އިންޑިއާގެ މަގުބޫލު ޓެލެވިޒަން އެކްޓަރު ކަރަން ކުންދްރާއާ އެކު މަސައްކަތްކުރި ދުވަސްވަރު ޖިންސީ އަދި ޖިސްމާނީ އަނިޔާ ލިބުނު ކަމަށް ޓީވީ ބަތަލާ ސާންވީ ތަލްވާރު ތުހުމަތުކޮށްފިއެވެ.
މި ހާދިސާއާ ގުޅިގެން ގާނޫނީ ފިޔަވަޅު ނޭޅުމަށް އޭރު ނިންމި ސަބަބު ހާމަކުރަމުން ސާންވީ ބުނީ، އޭރު އެކްޓަރަކާ ދެކޮޅަށް މައްސަލަ ހުށަހެޅިނަމަ އޭނާގެ ކެރިއަރަށް އޭގެ ނޭދެވޭ އަސަރުކޮށް، މަސައްކަތް ހުއްޓުމަކަށް އަތުވެދާނެތީ ބިރުގަތް ކަމަށެވެ.
"މައްސަލަ ހުށަނޭޅީ ކީއްވެގެންތޯ ވަރަށް ގިނަ މީހުން ސުވާލުކުރޭ. އެ ހާދިސާއަށްފަހު އެކްތާ ކަޕޫރު އަހަންނަށް މެސެޖުކޮށް، އަދި އަހަންނާ ބައްދަލު ވެސް ކުރި. އޭނާ އަހަންނަށް ވަރަށް ބޮޑަށް އެއްބާރުލުން ދިނުމުން، އަލުން އެ ޝޯގެ މަސައްކަތަށް އެނބުރި ދިޔައީ. އެއީ އޭނާއާ ދެކޮޅަށް މައްސަލަ ހުށަނޭޅި މައިގަނޑު ސަބަބަކީ،" ހިންދުސްތާން ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ސާންވީ ބުންޏެވެ.

ކަރަން ކުންދްރާ ލޯބިވެރިޔާ އަދި ބަތަލާ ތޭޖަސްވީއާ އެކު--ފޮޓޯ/މިޑްޑޭ
ސާންވީ އިތުރަށް ބުނި ގޮތުގައި މި ދާއިރާގައި ކަންކަން ހުންނަ ގޮތުން، އޭރު ގާނޫނީ މަގު އިޚްތިޔާރު ކުރިނަމަ އޭނާގެ ފަންނީ ހަޔާތް މުޅިން ބަނަވީސް ކަމަށެވެ.
މި ދާއިރާގެ މަސައްކަތްތައް ހުންނަނީ އެކަހަލަ ގޮތަކަށް ކަމަށާއި އެކަމާ މައްސަލަ ނުޖެއްސި ނަމަވެސް ދުވަހަކުވެސް ކަރަންއަށް މާފެއް ނުކުރާނެ ކަމަށް ސާންވީ ވަނީ ބުނެފައެވެ.
މިހާރު މި ވާހަކަތައް ދައްކަނީ ކީއްވެގެންތޯ ސުވާލު ކުރުމުން ސާންވީ ބުނީ، އެ ހާދިސާއަށްފަހު އޭނާ ބޭނުންވި ފަދަ އިންސާފެއް ނުވަތަ ނަފުސާނީ ހިތްހަމަޖެހުމެއް ލިބިފައި ނުވާ ކަމަށެވެ.
"މިއީ މާ ކުރީގެ ކަމެއް ނަމަވެސް، އޭނާގެ ފަރާތުން އަދިވެސް އަހަންނަށް އެކަށީގެންވާ ޖަވާބެއް ނުލިބޭ. އަދި މިކަމުގެ ހަގީގީ މަންޒަރު ހާމަކުރަން އަހަރެން ބޭނުންވޭ. ކޮންމެ އިންސާނަކަށްވެސް ކުށް ކުރެވޭނެ، އެކަމަކު ކުރިއަށް ދާންވާނީ އެއިން ފިލާވަޅު ލިބިގަނެގެން. އޭނާ އެކަމުން އެއްވެސް އިބުރަތެއް ހާސިލެއް ނުކުރޭ،" ސާންވީ ކިޔައިދީފައިވެއެވެ.
ޑްރާމާ ސީރީސް "ޔޭ ކަހާ އާ ގަޔޭ ހަމް"ގެ ޝޫޓިންގް ތެރޭގައި ހިނގި މި ހާދިސާއަށްފަހު ޕްރޮޑިއުސަރު އެކްތާ ކަޕޫރު މައްސަލައިގެ ތެރެއަށް ވަދެ، ޝޯގެ ޑައިރެކްޝަން ޓީމަށް ބަދަލުތަކެއް ގެނައި ކަމަށްވެސް ސާންވީ ވަނީ ބުނެފައެވެ.
ސާންވީ ތަލްވާރުގެ މި ތުހުމަތުތަކާ ގުޅިގެން ކަރަން ކުންދުރާ އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ކަރަން އަކީ ޓެލެވިޒަން އިންޑަސްޓްރީގެ އެންމެ އަގުބޮޑު އެކްޓަރުންގެތެރޭ ހިމެނޭ އެކަކެވެ. ޓެލެވިޒަން ބަތަލާ ތޭޖަސްވީއާ އެކު ސީރިއަސް ލޯބީގެ ގުޅުމެއް އޮންނަ އެކްޓަރަކީ ވަރަށް ގިނަ ވެބް ސީރީސް އަދި ރިއަލިޓީ ޝޯތަކުގައި ވެސް މަސައްކަތްކުރަމުން އަންނަ ތަރިއެކެވެ.