ބޮލީވުޑްގެ ތަޖުރިބާކާރު ފިލްމީ ތަރިން ކަމަށްވާ ސަނީ ޑިއޯލް އާއި އަކްޝޭ ކަންނާ 29 އަހަރު ފަހުން އެކީގައި މަސައްކަތްކުރާ ފިލްމު "އިއްކާ" މި އަންނަ މަހު ރިލީޒްކުރާކަން އިއުލާނުކޮށްފިއެވެ.
މި އަންނަ މަހުގެ 10 ވަނަ ދުވަހު ނެޓްފްލިކްސްގައި ޕްރީމިއާކުރާ "އިއްކާ" އަކީ، ކާމިޔާބު ރީތި ފިލްމުތަކެއް ގެނެސްދީފައިވާ ސިދާތު ޕީ މަލްހޯތުރާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
ސަނީ އާއި އަކްޝޭގެ އިތުރުން "އިއްކާ"ގެ މުހިއްމު ރޯލްތަކުން ފެންނާނެ އިތުރު ތަރިންގެތެރޭ، ތިލޮތަމާ ޝޯމް، ދިޔާ މިރްޒާ، ސަންޖީދާ ޝެއިޚް، ޝިޝިރު ޝަރުމާ އަދި އަކަންޝާ ރަންޖަން ކަޕޫރު ހިމެނެއެވެ.
ގާނޫނީ ދާއިރާގެ ވަރުގަދަ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމަކީ، ކޯޓުތަކުގައި ފެންނަ އާދައިގެ ހަރަކާތްތަކަށްވުރެ ބޮޑަށް، އިންސާނާގެ އަޚުލާގީ މިންގަނޑުތަކާއި ކުރިމަތިވާ ނިންމަން އުނދަގޫ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ.

ފިލްމު "އިއްކާ"ގެ ޓީޒާގެ ބައެއް މަންޒަރުތައް--ފޮޓޯ/ޓެލެގްރާފްއިންޑިއާ
އަކްޝޭ އާއި ސަނީގެ މެދުގައި ހިނގާ މި ކުރިމަތިލުމަކީ އެމީހުންގެ އުސޫލުތައް ވަރަށް ބޮޑަށް އިމްތިހާނުކޮށްލާނެ ފަދަ މައްސަލައެއްގެ ގޮތުގައި ފިލްމުގައި ގެނެސްދޭނެ ކަމަށް ނެޓްފްލިކްސްއިން ވަނީ ބުނެފައެވެ.
ފިލްމުގެ އުފެއްދުންތެރިން ބުނާ ގޮތުގައި، "އިއްކާ"ގެ ވާހަކަ ބިނާވެފައި ވަނީ ނަޒާހަތްތެރިކަމަށް ނަން މަޝްހޫރު ގާނޫނީ ވަކީލަކު، ތަންކޮޅެއް ކުރިން ގާތިލަކަށް ކުރެވުނު ތުހުމަތުން އެ މީހަކު ދިފާއުކޮށްދޭން މަޖުބޫރުކުރުވި ހާދިސާއެއްގެ މައްޗަށެވެ.
އަލްތިއާ ކޯޝަލް އާއި މަޔަންކް ތިވާރީ ސްކްރީންޕްލޭ ލިޔެފައިވާ މި ފިލްމުގެ ޓީޒާ ތަންކޮޅެއް ކުރިން ރިލީޒްކޮށްފައިވާއިރު ސަނީ ގާނޫނީ ވަކީލެއްގެ ހެދުމުގައި ފެނުމުން އެކްޓަރުގެ ކެރިއަރުގެ މަގުބޫލު ފިލްމު "ދާމިނީ"ގެ ހަނދާންތަކާ އޭގެ ޑައިލޮގްތައް މަތިން ހަނދާން އާވެއްޖެ ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ.