ކާބޯތަކެތި ގޯސްކޮށް ލޭބަލްކުރާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ގަވާއިދެއް

-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި އުފައްދާ އަދި ރާއްޖެއަށް އިމްޕޯޓު އަދި އެކްސްޕޯޓު ކުރާ ކާބޯތަކެތި ގޯސްކޮށް ލޭބަލްކުރާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން 'ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވާއިދު' މިއަދު ގެޒެޓުކޮށްފިއެވެ.

މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، މީގެ ކުރިން ބޭނުންކުރަމުން އައި 'ބަންދުކުރި ކާބޯތަކެތި ލޭބަލްކުރުމުގެ ގައުމީ މިންގަނޑު' ވަނީ އުވިފައެވެ.

މި އާ ގަވާއިދުގެ މައިގަނޑު މަގްސަދަކީ ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގައި ހަރުދަނާ މިންގަނޑުތަކެއް ކަނޑައަޅައި، އެ މިންގަނޑުތަކަށް އަމަލުނުކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމެވެ.

ގަވާއިދުގައި ބަޔާންކުރާ ގޮތުން، ލޭބަލް ނުކޮށް ނުވަތަ އަސްލު އޮޅޭ ގޮތަށް ލޭބަލްކޮށްގެން މުދާ ވިއްކުމަކީ މަނާ ކަމެކެވެ. އަދި މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ބަންދުކޮށްފައިވާ ތަކެތި އާ މިންގަނޑަށް ފެއްތުމަށް ހަ މަސް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމުގެ ބާރު އެމްއެފްޑީއޭއަށް ވަނީ ދީފައެވެ. އެގޮތުން ލޭބަލްކުރުމުގެ މިންގަނޑާ ހިލާފުވެއްޖެ ނަމަ 10,000 ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ފަސް ފަހަރަށް ވުރެ ގިނައިން ކުށް ތަކުރާރުކޮށްފި ނަމަ، އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިތުރުން ލައިސެންސް ނުވަތަ ރަޖިސްޓްރީ ބާތިލުކުރުމުގެ އިހުތިޔާރު ވެސް އެ އޮތޯރިޓީއަށް އޮންނާނެއެވެ.

މީގެ އިތުރުން، އަސްލު އޮޅޭގޮތަށް ލޭބަލްކޮށްގެން ވިއްކައިފި ނަމަ 10,000 ރުފިޔާއާއި 750,000 ރުފިޔާއާ ދެމެދުން ޖޫރިމަނާކޮށް، ވަކި މުއްދަތަކަށް ލައިސެންސް ހިފެހެއްޓޭނެއެވެ.

ކުށުގެ ސީރިއަސް ކަމަށް ބަލައި، ފުރަތަމަ ފަހަރު ވެސް އެންމެ ބޮޑު އަދަދުން ޖޫރިމަނާ ކުރުމުގެ ބާރު އެމްއެފްޑީއޭއަށް އޮންނައިރު، ކުރާ ކުށަކީ ގާނޫނުލްއުގޫބާތުގެ ދަށުން ޖިނާއީ ކުށެއް ނަމަ ޖިނާއީ ދައުވާ ވެސް އުފުލާނެއެވެ.

ކާބޯތަކެތި ބަންދުކުރާ މެޓީރިއަލްއާ ގުޅޭގޮތުން ވެސް ހަރުކަށި އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ކާބޯތަކެތި ބަންދުކުރަން ޖެހޭނީ 'ފުޑް ގްރޭޑަޑް' މެޓީރިއަލްއަކުންނެވެ. އަދި ބަންދުކުރަން ބޭނުންކުރާ އެއްޗަކީ ކާބޯތަކެތީގެ މުއްދަތު ހަމަވުމުގެ ކުރިން ހަލާކުވެ، އޭގެ ސަބަބުން ކާބޯތަކެއްޗަށް ނޭދެވޭ ބަދަލެއް އަތުވެދާނެ އެއްޗަކަށް ވެގެން ނުވާނެއެވެ.

