ޕޮލިސް ބިލްޑިންގްގެ ގަރާޖަށް ވަން މީހަކަށް، މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތު

ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގް: އެ ބިލްޑިންގްގެ ގަރާޖަށް ހުއްދަނެތި ވަދެފައިވާ ކަމަށް ތުހުމަތުވާ މީހަކު ވަނީ ހައްޔަރުކޮށްފައި --

މާލޭގައި ހުންނަ ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގުގެ ގަރާޖަށް ހުއްދަނެތި ވަދެފައިވާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރި 31 އަހަރުގެ އެ ފިރިހެން މީހާ، ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގްގެ ވެހިކަލް ގަރާޖަށް ހުއްދަނެތި ވަދެފައިވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް އޭނާގެ ބަންދު އަމުރުގައިވެއެވެ. އޭނާ ކޯޓަށް ހާޒިރުކޮށްފައިވަނީ މުދަލަށް ގެއްލުން ދިނުމުގެ މައްސަލައެއްގައި ކަމަށް ބުނެފައިވީ ނަމަވެސް، އޭނާ ގެއްލުން ދީފައިވަނީ ކޮން އެއްޗަކަށް ކަމެއް އަމުރުގައި ފާހަގަކޮށްފައިނުވެއެވެ.

އެ އަމުރުގައިވަނީ، އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވާ ކަމަށެވެ. އެގޮތުން ހާދިސާ ހިނގި ތަނަށް ދިޔަ ފުލުހުންގެ ރިޕޯޓާއި ސީސީޓީވީ ފުޓެޖް ސްނެޕްޝޮޓްތައް ލިބިފައިވާ ކަމަށް އަމުރުގައިވެއެވެ. އޭނާއަކީ ހައްޔަރާއި ބަންދު ރެކޯޑް އޮތް މީހެއްކަން ވެސް ފާހަގަކޮށްފައިވެއެވެ.

ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ އެ މީހާ ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް ނުކުރާ ކަމަށް ބުނެފައެވެ.

އެހެންނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ޓަކައި، އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.

ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގް ޚާއްސަކޮށްފައިވަނީ ބޮޑެތި ތަހުގީގުތަކަށެވެ. ހެންވޭރުގައި ހުންނަ އެ އިމާރާތް ބޭނުންކުރަން ފެށީ 2023ގައެވެ.

މާލޭގައި ހުންނަ ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގުގެ ގަރާޖަށް ހުއްދަނެތި ވަދެ، މުދަލަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި ފުވައްމުލަކަށް ނިސްބަތްވާ 31 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. ސީސީޓީވީ ފުޓޭޖާއި ފުލުހުންގެ ރިޕޯޓު ފަދަ ހެކިތައް ހުރިކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވީ ނަމަވެސް، ގެއްލުންދިނީ ކޮން މުދަލަކަށްކަން ސާފުކޮށްދީފައެއް ނުވެއެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ މުޖުތަމަޢުގެ ސަލާމަތަށްޓަކައި 15 ދުވަހުގެ މުއްދަތަށް އޭނާ ބަންދުކުރުމަށް އަމުރުކޮށްފައެވެ. ތުހުމަތުކުރެވޭ މީހާ ވަނީ ކޯޓުގައި މި ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

  • ހައްޔަރުކޮށްފައިވަނީ ފުވައްމުލަކަށް ނިސްބަތްވާ، ކުށުގެ ރެކޯޑު އޮންނަ 31 އަހަރުގެ ފިރިހެނެކެވެ.
  • މައިގަނޑު ތުހުމަތަކީ ފުލުހުންގެ ބޮޑެތި ތަޙުޤީޤުތައް ހިންގާ އިމާރާތުގެ ގަރާޖަށް ހުއްދަނެތި ވަދެ މުދަލަށް ގެއްލުންދިނުމެވެ.
  • ތުހުމަތުކުރެވޭ މީހާ ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ކޯޓުގައި އިންކާރުކޮށްފައެވެ.
  • މައްސަލައިގެ ހެއްކެއްގެ ގޮތުގައި ސީސީޓީވީ ފުޓޭޖާއި ހާދިސާ ހިނގި ތަނަށް ދިޔަ ފުލުހުންގެ ރިޕޯޓު ހުށަހަޅާފައިވެއެވެ.
  • ކްރިމިނަލް ކޯޓުން ވަނީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެތީ އޭނާގެ ބަންދަށް 15 ދުވަސް ކަނޑައަޅާފައެވެ.
comment ކޮމެންޓް