މިއަހަރުގެ ވޯލްޑް ކަޕް ބާއްވާ އެއް ގައުމު ކަމަށްވާ އެމެރިކާއިން އަމިއްލަ ފަސްގަނޑުގައި ގްރޫޕް ޑީގެ ފުރަތަމަ މެޗަށް ނުކުންނައިރު، މުޅި އެމެރިކާގެ ފުޓްބޯޅަ ތާރީޚުގައިވެސް އެންމެ އިންތިޒާރުކުރި ވަގުތު ވަނީ އައިސްފައެވެ.
ކެލިފޯނިއާގެ ލޮސް އެންޖެލިސް ސްޓޭޑިއަމް ނުވަތަ ސޯފައި ސްޓޭޑިއަމްގައި ރާއްޖެގަޑިން މިއަދު ފަތިހު 06:00 ގައި ކުޅޭ މި މެޗުގައި އެމެރިކާާާާއާ ދެކޮޅަށް ނުކުންނާނީ 16 އަހަރުގެ ދިގު އިންތިޒާރަކަށްފަހު ވޯލްޑް ކަޕަށް ކޮލިފައިވި ޕެރަގުއޭއެވެ.
ހޯސްޓް ޓީމަށްވުމުން ކޮލިފައިން ކުޅެން ނުޖެހި، ކޯޗު މައުރީސިއޯ ޕޮޗެޓީނޯއަށް ޓީމު ބިނާކުރަން އެކަށީގެންވާ ވަގުތު ލިބުނެވެ. އެމެރިކާގެ ރަން ޖީލުގެ ގިނަ ކުޅުންތެރިންނަކީ ޔޫރަޕްގެ ގަދަބާރުތަކަށް ކުޅޭ ކުޅުންތެރިންނެވެ. އެންމެ ފަހުން ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި ސެނެގާލް އަތުން 3-2 އިން މޮޅުވިއިރު، ޖަރުމަނު އަތުން ވަނީ 2-1 އިން ބަލިވެފައެވެ.
އަނެއްކޮޅުން، ދެކުނު އެމެރިކާގެ ކޮލިފައިންގެ 6 ވަނަ ޓީމުގެ ގޮތުގައި މުބާރާތަށް އައި ޕެރަގުއޭ އަކީ ޑިފެންސް ވަރުގަދަ، ބަލިކުރަން އުނދަގޫ ޓީމެކެވެ. އެޓީމުގެ ކޯޗަކީ އާޖެންޓީނާގެ ތަޖުރިބާކާރު ގުސްތާވޯ އަލްފާރޯއެވެ. މި ދެ ޓީމު ވޯލްޑް ކަޕެއްގައި އެންމެ ފަހުން ބައްދަލުކުރީ މީގެ 96 އަހަރު ކުރިން، 1930 ވަނަ އަހަރުގެ ފުރަތަމަ ވޯލްޑް ކަޕްގައެވެ. އެ މެޗު 3-0 އިން ކާމިޔާބުކުރީ އެމެރިކާއެވެ.
ސޯފައި ސްޓޭޑިއަމް

