ހިންދީ ސިނަމާގެ އެންމެ މަގުބޫލު އަދި ހުނަރުވެރި ބަތަލާއިންގެތެރޭ ހިމެނޭ ދީޕިކާ ޕަދުކޯން ފަދަ ދެވަނަ އަންހެން ތަރިއެއް ފިލްމު އިންޑަސްޓްރީއަށް ދެން ނާންނާނެ ކަމަށް ބަތަލާ ކަންގަނާ ރަނާވަތު ބުނެފިއެވެ.
ކަންގަނާ ދާދިފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބޮލީވުޑްގެ އެކި ޒަމާންތަކުގައި ފެނިގެންދިޔަ މަޝްހޫރު ބަތަލާއިންނާ ބެހޭގޮތުން ދެކެވުނު ވާހަކައެއްގައި ބުނީ، ކޮންމެ ދައުރެއްގައިވެސް އެހެން މީހަކަށް ބަދަލު ނުކުރެވޭނެ ފަދަ ތަރިންތަކެއް ތިބޭނެ ކަމަށެވެ.
"އަހަރެމެންނަށް ހީވަނީ ބަތަލާއިން އަންނަނީ އަދި ދަނީ ކަމަށް. އެކަމަކު ހަގީގަތަކީ އެއެއް ނޫން. މީނާ ކުމާރީ ފަދަ ދެވަނަ މީހަކު ނުފެންނާނެ. މާދޫރީ ޑިކްސިޓް ފަދަ ދެވަނަ މީހަކު ނާންނާނެ. މިއީ ހަމައެކަނި އަހަރެންގެ ވާހަކައެއް ނޫން. އަހަރެން ގަބޫލުކުރާ ގޮތުގައި ދީޕިކާ ޕަދުކޯން ފަދަ ދެވަނަ ބަތަލާއަކުވެސް ދެން ނުފެންނާނެ" ކަންގަނާ ބުނެފައިވެއެވެ.

ފިލްމު "ކިންގް"ގެ ސެޓުގައި ޝާހު އަދި ދީޕިކާ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
ކަންގަނާ އިތުރަށް ބުނި ގޮތުގައި، ހޭމާ މާލިނީ، ވަހީދާ ރަހުމާން ނުވަތަ މަދޫބާލާ ފަދަ ތަރިންނަކީ އެ ބަތަލާއިންގެ ޒަމާނުގައި އެހެން ބަޔަކަށް ބަދަލު ނުކުރެވޭނެ ފަދަ ހާއްސަ ފިލްމީ ފަންނާނުން ކަމަށެވެ. އެގޮތުން ކޮންމެ ޖީލެއްގައިވެސް އެ ޖީލެއް ތަމްސީލުކޮށްދޭ، އަދި އެހެން މީހަކަށް އެ މަގާމު ފުރާނުލެވޭނެ ފަދަ މޫނުތަކެއް ސްކްރީނަށް އަންނާނެ ކަމަށް ކަންގަނާ ވަނީ ބުނެފައެވެ.
ކަންގަނާގެ މި ވާހަކަތަކަށް އެއްބަސްވެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ހިޔާލުފާޅުކޮށްފައިވާއިރު، ރެޑިޓް ބޭނުންކުރާ މީހަކު ލިޔެފައިވަނީ، ކަންގަނާގެ ވިސްނުން ހުރި ސާފު ސީދާ ގޮތާމެދު އުފާކުރާ ކަމަށެވެ.
ބަތަލާ ދީޕިކާއަށް ތައުރީފުކޮށް ކަންގަނާ ވަނީ މީގެކުރިންވެސް މީޑިއާއަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކާފައެވެ. އެގޮތުން މަސައްކަތުގެ ވަގުތު ކުރުކޮށްދިނުމާގުޅޭގޮތުން ދީޕިކާ ކަނޑައަޅާފައިވާ މިންގަނޑުތަކަށް ތާއީދުކޮށް ކަންގަނާ ވާހަކަ ދައްކާފައިވެއެވެ.
ޕީޓީއައިއަށް ކުރިން ދިން އިންޓަވިއުއްގައި ކަންގަނާ ބުނީ، ފިލްމީ ދާއިރާގައި ކާމިޔާބީގެ ހަރުފަތްތަކެއް ގިރާކުރުމަށްފަހު މަސައްކަތް ކުރާނެ ވަގުތު އަމިއްލައަށް އިހުތިޔާރު ކުރުމަކީ ފިލްމީ ތަރިންނަށް ލިބެންޖެހޭ އަމިއްލަ ހައްގެއް ކަމަށެވެ.
ފިލްމު "ސިންގްހަމް އަގެއިން"ގެ ރޯލަކުން އެންމެފަހުން ފެނުނު ބަތަލާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަހަރުގެ ޑިސެމްބަރު ރިލީޒްކުރާ ފިލްމު "ކިންގް"ގެ ރޯލަކުންނެވެ.