އިންޑިއާގެ އެކްޓަރު އާމިރު ޚާން ޕްރޮޑިއުސްކޮށް ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓްކުރާ ފިލްމު "ލާހޯރު 1947"ގެ ނަން ބަދަލުކޮށް ފިލްމުގެ ފުރަތަމަ މޯޝަން ޕޯސްޓަރާ އެކު ފިލްމު ސިނަމާތަކަށް ގެންނަ ތާރީޚު ވެސް އިއުލާނުކޮށްފިއެވެ.
އެކްޓަރު ސަނީ ޑިއޯލް ލީޑް ރޯލް ކުޅޭ މި ފިލްމުގެ ނަން ބަދަލުކޮށްފައި ވަނީ "ބަޓްވާރާ 1947"އަށެވެ. ސަނީ ޑިއޯލްގެ އިތުރުން ޝަބާނާ އަޒްމީ، ޕްރިތީ ޒިންތާ އަދި ކަރަން ޑިއޯލް މުހިއްމު ރޯލްތަކުން ފެންނާނެ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި އަހަރުގެ އޮގަސްޓް މަހުގެ 14 ވަނަ ދުވަހުއެވެ.
ޕްރިތީ ވަނީ މީގެކުރިންވެސް ސަނީއާ އެކު ތިން ފިލްމެއްގައި މަސައްކަތްކޮށްފައެވެ. އެއީ، 2001 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ފަރުޒް" އަދި "ދަ ހީރޯ"ގެ އިތުރުން 2018 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ބައިޖީ ސުޕަހިޓް"އެވެ.

އާމިރު ޚާން، ޕްރިތީ ޒިންތާ އަދި ސަނީ ޑިއޯލް ޑައިރެކްޓަރު ރާޖްކުމާރު ސަންތޯޝީއާ އެކު--ފޮޓޯ/އެންޑީޓީވީ
ފިލްމުގެ ނަން "ބަޓްވާރާ 1947"އަށް ބަދަލު ކުރުމުގައި ފިލްމުގެ އުފެއްދުންތެރިންގެ މެދުގައި ކިޔާލު ތަފާތުވުންތަކެއް އުފެދުނު ނަމަވެސް މޯޝަން ޕޯސްޓަރާ އެކު އާ ނަމެއް ފެނުމަކީ އޭރު އުފެދުނު ޚިޔާލު ތަފާތުވުންތަކަށް ނިމުން އައިސް ބެލުންތެރިންނަށް ފިލްމު ފެންނާނެ ކަމުގެ ފެހި ސިގްނަލެއް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
ފިލްމަށް "ބަޓްވާރާ"ގެ ނަން ދޭން މީގެކުރިން ނިންމި ނަމަވެސް 1989 ވަނަ އަހަރު އެ ނަމުގައި ފިލްމެއް އުފައްދާފައިވާތީ، އެ ނަމުގެ ކޮޕީރައިޓްސް ހޯދުމަށްޓަކައި ޕްރޮޑިއުސަރު ސަލީމް އަޚްތަރުގެ އާއިލާއާ މަޝްވަރާކުރަން ޖެހުުނު ކަމަށް އާމިރު ޚާން ވަނީ ބުނެފައެވެ.
ސަލީމް އަޚްތަރުގެ އާއިލާއާ އެކު ކުރެވުނު މަޝްވަރާ ބައްދަލުވުންތަކަށް ފަހު މި ފިލްމަށް އެންމެ އެކަށީގެންވާ ނަމަކީ "ބަޓްވާރާ 1947" ކަމަށް ނިންމައި އެ ނަމުގެ ކޮޕީރައިޓްސް އާމިރުގެ ފިލްމު ކުންފުނިން ވަނީ ގަނެފައެވެ.
މި ފިލްމަކީ 1947 ވަނަ އަހަރު އިންޑިއާ ބައިބައިވެގެން ދިޔަ ދުވަސްވަރުގެ މައްޗަށް ބިނާކޮށް އުފައްދާ އަސަރުގަދަ ވާހަކައެއް ކިޔައިދެނޭ ފިލްމެކެވެ. އޭރު ހިނގާދިޔަ ހަމަނުޖެހުންތަކުގެ ތެރޭގައި އިންސާނިއްޔަތުކަމާއި، އަމިއްލަވަންތަކަން ހޯދުމަށް އާއްމުންކުރި މަސައްކަތްތަކާއި، ކުރިމަތިވި ނަފްސާނީ ދަތިތައް ވަރަށް ފުރިހަމައަށް ފިލްމުން ދައްކުވައިދޭނެއެވެ.