އެމެރިކާއާއި އީރާނުގެ ސުލްހައިގެ އެއްބަސްވުމުގައި މިއަދު ސޮއިކުރާނެ: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. އެމެރިކާއާއި އީރާނުގެ ސުލްހައިގެ އެއްބަސްވުމުގައި މިއަދު ސޮއިކުރާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައި. ފޮޓޯ/ރޮއިޓާސް

އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެކުލަވާލާ ސުލްހައިގެ އެއްބަސްވުމުގައި މިއަދު ސޮއިކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް އެހެން ވިދާޅުވި ނަމަވެސް، މި އެއްބަސްވުމުގައި ސޮއިކުރާނެ ސީދާ ތާރީޚަކާމެދު އީރާނުން ވަނީ ސުވާލު އުފައްދާފައެވެ. މިއީ ފާއިތުވި ހަތަރު މަސްދުވަހުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ނިމުމެއް ގެނައުމަށް ކުރެވޭ އެންމެ މުހިންމު މަސައްކަތެވެ.

ޓްރުތް ސޯޝަލްގައި ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މިއަދު އެއްބަސްވުމުގައި ސޮއިކުރުމަށް ވަނީ ތާވަލުކުރެވިފައެވެ. އަދި އެއްބަސްވުމުގައި ސޮއިކުރެވޭހާ އަވަހަކަށް، ދުނިޔޭގެ ވިޔަފާރީގެ މުހިންމު މަގެއް ކަމަށްވާ ހޮރުމުޒް ކަނޑުއޮޅި އެންމެންނަށް ހުޅުވާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަށް އިޝާރާތްކުރައްވައި ޓްރަމްޕް ވިދާޅުވީ، ހާލަތު އާންމުވުމުން އީރާނުގައި ހުރި ފައްކާކޮށްފައިވާ ޔުރޭނިއަމް ނަގައި، އެ ތަކެތި ނައްތާލެވޭނެ ކަމަށެވެ. އީރާނުން ދެން ނިއުކްލިއާ ހަތިޔާރެއް އުފައްދަން ބޭނުންނުވާ ކަމަށާއި، އެފަދަ ހަތިޔާރެއް އެ ގައުމަށް ނުވެސް ލިބޭނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަދި ކަންކަން އޮމާންކަމާއެކު ކުރިއަށް ނުގޮސްފިނަމަ، އެމެރިކާއިން އެހެން ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރުވެސް ޓްރަމްޕް ވަނީ ދެއްވާފައެވެ.

މި މައްސަލައިގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވި ގޮތުގައި، ސުލްހައިގެ އެއްބަސްވުމަކާ މިހާރު ވަނީ ވަރަށް ބޮޑަށް ގާތްވެފައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝެހެބާޒް ފާހަގަކުރެއްވި ގޮތުގައި، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އެއްބަސްވުން ފައިނަލް ކުރެވޭނެ ކަމަށް ބެލެވެއެވެ. އަދި އެއަށްފަހު ވަގުތުން އެއްބަސްވުމުގައި ސޮއިކުރުމަށް ޕާކިސްތާނުން ތައްޔާރުވަމުންދާ ކަމަށާއި، އަންނަ ހަފުތާގައި ޓެކްނިކަލް ފެންވަރުގެ މަޝްވަރާތައް ފެށޭނެ ކަމަށްވެސް ޝެހްބާޒް ވިދާޅުވިއެވެ. ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިންވެސް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

ހުރުމުޒް ކަނޑުއޮޅީ، އެއްބަސްވުމެއްގެ ދަށުން އެމެރިކާއާއި އީރާނާ ދެމެދު އޭޕްރީލް މަހުގެ ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އިތުރު 60 ދުވަހަށް އިތުރުކޮށް، ހޮރްމުޒް އަލުން ހުޅުވާލާނެ. ފޮޓޯ/ރޮއިޓާސް

ނަމަވެސް، ޓްރަމްޕްގެ ވާހަކަތަކާ ގުޅިގެން އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވަނީ އެއްބަސްވުމުގައި ސޮއިކުރާނެ ތާރީޚާމެދު ސަމާލުވުމަށް އެދިވަޑައިގެންފައެވެ. އޭނާ ވިދާޅުވި ގޮތުގައި، އެއްބަސްވުމުގައި ސޮއިކުރާނެ ސީދާ ތާރީޚެއް އަދި ކަށަވަރެއް ނުވެއެވެ. އަދި މިއަދު އެއްބަސްވުމުގައި ސޮއިނުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އެއްބަސްވުމުގައި ސޮއިކުރުމުގެ ފުރުސަތު އޮތް ކަމަށް ފާހަގަކުރެއްވިއެވެ.

އީރާނުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އާދީއްތަ ދުވަހު ސޮއިކުރުމަށް ޓްރަމްޕް ބާރުއަޅުއްވަނީ އެ ދުވަހަކީ އޭނާގެ 80 ވަނަ އުފަންދުވަސް ކަމަށްވާތީއެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ވަރުގަދަ ހަމަލާތަކަކާއެކު ފެށުނު ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އެމެރިކާއިން “އޮޕަރޭޝަން އެޕިކް ފިއުރީ” ގެ ނަމުގައި ފެށި މި ހަމަލާތަކުގައި ފުރަތަމަ 12 ގަޑިއިރުގެ ތެރޭގައި 900 އަށްވުރެ ގިނަ ހަމަލާ އީރާނުގެ އެކި ސަރަހައްދުތަކަށް ދީފައިވެއެވެ. މީގެ ތެރޭގައި އީރާނުގެ އަސްކަރީ މަރުކަޒުތަކާއި ނިއުކްލިއާ ފެސިލިޓީތައް ހިމެނެއެވެ. އެ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން ވަނީ އިސްރާއީލަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ހަމަލާދީފައެވެ. އަދި ދުނިޔޭގެ ތެލާއި ގޭހުގެ ވިޔަފާރިއަށް ނުހަނު މުހިންމު ހޮރުމުޒް ކަނޑުއޮޅި އީރާނުން ބަންދުކުރިއެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، އިގުތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނެވެ.

އޭޕްރީލް މަހު ހަމަލާތައް މެދުކަނޑާލުމަށް އެއްބަސްވެފައިވީ ނަމަވެސް، ދޭތެރެ ދޭތެރެއިން ދެ ފަރާތުންވެސް ދަނީ ހަމަލާ ބަދަލުކުރަމުންނެވެ. އެގޮތުން، މި ހަފުތާގައިވެސް ދެ ފަރާތުން ވަނީ ހަމަލާތަކެއް ބަދަލުކޮށްފައެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ހާމަކޮށްފައިވާ ގޮތުގައި، ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރި ވިޔަފާރި ބޯޓުފަހަރަށް އަމާޒުކޮށް އީރާނުން ފޮނުވާލި އެތައް ޑްރޯނެއް އެމެރިކާ ސިފައިން ވަނީ ވައްޓާލާފައެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވި ގޮތުގައި، އެމެރިކާއާއެކު ވެވޭ އެއްބަސްވުމުގެ ދަށުން ލުބުނާނުގައި އިސްރާއީލާއި ހިޒްބުﷲ އާ ދެމެދު ހިނގަމުންދާ ހަމަލާތައްވެސް ހުއްޓުމަކަށް އަންނާނެއެވެ. މީގެ އިތުރުން، ހޮރުމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމާއި، އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން އަޅާފައިވާ ބްލޮކޭޑު އުވާލުންވެސް މި އެއްބަސްވުމުގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ މަޝްވަރާތައް ފެށޭނީ ފަހުން ކަމަށް އަރަގްޗީ ފާހަގަކުރެއްވިއެވެ.

އެެމެރިކާއިން އީރާނުގެ ވެރިރަށް ތެހެރާނަށް ދިން ހަމަލާއެއް. ފޮޓޯ/އޭއެފްޕީ

ރިޕޯޓުތައް ބުނާ ގޮތުން، އެއްބަސްވުމުގައި ސޮއިކުރާތާ 60 ދުވަހުގެ ތެރޭގައި ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ މަޝްވަރާތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

އެމެރިކާގެ އޮފިޝަލުން ވަނީ އެއްބަސްވުމުގެ ބައެއް ތަފްސީލުތައް ކަށަވަރުކޮށްދެއްވާފައެވެ. އެ ފަރާތްތަކުން ބުނި ގޮތުގައި، އީރާނަށް އިގުތިސާދީ ގޮތުން ލުއިތަކެއް ލިބޭނީ އެ ގައުމުން އަދާކުރަންޖެހޭ ޒިންމާތައް ފުރިހަމަކުރުމުންނެވެ. މީގެ ތެރޭގައި އީރާނުގެ ހިފަހައްޓާފައިވާ އެތައް ބިލިއަން ޑޮލަރެއް ދޫކޮށްލުން ހިމެނެއެވެ. ފާއިތުވި މަސްތަކުގައިވެސް އެއްބަސްވުމަކާ ހަމައަށް އާދެވޭނެ ކަމަށް އެތައް ފަހަރަކު ބެލެވުނު ނަމަވެސް، އެންމެ ފަހު މަރުހަލާގައި ވަނީ އެކަން ކާމިޔާބުނުވެފައެވެ.

