އިންޑިއާގެ މަގުބޫލު އެކްޓަރު އާމިރު ޚާން އާއި ލޯބިވެރިޔާ ގޯރީ ސްޕްރެޓް މިއަދު ކައިވެނިކޮށްފިއެވެ.
ބޮލީވުޑްގެ ސުޕަސްޓާ އަދި ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު 'ޕާފެކްޝަނިސްޓް'ގެ ގޮތުގައި ސިފަކުރާ އާމިރު އާއި ގޯރީގެ ކައިވެނީގެ ހަފްލާ އޮތީ އިންޑިއާގެ މުމްބާއީގެ ޕާލީ ހިލްސްގައި ހުންނަ އާމިރުގެ ގޭގައެވެ.
މި ކައިވެނީގެ ހަފްލާގައި އާމިރުގެ މަންމަ ޒީނަތު ހަސަން ބައިވެރިވެފައިވާ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު މިއީ ވަރަށް އާދައިގެ ގޮތަކަށް ބޭއްވި، ނަމަވެސް އާއިލާއަށް ވަރަށް ހާއްސަ ހަފްލާއެއް ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
އާމިރުގެ އާއިލާގެ އިތުރުން ގާތް ރަހްމަތްތެރިން ބައިވެރިވި މި ހަލްފާގައި ދެ މީހުން ކައިވެނީގެ ރަޖިސްޓްރީގައި ސޮއިކުރާ މަންޒަރު ފެންނަ ފޮޓޯއެއް ވެސް ވަނީ އާއްމުވެފައެވެ.

އާމިރު ޚާން ދަރިފުޅު އަޒާދު ޚާން އަދި އަންހެނުން ގޯރީ ޚާންއާ އެކު--ފޮޓޯ/އިންޑިއާޓުޑޭ
އުމުރުން 61 އަހަރުގެ އާމިރާއި 47 އަހަރުގެ ގޯރީ އަކީ މީގެކުރިންވެސް ދަންނަ ގާތް ދެ ރަހްމަތްތެރިންނެވެ. ދެ މީހުން އެކަކު އަނެކަކަށް ދަންނަތާ 25 އަހަރުވެފައިވާއިރު، ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުން އުފެދުނީ މީގެ ދެ އަހަރު ކުރިންނެވެ. އާމިރު އާއި ގޯރީ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ރަސްމީކޮށް އިއުލާނުކުރީ މިދިޔަ އަހަރު އެކްޓަރަށް 60 އަހަރު ފުރުން ފާހަގަކުރުމަށް މީޑިއާއާ އެކު ބޭއްވި ހާއްސަ ހަފްލާއެއްގައެވެ.
އިނގިރޭސިވިލާތުން މަތީ ތައުލީމު ހާސިލުކުރުމަށްފަހު މުމްބާއީގައި ސެލޫންއެއް ހިންގަމުން އަންނަ ގޯރީ އަންނަނީ، އާމިރުގެ އަމިއްލަ ފިލްމު ކުންފުނީގެ ބައެއް މަސައްކަތްތައްވެސް ކުރަމުންނެވެ. ގޯރީ ވަނީ މީގެކުރިން ކައިވެންޏެއްކޮށްފައެވެ. އަދި އެ ކައިވެންޏަށް ފިރިހެން ކުއްޖަކު ލިބިފައިވާއިރު އެ ކުއްޖާގެ އުމުރުން މިހާރު ހަތް އަހަރެވެ.
އިންޑިއާގެ އެންމެ މަގުބޫލު އެކްޓަރުންގެތެރޭ ހިމެނޭ އާމިރުގެ މިއީ ތިން ވަނަ ކައިވެންޏެވެ. އާމިރު އެންމެ ފުރަތަމަ ކައިވެނިކުރީ 1986 ވަނަ އަހަރު ރީނާ ދައްތާއާއެވެ. އެ ކައިވެނި 2002ގައި ރޫޅުމާ އެކު ދެން އާމިރު ކައިވެނީ ކުރީ 2005 ވަނަ އަހަރު ކިރަން ރާއޯއާއެވެ.
ކިރަންއާ އެކު ކުރެވުނު ކައިވެންޏަށް ދެ ކުދިން ލިބިފައިވާއިރު ކިރަން އާއި އާމިރުގެ ހުންނަނީ އެންމެ ކުއްޖެކެވެ. ކުރީގެ ދެ ކައިވެނި ރޫޅިފައިވީ ނަމަވެސް ރީނާ އާއި ކިރަން އަކީ އާމިރު އަދި އެކްޓަރުގެ އާއިލާއާ ގާތް ގުޅުމެއް މިހާރުވެސް އޮންނަ ދެ މީހުންނެވެ.