އާ ގަވާއިދުގައިވާ ގޮތުން، އެއްފަހަރު ބޭނުންކުރުމަށްފަހު އުކައިލަން ހަދާފައި ހުންނަ ޕެޓު ފުޅި ފަދަ ޕްލާސްޓިކު ފުޅި، ކާބޯތަކެތި ބަންދުކުރަން ބޭނުންކުރުމަކީ މަނާކަމެކެވެ.

މި މިންގަނޑުތަކާ ހިލާފުވާ ފަރާތްތައް 5,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

ރާއްޖޭގައި އުފައްދާ އަދި އިމްޕޯޓުކުރާ ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމަށް ހަރުދަނާ މިންގަނޑުތަކެއް ކަނޑައަޅައި، އާ ގަވާއިދެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ ގެޒެޓުކޮށްފައެވެ. މި ގަވާއިދުގެ ދަށުން، ލޭބަލް ނުކޮށް ނުވަތަ އަސްލު އޮޅޭ ގޮތަށް ކާބޯތަކެތި ވިއްކުމަކީ މަނާކަމެކެވެ. ކުރިން އަމަލުކުރަމުން އައި ގައުމީ މިންގަނޑު އުވި، އާ ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ބާޒާރުގައި ހުރި ތަކެތި މި މިންގަނޑަށް ފެއްތުމަށް ހަ މަސް ދުވަހުގެ މުއްދަތެއް ވިޔަފާރިވެރިންނަށް ވަނީ ދީފައެވެ. ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމުގެ ބާރު އެމްއެފްޑީއޭއަށް ލިބިގެންވެއެވެ. މިގޮތުން، ލޭބަލްކުރުމުގެ މިންގަނޑާ ޚިލާފުވެއްޖެނަމަ 10,000 ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. ފަސް ފަހަރަށްވުރެ ގިނައިން ކުށް ތަކުރާރުކޮށްފިނަމަ، އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިތުރުން ވިޔަފާރީގެ ލައިސެންސް ނުވަތަ ރަޖިސްޓްރީ ބާތިލުކުރުމުގެ އިޚުތިޔާރު އޮތޯރިޓީއަށް ލިބެއެވެ. އަދި ކުށުގެ ސީރިއަސްކަމަށް ބަލައި ފުރަތަމަ ފަހަރުވެސް އެންމެ ބޮޑު އަދަދުން ޖޫރިމަނާކޮށް، ޖިނާއީ ދައުވާ އުފުލުމުގެ ޖާގަ އޮވެއެވެ. މީގެ އިތުރުން ކާބޯތަކެތި ބަންދުކުރަން ޖެހޭނީ ސިއްހީ ގޮތުން ރައްކާތެރި ފުޑް ގްރޭޑް މެޓީރިއަލް ބޭނުންކޮށްގެން ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލަން ހަދާފައި ހުންނަ ޕްލާސްޓިކު ފުޅި ފަދަ ތަކެތި ކާބޯތަކެތި ބަންދުކުރަން ބޭނުންކުރުން ވަނީ މަނާކޮށްފައެވެ.

  • ލޭބަލްކުރުމުގެ މިންގަނޑާ ޚިލާފުވާ ފަރާތްތައް 10,000 އިން ފެށިގެން އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭނެއެވެ.
  • އަސްލު އޮޅޭގޮތަށް ލޭބަލްކޮށްގެން މުދާ ވިއްކައިފިނަމަ 750,000 ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސެންސް ހިފެހެއްޓޭނެއެވެ.
  • ކުށް ތަކުރާރުކުރާ ފަރާތްތަކުގެ ރަޖިސްޓްރީ ބާތިލުކޮށް، ސީރިއަސް މައްސަލަތަކުގައި ޖިނާއީ ދައުވާ އުފުލުމުގެ ބާރު ލިބިގެންވެއެވެ.
  • ކާބޯތަކެތި ބަންދުކުރުމަށް އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ފުޅި ބޭނުންކުރުން މަނާކޮށްފައިވެއެވެ.
  • ބަންދުކުރުމުގެ މިންގަނޑުތަކާ ޚިލާފުވާ ފަރާތްތައް 5,000 އާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.
comment ކޮމެންޓް