މި އެއްބަސްވުމާ ގުޅިގެން އީރާނުގެ އެތެރޭގައިވެސް ދަނީ ހިޔާލުތަފާތުވުންތައް އުފެދެމުންނެވެ. އީރާނުގެ އިރުއުތުރުގެ ސަހަރެއް ކަމަށްވާ މަޝްހަދުގައި ހުންނަ ޚާރިޖީ ވުޒާރާގެ އޮފީހެއްގެ ބޭރުގައި ގިނަ ބަޔަކު ވަނީ މުޒާހަރާކޮށްފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ ޚާރިޖީ ވަޒީރު އަރަގްޗީއާ ދެކޮޅަށް އަޑުއުފުލާފައެވެ. އީރާނުގެ ހަރުކަށި ފިކުރުގެ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން އީރާނުގެ މަސްލަހަތު ގެއްލި، ހޮރުމުޒް ކަނޑުއޮޅީގެ މައްޗަށް އޮންނަ ބާރު ކުޑަވެގެންދާނެއެވެ. އަދި އެއްބަސްވުމަކާ ހަމައަށް އައުމަށްޓަކައި އީރާނުގެ މަންދޫބުން މާ ގިނަ ދޫތަކެއް ދީފައިވާ ކަމަށްވެސް އެ ފަރާތްތަކުން ތުހުމަތުކުރެއެވެ.

އަނެއްކޮޅުން، އެމެރިކާގެ އެތެރޭގެ ސިޔާސީ މަސްރަހުގައިވެސް ޓްރަމްޕަށް ދަނީ ފާޑުކިޔުންތައް އަމާޒުވަމުންނެވެ. ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓްރަމްޕް ބޭނުންފުޅުވި ނަމަވެސް، އޭނާގެ ސިޔާސީ ވާދަވެރިންނާއި ބައެއް ކަނާތުފިޔައިގެ ފަރާތްތަކުން ބުނަމުންދަނީ، ހަނގުރާމަ ފެށިއިރު ކަނޑައެޅި ލަނޑުދަނޑިތައް ހާސިލުނުވަނީސް އެއްބަސްވުމަކަށް ދިއުމަކީ ގޯހެއް ކަމަށެވެ. ޚާއްސަކޮށް އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް އެއްކޮށް ހުއްޓުވުމުގެ ޔަގީންކަން ނުލިބެނީސް ދޫދިނުމާމެދު އެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރެއެވެ. މިފަދަ ގޮންޖެހުންތަކާއެކުވެސް، ދެ ގައުމުގެ ދެމެދުގައި ވެވޭ އެއްބަސްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު، ރަސްމީކޮށް ސޮއިކުރެވޭނެ ވަގުތަކާމެދު އަދިވެސް ވަނީ ސުވާލު އުފެދިފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އީރާނާއެކު ވެވޭ ސުލްހައިގެ އެއްބަސްވުމުގައި މިއަދު ސޮއިކުރެވޭނެކަމަށް އިއުލާނުކުރައްވާފައެވެ. ފާއިތުވި މަސްތަކުގައި ދެ ގައުމުގެ ދެމެދުގައި ބަދަލުކުރެވުނު ވަރުގަދަ ހަމަލާތަކަށްފަހު، މި އެއްބަސްވުމަކީ މެދުއިރުމަތީގެ ހަމަޖެހުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. މި އެއްބަސްވުމުގެ ދަށުން، ބަންދުކޮށްފައިވާ ހޮރުމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމާއި، އީރާނުގެ އިގުތިސާދަށް ހުރަސްއެޅޭގޮތަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމަށް އިތުރު މަޝްވަރާތަކެއް ފެށުމަށްވެސް ވަނީ ނިންމާފައެވެ. ޕާކިސްތާނުގެ މެދުވެރިކަމާއެކު ކުރިއަށްދާ މި މަސައްކަތުގައި، އެއްބަސްވުމުގައި ސޮއިކުރާނެ ސީދާ ތާރީޚަކާމެދު އީރާނުން އަދިވެސް ފުރިހަމަ ޔަގީންކަމެއް ނުދެއެވެ. އަދި ހަމައެހެންމެ، އެމެރިކާއާއި އީރާނުގެ އެތެރޭގެ ސިޔާސީ މަސްރަހުގައިވެސް ވަނީ މިކަމާ ގުޅިގެން ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

  • އެމެރިކާއާއި އީރާނުގެ ސުލްހައިގެ އެއްބަސްވުމުގައި މިއަދު ސޮއިކުރާނެކަމަށް ރައީސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
  • މި އެއްބަސްވުމުގެ ދަށުން، ދުނިޔޭގެ ވިޔަފާރިއަށް މުހިންމު ހޮރުމުޒް ކަނޑުއޮޅި އަލުން ހުޅުވިގެންދާނެއެވެ.
  • އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ މަޝްވަރާތައް އެއްބަސްވުމުގައި ސޮއިކުރާތާ 60 ދުވަހުގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.
  • އެއްބަސްވުން ފައިނަލް ކުރުމުގައި ޕާކިސްތާނުން މުހިންމު މެދުވެރިއެއްގެ ދައުރު އަދާކުރަމުންދެއެވެ.
  • އީރާނާއި އެމެރިކާގެ އެތެރޭގައިވެސް މި އެއްބަސްވުމާ ގުޅޭގޮތުން ސިޔާސީ ގޮންޖެހުންތަކާއި ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ.
comment ކޮމެންޓް