ފީފާ ވޯލްޑް ކަޕް 2026 ގައި އެމެރިކާ ކުޅޭ ފުރަތަމަ މެޗުގައި ޕެރަގުއާއީއާ ދެކޮޅަށް ނުކުތުމުގެ ކުރިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޓީމަށް ގުޅުއްވައި ހިތްވަރު ދެއްވައިފިއެވެ.
މި ފޯނު ކޯލުގައި ޓްރަމްޕް ވަނީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އަކީ ވަރަށް ވަރުގަދަ ކޯޗެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އެމެރިކާ ޓީމުގެ ރެކޯޑުތަކާއި ކާމިޔާބީތަކުގެ ވާހަކަ އަޑުއިވިވަޑައިގަންނަވާ ކަމަށާއި، މިފަހަރުގެ މުބާރާތުގައި އެންމެ ކުރިއަށް ދިއުމުގެ ފުރުސަތު އެމެރިކާއަށް އެބައޮތް ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެ ޓީމަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
ކޯޗު ޕޮޗެޓީނޯ ވަނީ ރައީސް ޓްރަމްޕް ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކޮށް، މުޅި ގައުމާއި ރައީސް ފަހުރުވެރިވާ ފަދަ ނަތީޖާއެއް ނެރުމަށް ޓީމުން ކުރެވެން ހުރި ހުރިހާ މަސައްކަތެއްކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ.
މި ފޯރިގަދަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ކެލިފޯނިއާގެ ލޮސް އެންޖެލިސް ސްޓޭޑިއަމްގައެވެ. މިފަހަރުގެ ވޯލްޑް ކަޕަކީ ތާރީހުގައިވެސް އެންމެ ފުޅާކޮށް، 48 ޓީމު ވާދަކުރާ ފުރަތަމަ މުބާރާތް ކަމަށްވާއިރު، މުބާރާތް ގުޅިގެން ހޯސްޓް ކުރަނީ އެމެރިކާ، މެކްސިކޯ އަދި ކެނެޑާއިންނެވެ.
ގްރޫޕް ސްޓޭޖުގެ ގްރޫޕް ޑީގައި އެމެރިކާ ހިމެނޭއިރު، ޕެރަގުއާއީގެ އިތުރުން ދެން މި ގްރޫޕްގައި ހިމެނެނީ އޮސްޓްރޭލިއާ އަދި ތުރުކީއެވެ.
އެމެރިކާގެ 26 ކުޅުންތެރިން ވޯލްޑް ކަޕް ސްކޮޑުގައި ކްރިސްޓިއަން ޕުލިސިކް، ފޮލަރިން ބަލޮގުން އަދި ވެސްޓަން މެކެނީ ފަދަ މުހިންމު ތަރިން ހިމެނެއެވެ.
މުބާރާތް އަމިއްލަ ގައުމުގައި ކުޅުމުގެ ފައިދާ އޮތްއިރު، ރައީސްގެ މި ފޯނު ކޯލުގެ ސަބަބުން މުޅި ޓީމަށް ބޮޑު ހިތްވަރެއް ލިބުނުކަމަށް ޓީމުގެ އޮފިޝަލުން ބުނެއެވެ.