ޕޭޕަލްއާއެކު ދުނިޔޭގެ ޑިޖިޓަލް އިގުތިސާދުގައި ދިވެހީންގެ ބައިވެރިވުން މިހާރު ފުޅާކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
ދިގު އިންތިޒާރަކަށް ފަހު، ރާއްޖެއަށް މިއަދު ވަނީ ޕޭޕަލްގެ ޚިދުމަތް ތައާރަފުކޮށްފައެވެ. އުރީދޫގެ ޕާޓްނަޝިޕާއެކު ތައާރަފުކުރި މި ޚިދުމަތް އިފުތިތާހުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
ޕޭޕަލް ތައާރަފު ކުރުމުގެ ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ، މިއަދަކީ އައު ސަފުހާއެއްގެ ފެށުން ކަމަށާއި، ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތައާރަފުކުރެވިގެން ދިއުމާއެކު ދުނިޔެ މިހާރު މި އޮތީ ދިވެހީންގެ އިނގިލިކުރީގައި ކަމަށެވެ.
"ކޮންޓެންޓް ކްރިއޭޓަރުންނަށާއި ފްރީލާންސަރުންނަށް، މިއީ އަދި ނިމުމެއްނޫން، މިއަދަކީ އައު ބޮޑު ސަފުހާއެއްގެ ފެށުމެއް، މިއަދަކީ އިންތިޒާރެއްގެ ނިމުމެއް، ދުނިޔެ މިހާރު މި އޮތީ އަޅުގަނޑުމެންގެ އިނގިލި ކުރީގައި،" ސަޢީދު ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކައިގައި ވަނީ، ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތައާރަފުކުރުމަށް ސަރުކާރުން ކުރި މަސައްކަތަށް އަލިއަޅުވައިލައްވައިފައެވެ. އެގޮތުން ޕޭޕަލްގެ ޚިދުމަތް ހޯދުމަށްޓަކައި އެ ކުންފުންޏަށް ސަރުކާރުން ސީދާ ހުށަހެޅިކަމާއި، ރާއްޖެއަށް ޕޭޕަލް ތައާރަފުކުރަން ޕްރޮޕޯސަލް ހުށަހެޅި ކަމާއި، ޕޭޕަލް ތައާރަފުކުރުމަށްޓަކައި ޓެސްޓިން މަސައްކަތްތައް ކުރިއަށް ގެންދެވުނު ކަން އޭނާ ފާހަގަކުރެއްވިއެވެ.
ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތައާރަފުކުރުމަކީ 10 އަހަރުގެ އިންތިޒާރުގެ ނިމުން ކަމުގައި ސަޢީދު ސިފަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޝާދީ ޤަވަސްމީ ވިދާޅުވީ، އުރީދޫގެ އެމްފައިސާ މެދުވެރިކޮށް ޕޭޕަލްގެ ޚިދުމަތް ދެވެން ފެށުމަކީ ރާއްޖޭގެ އިގުތިސާދު ކުރިއަރުވައި ދުނިޔޭގެ އެހެން ގައުމުތަކާ އެއް ހަމަ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
މިއީ ވިޔަފާރިތަކަށް ހިތްވަރުދީ، ވަރުގަދަ ރާއްޖެއެއް ބިނާކުރަން އެޅުނު މުހިންމު ބިންގަލެއް ކަމަށް، ސީއީއޯ ވިދާޅުވިއެވެ.
އުރީދޫން ކުރިން ބުނި ގޮތުގައި، ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތައާރަފުކުރުމުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕޭޕާލްގެ ޚިދުމަތް ގަބޫލުކުރާ ކޮންމެ ވިޔަފާރިއަކާއެކުވެސް ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް ވެސް ވިޔަފާރިކޮށް، ޕޭޕަލް އަދި އެމްފައިސާ އެކައުންޓްތަކުން ފައިސާގެ މުއާމަލާތް ކުރެވޭނެއެވެ.
މީގެ އިތުރުން ރާއްޖޭގެ ވިޔަފާރިތަކަށް ބައިނަލްއަގުވާމީ ކަސްޓަމަރުންނާ ހަމައަށް ވާސިލުވެ، ވިޔަފާރި ކުރުމުގެ ފުރުސަތު ފަހިވާނެކަން އުރީދޫން ފާހަގަކުރިއެވެ.