އެންގުމާ ޚިލާފަށް ގދ. އަތޮޅު ކައުންސިލުން ކުރި ތަޖުރިބާ ތިން ދަތުރަކަށް 1.9 މިލިއަން ރުފިޔާ ޚަރަދުކުރިކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓް އޮފީހުން ނެރުނު 'ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް' ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އެ އަހަރު ކައުންސިލް އިދާރާއިން ކޮށްފައިވާ ތިން ދަތުރަކަށް ޖުމްލަ 1.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ނަމަވެސް އެއީ ދައުލަތުގެ ޚަރަދުތައް ކޮންޓްރޯލްކޮށް އެފިޝަންސީ އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީ އަދި މިހާރު އުވާލާފައިވާ ކުރީގެ ލޯކަލް ގަވަނަންސް މިނިސްޓްރީން އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ޚަރަދެއް ކަމަށް ބެލެވެން ނެތް ކަމަށް ވެސް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.
އޭގެން އެއް ދަތުރަކީ ކައުންސިލް ތަމްސީލުކުރާ ނުވަ މެންބަރުންނާއި، ސެކްރެޓަރީ ޖެނެރަލް ހިމެނޭހެން 10 ބޭފުޅުން އެ އަހަރު ސްރީ ލަންކާއަށް ކުރެއްވި ތަޖުރިބާ ދަތުރެކެވެ. މި ދަތުރަށް 894،082 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި އެ ކައުންސިލް އިދާރާގެ 17 މުވައްޒަފުން އެ އަހަރު ސްރީ ލަންކާއަށް ކުރެއްވި ތަޖުރިބާ ދަތުރަށް 306،848 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުންޏެވެ.
މީގެ އިތުރުން ގދ. އަތޮޅުގެ ރަށްތަކުގެ އޮޅުއަލަ ދަނޑުތަކަށް ދިމާވެފައިވާ 'ޓާރޯ ލީފް'ގެ މައްސަލައަށް ފަރުވާ ނުވަތަ ހައްލު ހޯދޭނެ ފަދަ ސައިޓްތަކަށް ޒިޔާރާތްކުރުމާއި، ލޯކަލް ޓޫރިޒަމާ ގުޅޭ ގދ. އަތޮޅުގެ ރަށްތަކާ އެންމެ މިއުޗުއަލް ސައިޓްތަކަށް ޒިޔާރާތް ކުރުމަށް އަތޮޅު ކައުންސިލް ތަމްސީލުކުރާ ނުވަ މެންބަރުންނާއި، ސެކްރެޓަރީ ޖެނެރަލް ހިމެނޭހެން ޖުމްލަ 10 ބޭފުޅުން 13 ދުވަހަށް ތައިލޭންޑަށް ކޮށްފައިވާ ތަޖުރިބާ ދަތުރަކަށް 723،936 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް މި ޚަރަދަކީ ދައުލަތުގެ ޚަރަދުތައް ކޮންޓްރޯލްކޮށް އެފިޝަންސީ އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީ އަދި މިހާރު އުވާލާފައިވާ ކުރީގެ ލޯކަލް ގަވަނަންސް މިނިސްޓްރީން އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ޚަރަދެއް ކަމަށް ބެލެވެން ނެތް ކަމަށް ވެސް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.
މި ދަތުރު ރިޕޯޓުގައި ތައިލެންޑުގެ ކަމާބެހޭ އިދާރާތަކާއި ރިސާޗް އިންސްޓިޓިއުޓްތަކާއި ރަސްމީ ގޮތުން ގަބޫލުކުރާ ދަނޑުވެރިކަމުގެ ޖަމިއްޔާތަކާ ބައްދަލުކޮށްފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް ނެތްކަން ވަނީ ފާހަގަކޮށްފައެވެ. އަދި އެ ގައުމުގެ ދަނޑުވެރިކަމާއި، ފަތުރުވެރިކަމާ ގުޅުންހުރި އިދާރާތަކާ ބައްދަލުކޮށްފައިވާކަން އެނގެން ނެތް ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.
އޮޑިޓް ރިޕޯޓުގައި އިތުރަށް ފާހަގަކުރި ކަންކަމުގެ ތެރޭގައި އެ ކައުންސިލަށް 2024 ވަނަ އަހަރުގެ ނިޔަލަށް ލިބެންޖެހޭ ފައިސާގެ ރެކޯޑު ރަނގަޅަށް ބަލަހައްޓާފައެއް ނުވެއެވެ. އެގޮތުން ބިލު ރަޖިސްޓާކުރުމާއި، ސްޓޭޓް ހައުސްގެ ރެކޯޑު ބަލަހައްޓާ ވެބް އެޕްލިކޭޝަން އަދި ކުރީގެ އަހަރުތަކުން ލިބެންޖެހޭ 833،070 ރުފިޔާ އެ ކައުންސިލަށް ނުލިބިވާކަން ފާހަގަކުރިއެވެ. އަދި އެ ފައިސާ ހޯދަން، ދައުލަތުގެ މާލިއްޔަތުގެ ގަވައިދާ އެއްގޮތަށް މަސައްކަތް ކޮށްފައި ނުވާކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކުރިއެވެ.
އޭގެ ތެރެއިން 2018 ވަނަ އަހަރުގެ އޮޑިޓުގައި ކައުންސިލް އިދާރާގެ ވަށާފާރު ރޭނުމުގެ މަސައްކަތަށް އިތުރަށް ދީފައިވާ ކަމަށް ފާހަގަކޮށްފައިވާ 233،018 ރުފިޔާ ހޯދަން 2018 ވަނަ އަހަރުން 2023 ވަނަ އަހަރުގެ ނިޔަލަށް އޮޑިޓް އޮފީހުން ކޮންމެ އަހަރަކު ވެސް ލަފާ ދިން ކަމަށް ބުންޏެވެ. ނަމަވެސް އެ ފައިސާ ހޯދަން ދީފައިވާ ލަފަޔާ އެއްގޮތަށް ކައުންސިލުން މަސައްކަތް ނުކުރާ ކަމަށް އޮޑިޓް އޮފީހުން ފާހަގަކުރިއެވެ.
ހަމައެއާއެކު އެ ކައުންސިލަށް ދައުލަތުގެ އާމްދަނީގެ ގޮތުގައި 2024 ވަނަ އަހަރުގެ ނިޔަލަށް ލިބުނު 180،100 ރުފިޔާ، އޮޑިޓް ކުރި ތާރީޚު ކަމަށްވާ މިދިޔަ އަހަރުގެ އޮގަސްޓު 18 ގެ ނިޔަލަށް ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާކޮށްފައި ނުވާ ކަމަށް ވެސް އޮޑިޓުން ފާހަގަކުރިއެވެ.