކޮށްފައިވާ ކަމަށް އަޒާންގެ ޕޯސްޓުގައިވެއެވެ.
ނަމަވެސް ސަރުކާރުގެ ބައެއް ބޭފުޅުން އޭނާގެ ބައްޕަ މަގާމުން ވަކިކުރުމަށް މަސައްކަތް ކުރެއްވިކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. އަދި އޭނާގެ ބައްޕައަކީ ސިޔާސީ މަގާމެއްގައި ހުރި މީހެއް ނޫންކަމުން ވަޒީފާއިން ވަކިކުރުމުގެ ގޮތުން އެ މަގާމު އުވާލީ ކަމަށް ވެސް އަޒާން ތުހުމަތުކުރެއްވިއެވެ.
"މިފަދަ ގޮތަކަށް އަމަލުކުރާ ސަރުކާރެއް ތަމްސީލުކުރުމުގައި ދެމިހުރުމަކީ އަޅުގަނޑަށް ކުރެވޭނެ ކަމެއް ނޫން. އެހެންކަމުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ބޯޑް އޮފް ޑައިރެކްޓަރުންގެ ޗެއާޕާސަންގެ މަގާމުން އަޅުގަނޑު މިއަދު ވާނީ އިސްތިއުފާ ހުށަހަޅާފައި،" އަޒާންގެ ޕޯސްޓުގައި ވެއެވެ.
އަޒާން ވަނީ އޭނާ އެ މަގާމުގައި ހުރި މުއްދަތުގެތެރޭގައި އޭއައިއޭގެ ޓީމުން ދެއްވި އެއްބާރުލުމަށް އިހްލާސްތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.
އަޒާންގެ ބައްޕަ ޒުހައިރަކީ އޭވިއޭޝަން ދާއިރާގައި ތަޖުރިބާކާރު ބޭފުޅެކެވެ. ޒުހައިރު ވަނީ އެމްޑީޕީގެ ވެރިކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ. އޭނާ ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރީ އެ މަގާމަށް ހުޅުވައިލި ފުރުސަތުގައި ކުރިމަތިލެއްވި މީހުންނާ އިންޓަވިއު ކުރުމަށް ފަހުގައެވެ.