ޕޭޕަލްގެ ޚިދުމަތް ފަށަން ދެން މާ ގިނަ ދުވަހެއް ނެތް: ސަޢީދު

އިކޮނޮމިކް މިނިސްޓަރު ސަޢީދު: ވިދާޅުވީ ޕޭޕަލް ފެށެން މާ ގިނަ ދުވަހެއް ނެތް ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ބައިނަލްއަގުވާމީ ފައިސާގެ މުއާމަލާތްތައް ކުރުން ފަސޭހަކޮށްދޭ ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް އަންނަން މާ ގިނަ ދުވަހެއް ދެން ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސަޢީދު ވިދާޅުވީ، މިހާރު އުރީދޫން ގެންދަނީ ޕޭޕަލްގެ އިންޓެގްރޭޝަން މަސައްކަތާއި ޓެސްޓިން ފޭސްގެ މަސައްކަތްކުރަމުން ކަމަށެވެ.

"ދެން އޮންނާނީ ރަސްމީކޮށް ލޯންޗުކޮށް، ދިވެހިން ބޭނުންކުރަން ފެށުން، އަޅުގަނޑު ހިތެއް ނުބުނޭ މާ ގިނަ ދުވަސް ވެދާނެއެކޭ،" އޭނާ ވިދާޅުވިއެވެ.

ނަމަވެސް، ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތައާރަފުކުރެވޭނީ ސީދާ ކޮން ތާރީޚެއްގައިކަން ސަޢީދު ވިދާޅެއްނުވިއެވެ.

ޕޭޕަލް ފަދަ ޒަމާނީ ޕޭމެންޓް ޚިދުމަތްތައް ތައާރަފުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދުފުޅުގެ ދަށުން، ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ފެށުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް މިދިޔަ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު އިކޮނޮމިކް މިނިސްޓްރީން އިއުލާންކުރިއެވެ.

ރާއްޖެއަށް ޕޭޕަލް ތައާރަފުކުރުމަށް ހަމަޖެހިފައިވަނީ އުރީދޫއާއެކު ހަދާ ޕާޓްނާޝިޕެއްގެ ދަށުންނެވެ. މިދިޔަ އަހަރު އެ ކުންފުނިން ވަނީ މި އަހަރު ތެރޭ ޕޭޕަލްގެ ޚިދުމަތް ތައާރަފުކުރެވޭނެ ކަމަށް ބުނެފައެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި ސަޢީދު ވިދާޅުވީ، ޕޭޕަލް ތައާރަފުކުރުމުގެ މަސައްކަތް މި ވަގުތު ބާރަަށް ކުރިއަށްދާ ކަމަށާއި، ދާދި އަވަހަށް ޚިދުމަތް ދެވޭނެ ކަމަށެވެ. ނަމަވެސް، އެކަމަށް ވަކި ތާރީޚުތަކެއް ދިނުމަށް ދަތިވަނީ ޕޭޕަލްގެ ޚިދުމަތް ދިނުމުގައި ޓެސްޓިން މަރުހަލާތަކެއް ކުރިއަށްދާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/218650

މިދިޔަ އޮކްޓޫބަރު މަހު އިކޮނޮމިކް މިނިސްޓްރީން ވަނީ ޕޭޕަލް ފަދަ ޚިދުމަތްތައް ގައުމުތަކުގައި ފަށައިގަތުމަށް ފުރިހަމަކުރަން ޖެހޭ ކަންކަން ގިނަކަން ފާހަގަކޮށް، ފަންނީ އަދި މާލީ އެފަދަ ޒަމާނީ މުއާމަލާތްތައް ކުރުމުގައި ރާއްޖެފަދަ ގައުމުތަކަށް ޒަމާނުއްސުރެ ދަތިތައް އޮތް ކަމަށް ބުނެފައެވެ.

އެ ދަތިތަކުން އަރައިގަނެ، ބައިނަލްއަގުވާމީ ޚިދުމަތްތައް ރާއްޖޭގައި ފަށައިގަތުމަށް މި ސަރުކާރުން ވަނީ ވަރަށް ބޮޑު އިސްކަމެއް ދީ، އެތަކެއް ގޮންޖެހުންތަކަކުން އަރައިގެންފައި ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

comment ކޮމެންޓް