ލޮސް އެންޖެލިސް ސްޓޭޑިއަމް (ސޯފައި ސްޓޭޑިއަމް) އަކީ ގާތްގަނޑަކަށް 5.5 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްގެން ބިނާކޮށްފައިވާ، މިހާތަނަށް ދުނިޔޭގައި ހެދި އެންމެ އަގުބޮޑު ސްޓޭޑިއަމްތަކުގެ ތެރެއިން އެއް ސްޓޭޑިއަމެވެ.
ރޭމްސް އަދި ޗާޖާސް ނަމަކަށް ކިޔާ އެންއެފްއެލްގެ ދެ ޓީމުން ހިއްސާކުރާ މި ދަނޑު ރަސްމީކޮށް ހުޅުވީ ސެޕްޓެމްބަރު 2020 ގައެވެ. މި ދަނޑަކީ އެމެރިކާގެ ސުޕަ ބޯލްއާއި، ކޮންކާކަފް ގޯލްޑް ކަޕް ފައިނަލް ފަދަ ބޮޑެތި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން މަޝްހޫރު ލަވަކިޔުންތެރިންގެ ކޮންސެޓްތައްވެސް ބާއްވާފައިވާ ތާރީޚީ ސްޓޭޑިއަމެކެވެ.
މި ސްޓޭޑިއަމްގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ ދަނޑުގެ މަތީގައި އެލުވާލެވިފައިވާ، 360 ޑިގްރީއަށް އެނބުރޭ ސެމްސަންގް އިންފިނިޓީ ސްކްރީނެވެ. ދެފުށް ފެންނަ ފޯކޭ ކޮލިޓީގެ މި ބިޔާ ވީޑިއޯ ބޯޑަކީ 1،000 ޓަނުގެ ބަރުދަން ހުންނަ، ދުނިޔޭގައިވެސް މިފަދަ އެންމެ ބޮޑު ސްކްރީނެވެ.
ފީފާ ވޯލްޑް ކަޕް 2026 ގެ މިންގަނޑުތަކަށް ފެއްތުމަށްޓަކައި، ކުރިން އޮތް އާޓިފިޝަލް ވިނައިގެ ބަދަލުގައި މިހާރު ވަނީ ޚާއްސަ ގުދުރަތީ ވިނަ ޕިޗެއް އަޅާފައެވެ. މިއީ މިއަހަރުގެ ވޯލްޑް ކަޕްގައި ހިމެނޭ ގްރޫޕް ޑީގެ ފޯރިގަދަ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ މައިގަނޑު އެއް ދަނޑެވެ.
ދެ ޓީމުގެ އެންމެފަހުގެ ޚަބަރު
އެމެރިކާ: ޑިފެންޑަރު ކްރިސް ރިޗަޑްސް ފަޔަށް ލިބުނު އަނިޔާއިން ރަނގަޅުވެ ފަރިތަކުރުންތައް ފެށި ނަމަވެސް، ފުރަތަމަ އެގާރައިގައި ހިމެނުމާމެދު ޝައްކެވެ. އެހެންކަމުން ޑިފެންސް ލައިނުން ފެންނާނީ ކެޕްޓަން ރީމް، ރޮބިންސަން އަދި ފްރީމަންއެވެ.
ޕެރަގުއޭ: އެންމެ ފަހުން ނިކަރާގުއާއާ ދެކޮޅަށް ކުޅުނު މެޗުގައި ޒުވާން ތަރި ހޫލިއޯ އެންސީސޯގެ ފަލަމަސްގަނޑަށް ކުޑަ އަނިޔާއެއް ލިބުނު ނަމަވެސް، އެމެރިކާ މެޗަށް އޭނާ ފިޓްވާނެ ކަމަށް ބެލެވެއެވެ.
ފާހަގަކޮށްލެވޭ ކުޅުންތެރިން
- ފޮލަރިން ބަލޮގުން (އެމެރިކާ)

އޭއެސް މޮނާކޯއަށް މޮޅު ކުޅުމެއް ދެއްކި ބަލޮގުން އަކީ ކޯޗު ޕޮޗެޓީނޯގެ ފުރަތަމަ އިސްކަންދޭ ފޯވާޑެވެ. އޭނާއަކީ ޔޫރަޕްގެ ގަދަ 5 ލީގެއްގެ އެއް ސީޒަނެއްގައި 20 އަށްވުރެ ގިނަ ގޯލު ޖެހި ފުރަތަމަ އެމެރިކާ ކުޅުންތެރިޔާއެވެ.
- އޮމާރު އަލްޑަރެޓޭ (ޕެރަގުއޭ)

އިނގިރޭސި ޕްރިމިއާ ލީގުގެ ސަންޑަލޭންޑާއެކު މޮޅު ސީޒަނެއް ނިންމާލި، ވައަތުން ކުޅޭ ތަޖުރިބާކާރު ސެންޓްރަލް ޑިފެންޑަރެކެވެ. އެމެރިކާގެ ފޯވާޑުން ހުއްޓުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާނީ އޭނާއެވެ.
ލަފާކުރެވޭ ފުރަތަމަ އެގާރަ
- އެމެރިކާ (3-4-2-1)
މެޓް ފްރީޒް (ގީކޭ)؛ ޑޮމިނިކް ފްރީމަން، މައިލްސް ރޮބިންސަން، ޓިމް ރީމް؛ ސާޖީނިއޯ ޑެސްޓް، ވެސްޓަން މެކެނީ، ޓައިލާ އެޑަމްސް، އެންަަޓޮނީ ރޮބިންސަން؛ ކްރިސްޓިއަން ޕުލިސިޗް، މާލިކް ޓިލްމަން؛ ފޮލަރިން ބަލޮގުން.
- ޕެރަގުއޭ (4-2-3-1)
ކާލޮސް މިގޭލް ގިލް (ޖީކޭ)؛ ބްލާސް ކަސެރެސް، ގުސްތާވޯ ގޯމޭޒް، އޮމާރު އަލްޑަރެޓޭ، ހޫނިއޯ އަލޮންސޯ؛ ޑާމިއަން ބޮބަޑީއާ، އަންދްރޭސް ކޫބަސް؛ ޑިއޭގޯ ގޯމޭޒް، ހޫލިއޯ އެންސީސޯ، މިގޭލް އަލްމިރޮން؛ އެންޓޯނިއޯ ސަނާބްރިއާ.
ގްރޫޕްގެ އަނެއް ދެ މެޗުގައި ތުރުކީ އާއި އޮސްޓްރޭލިއާއާ ދެކޮޅަށް ނުކުންނަން ޖެހޭތީ، މިއީ އެމެރިކާއަށް މޮޅުވުން މަޖުބޫރު މެޗެކެވެ.