ސަރުކާރުގެ ކަރަންޓު ކުންފުނި، ސްޓެލްކޯއަށް އެކި އިދާރާތަކުން ދައްކަން ޖެހޭ ކަރަންޓު ބިލުތަކާއި ދަރަނީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު 948 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އެ ކުންފުނީގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.
އޮޑިޓު އޮފީހުން އިއްޔެ ވަނީ، ސްޓެލްކޯގެ މިދިޔަ އަހަރުގެ އޮޑިޓެއްކޮށް، އެ އޮފީހަށް ފާހަގަވި ކަންކަމުގެ މައްޗަށް ބިނާކޮށް އޮޑިޓު ރިޕޯޓެއް ނެރެފައެވެ.
ސާޅީސް އަށް ސަފުހާގެ ދިގު އެ ރިޕޯޓުގައި ބުނި ގޮތުގައި، ސަރުކާރުގެ އެކި އިދާރާތަކުން ޖުމުލަ 948 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސްޓެލްކޯއަށް ނުދައްކާ އެބަ އޮތެވެ. އެކަމަކު، އޭގެ ކުރިން 2024ގައި، ސަރުކާރުގެ އިދާރާތަކުން ދަރަނީގެ ގޮތުގައި ނުދައްކާ އޮތީ 773 މިލިއަން ރުފިޔާއެވެ. އެއީ، މިދިޔަ އަހަރާ އަޅާ ބަލާއިރު، ގާތްގަނޑަށް 22 އިންސައްތައިގެ އިތުރުވުމެކެވެ.
އެ ހިސާބުތަކަށް ބަލާއިރު، ބިލުތަކާއި ދަރަނި ހިމެނޭހެން ސްޓްލެކޯއަށް ފައިސާ ދައްކަން ޖެހޭ އިދާރާތަކުގެ އަދަދު 19އަށް އަރައެވެ.

ކަރަންޓު ބިލާއި ފެން ބިލުތަކެއް: ސްޓެލްކޯއަށް ކުންފުނިތަކުން ނުދައްކާ އޮތް ދަރަނީގެ އަދަދު 948 މިލިއަނަށް ވަނީ އަރާފައި --- ސަން ފޮޓޯ
އޭގެތެރެއިން އެންމެ ބޮޑު އަދަދެއް ނުދައްކާ އޮތީ، ފިނޭންސް މިނިސްޓްރީންނެވެ. މިގޮތުން، އެ ކުންފުނިން އެކަނި، 333 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސްޓެލްކޯއަށް ދައްކަން ޖެހެއެވެ. ދެން އެންމެ ބޮޑު އަދަދެއް ދަރަނީގެ ގޮތުގައި ސްޓެލްކޯއަށް ދައްކަން ޖެހެނީ، ދައުލަތުގެ މީޑިއާ (ޕީއެސްއެމް)އިންނެވެ. މިގޮތުން، އެ ކުންފުނިން 163 މިލިއަން ރުފިޔާ ދައްކަން ޖެހެއެވެ.
މީގެއިތުރުން، މާލެ ސިޓީ ކައުންސިލުން 53 މިލިއަން ރުފިޔާ ސްޓެލްކޯއަށް ދައްކަން ޖެހޭއިރު، ހައުސިން މިނިސްޓްރީން ސްޓެލްކޯއަށް ދަރާފައި އޮތީ 43 މިލިއަނެވެ.
ދެން އެންމެ ބޮޑު އަދަދަކުން ސްޓެލްކޯއަށް ދަރާފައި އޮތީ ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އެވެ. އެ ކޯޕަރޭޝަނުން 33 މިލިއަން ރުފިޔާ ދައްކަން އޮތްއިރު، ސަރުކާރުގެ ފެން ކުންފުނި (އެމްޑަބްލިއުއެސްސީ)އިން 24 މިލިއަން ރުފިޔާ ސްޓްލެކޯއަށް ދައްކަން އެބައޮތެވެ.
އިތުރަށް ދަރާފައިވާ ކުންފުނިތައް:
- އެހެނިހެން އިދާރާތައް 221 މިލިއަން
- އެންވަޔަރަމެންޓް މިނިސްޓްރީން 18 މިލިއަން
- ފެނަކަ ކޯޕަރޭޝަނާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ން 14 މިލިއަން
- އެސްޓީއޯއިން 8.9 މިލިއަން
- އެމްޓީސީސީން 7.8 މިލިއަން
- އައިޖީއެމްއެޗުން ހަތަރު މިލިއަން
- ނެޝަނަލް ސެންޓާ ފޯ ދަ އާޓްސްއިން ދެ މިލިއަން
- އެމްޕީއެލްއިން 1.9 މިލިއަން
- މިފްކޯއިން 1.4 މިލިއަން
- ގައުމީ ބެންކު، ބީއެމްއެލްއިން 1.1 މިލިއަން
- ކަސްޓަމްސްއިން އެއް މިލިއަން
- އެންސްޕާއިން 60،000 ރުފިޔާ
- އެލްޖީއޭއިން 55،000 ރުފިޔާ