ސޮނީ ޓެލެވިޒަންއިން ގެނެސްދެމުން އަންނަ މަގުބޫލު ރިއަލިޓީ ޝޯ "އިންޑިއަން އައިޑަލް"ގެ 16 ވަނަ ސީޒަން އިންޑިއާގެ ކުޑަ ސްޓޭޓެއް ކަމަށްވާ އޮޑީޝާއަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ ޖިޔޯތިރްމަޔީ ނަޔަކް ކާމިޔާބުކޮށްފިއެވެ.
ގާތްގަނޑަކަށް 10 މަސް ދުވަހަށް ދެމިގެންދިޔަ މި މުބާރާތުގެ ފައިނަލްގައި ޖިޔޯތިރްމަޔީއަށް ވަނީ މުބާރާތުގެ ރަން ތައްޓާ އެކު އިނާމެއްގެ ގޮތުގައި 20 ލައްކަ އިންޑިއަން ރުޕީސް ލިބިފައެވެ. މި މުބާރާތުގެ ދެވަނަ ނުވަތަ ފަސްޓް ރަނަރަޕްގެ މަގާމު ހޯދާފައި ވަނީ ޖަބަލްޕޫރަށް ނިސްބަތްވާ ތަނީޝްކް ޝުކްލާއެވެ.
ޝްރެޔާ ގޯޝާލް، ވިޝާލް ދަދްލާނީ އަދި ބާދްޝާ ފަނޑިޔާރުކަން ކުރި މި ސީޒަނަކީ "ޔާދޯން ކީ ޕްލޭލިސްޓް"ގެ ތީމަށް ކުރިއަށްގެންދިޔަ، އާންމުންގެ ބޮޑު މަގުބޫލުކަމެއް ލިބުނު ސީޒަނެކެވެ. އާންމުންގެ ތަރުހީބު ބޮޑުކަމުން މި ފަހަރުގެ ސީޒަން ވަނީ ދެ ފަހަރެއްގެ މަތިން، ހަ މަސް ދުވަހަށް އިތުރުވެސްކޮށްފައެވެ.
މުބާރާތް ކާމިޔާބު ކުރުމަށްފަހު ވާހަކަދައްކަމުން ޖިޔޯތިރްމަޔީ ބުނީ، މިއީ ގާތްގަނޑަކަށް އަހަރެއްހާ ދުވަހު ކުރެވުނު ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި އޭނާ މުމްބާއީއަށް އައީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކަމަށާއި، މި ދަތުރުގެ ނަތީޖާ ފޮނިވެ، ތަށި ލިބުމުން ވަރަށް ބޮޑަށް އުފާވާ ކަމަށް އޭނާ ބުންޏެވެ.

ޖިޔޯތިރްމަޔީ ލަވަކިޔުންތެރިން ކަމަށްވާ ބާދްޝާ އަދި ޝްރެޔާއާ އެކު--ފޮޓޯ/ޕިންކްވިލާ
"އަހަރެން ދުވަހަކުވެސް ފައިސާގެ އިނާމަކަށް ނުވިސްނަން. އަހަރެންގެ އުންމީދަކީ އެންމެ ފުރިހަމައަށް ލަވަކިޔައި، ފަނޑިޔާރުންގެ ރަނގަޅު ކޮމެންޓްތައް ހޯދުން،" ޖިޔޯތިރްމަޔީ ބުނެފައިވެއެވެ.
މުބާރާތުގެ ތެރޭގައި ދިމާވި އެންމެ އުނދަގޫ ވަގުތަކީ އެލިމިނޭޝަންގެ ނުރައްކަލާ ކުރިމަތިލާންޖެހުނު ވަގުތުތައް ކަމަށާއި، ނަމަވެސް އާންމުންގެ ފަރާތުން ލިބުނު ގިނަ ވޯޓުތަކާއެކު ކުރިއަށް ދިއުމުގެ ހިތްވަރު ލިބުނު ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.
ޖިޔޯތިރްމަޔީ އަކީ މިއުޒިކް ތެރަޕިސްޓެއްގެ ގޮތުގައި މަސައްކަތްކޮށް، ކެންސަރު ބަލި ތަހައްމަލުކުރާ މީހުންނަށް މިއުޒިކްގެ ޒަރީއާއިން ފަރުވާދީފައިވާ ފަރާތެކެވެ.
"އަހަރެން އެމީހުންނަށް ލަވަކިޔައިދޭއިރު، އެމީހުން ބުނާނެ އިންޑިއަން އައިޑަލް ފަދަ ޕްލެޓްފޯމަކުން އަހަރެން ދެކެން ބޭނުންވާ ކަމަށް. މިއަދު އަހަރެން މި މަގާމުގައި ހުރީ އެމީހުންގެ ސަބަބުން،" އޭނާ ބުނި ގޮތުގައި މި ކާމިޔާބީގެ އަސްލަކީ އެ ބަލިމީހުންގެ ހެޔޮ ދުޢާއެވެ.
އިންޑިއަން އައިޑަލް ކާމިޔާބުކުރި އޮޑީޝާގެ ފުރަތަމަ އަންހެން ކުއްޖާގެ ޝަރަފު ހޯދި ޖިޔޯތިރްމަޔީގެ މިހާރުގެ އުންމީދަކީ ބޮލީވުޑްގައި ޕްލޭބެކް ސިންގައެއްގެ ގޮތުގައި މަސައްކަތް ކުރުމެވެ.
މި މުބާރާތުގެ ފައިނަލްގައި އަންޝިކާ ޗޯންކަރު، މަންރާޖް ވީރް ސިންގް، މައިސްމީ ބޯސޫ އަދި ސުހައިލް ސޫފީ ފަދަ ހުނަރުވެރި ބައިވެރިން ވާދަކުރިއެވެ. އަދި ފައިނަލް ހަފުލާގައި އުޝާ އުތުޕް، އުދިތު ނާރާޔަން، ކުމާރު ސާނޫ، ޝެހެނާޒް ގިލް އަދި އުރުމިލާ މާޓޮންޑްކަރު ފަދަ ފަންނާނުން ބައިވެރިވިއެވެ.
މި ސީޒަންގެ ފަނޑިޔާރު އަދި އިންޑިއާގެ މަގުބޫލު ލަވަކިޔުންތެރިޔާ ޝްރެޔާ ގޯޝާލް ބުނި ގޮތުގައި، މި ސީޒަނުގެ ބައިވެރިންގެ ކުރިއެރުން ފެނުމަކީ ލިބުނު ވަރަށް ބޮޑު އުފަލެކެވެ. އަދި ތަށި ލިބުނު ކަމުގައިވިޔަސް ނުލިބުނު ކަމުގައިވިޔަސް، މިއީ ހުރިހާ ބައިވެރިންނަށްވެސް މިއުޒިކީ ދާއިރާގައި ލިބުނު އާ ފެށުމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
އިންޑިއަން އައިޑަލް ސީޒަން 16 ފެށުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.