ފިލްމު 'ފެޝަން' ކާމިޔާބުވި ނަމަވެސް އޭގެފަހުން ފިލްމުތަކުން ފުރުސަތު ނުލިބޭ: ކަންގަނާ

އިންޑިއާގެ ބަތަލާ ކަންގަނާ ރަނާވަތު--ފޮޓޯ/ޓެލެގްރާފްއިންޑިއާ

މީގެ 18 އަހަރު ކުރިން ރިލީޒްވި ފިލްމު "ފެޝަން"އަށް ލިބުނު ބޮޑު ކާމިޔާބީއާ އެކު ވެސް އިތުރު ފިލްމީ ފުރުސަތުތަކެއް ނުލިބުނު ކަމަށާއި، އިންޑަސްޓްރީގައި ދެމިހުރުމަށްޓަކައި ދަށް ފެންވަރުގެ މަސައްކަތްތައް ކުރަން ޖެހުނު ދަތި ދުވަސްވަރެއް ތަހައްމަލު ކުރި ކަމަށް އިންޑިއާގެ ބަތަލާ ކަންގަނާ ރަނާވަތު ބުނެފިއެވެ.

އިންޑިއާގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރުކަންވެސް ފުރަމުން އަންނަ ކަންގަނާ ބުނީ، އެހެންވެ ދިރިއުޅުމުގައި ކުރިމަތިވާ ދަތި ދުވަސްވަރުގެ ބޭނުން ހެޔޮގޮތުގައި ހިފަންޖެހޭ ކަމަށެވެ.

"މަސައްކަތެއް ނުލިބި ދަތި ހާލުގައި އުޅުނު ދުވަސްވަރު އަހަރެން އަމިއްލަ ނަފްސާ ވަރަށް ގިނަ ސުވާލު ކުރިން. ކީއްވެގެންތޯ މަސައްކަތެއް ނުލިބެނީ؟ މިއަށްވުރެ ރަނގަޅު ކަމެއް ނުކުރެވެނީ ކީއްވެގެންތޯ؟ މިއީ 2007 އާއި 2008 އާ ދެމެދު، 'ފެޝަން' ކާމިޔާބުވުމަށް ފަހު ވެސް މަސައްކަތެއް ނުލިބި އުޅުނު ދުވަސްވަރު،" ބަތަލާ ޕީޓީއައިއަށް ދިން އިންޓަވިއުއެއްގައި ކިޔައިދީފައިވެއެވެ.

ފިލްމު "ފެޝަން"ގެ މަންޒަރެއްގައި ބަތަލާ ކަންގަނާ. މި ފިލްމުން ކަންގަނާއަށް 2009ވަނަ އަހަރުގެ ނެޝަނަލް އެވޯޑުވެސް ވަނީ ލިބިފައި--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ކަންގަނާ ބުނި ގޮތުގައި އެ ދުވަސްވަރު މޮޅު ތަރިންގެ މެނޭޖަރުން ހޯދުމަށް މީހުން ލަފާދިނުމުން އޭނާ އެގޮތަށް އަމަލުކުރިއެވެ. ނަމަވެސް އޭގެ ސަބަބުން ކުޅެން ޖެހުނީ "ރާސްކަލްސް" އަދި "ދަމާލް" ފަދަ ބަތަލާގެ ފެންވަރާ ނުބައްދަލު އާދައިގެ ފިލްމުތައް ކަމަށް ކަންގަނާ ވަނީ ބުނެފައެވެ.

ކަންގަނާ ކިޔައިދިން ގޮތުގައި ކެރިއަރުގައި ހަގީގީ ކާމިޔާބީއެއް ލިބުނީ "ކުއީން" އަދި "ތަނޫ ވެޑްސް މަނޫ" ފަދަ ފިލްމުތަކުގައި އާދައިގެ އަންހެނުންގެ ރޯލުތައް ކުޅެން ފެށުމުންނެވެ.

ކަންގަނާ ފިލްމު އިންޑަސްޓްރީއާ ގުޅުނުއިރު ހުރިހާ ބަތަލާއިންނަކީ ވެސް ރީތީގެ ރާނީންނާއި، ސުޕަމޮޑެލްއިން ނުވަތަ ބޭރު ގައުމުތަކުގެ މީހުން ކަމަށާއި، އެމީހުން ފެންނަނީ ވަރަށް ތަފާތު "އާދަޔާ ޚިލާފު" ބައެއްގެ ގޮތުގައި ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ނަމަވެސް ކަންގަނާގެ ކިބައިގައި ހުރި ގުދުރަތީ ހުނަރުގެ ސަބަބުން އާދައިގެ އަންހެނެއްގެ ރޯލުން އޭނާއަށް ކާމިޔާބީ ލިބުނު ކަމަށް ގަބޫލުކުރާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ފިލްމު އިންޑަސްޓްރީގެ ގިނަ ބައެއްގެ އިތުރުން ބެލުންތެރިންގެ ވެސް ފާޑުކިޔުންތައް އަމާޒުވާ ބަތަލާ އަކީ ހިންދީ ސިނަމާގެ އެންމެ ހުނަރުވެރި ބަތަލާއިންގެތެރޭ ގުނާލެވޭ ފިލްމީ ތަރިއެކެވެ.

ކަންގަނާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ގެނެސްދޭނީ އަމިއްލަ ފިލްމު ކުންފުނިން ގެނެސްދޭ ފިލްމު "ބާރަތު ބާގްޔާ ވިދާތާ"އިންނެވެ. ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމު ސިނަމާތަކަށް ގެންނާނީ މި ހަފްތާގެ ހުކުރު ދުވަހުއެވެ.

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ކަންގަނާ ރަނާވަތު ވަނީ އޭނާގެ ފިލްމީ ހަޔާތުގައި ކުރިމަތިވި އެންމެ ބޮޑެތި ގޮންޖެހުންތަކާއި، އެކަންކަމުން އަރައިގަތް ގޮތުގެ މުހިންމު މައުލޫމާތުތަކެއް ހިއްސާކޮށްފައެވެ. އަށާރަ އަހަރު ކުރިން ނެރުނު ފިލްމު "ފެޝަން" އިން ބޮޑު ކާމިޔާބީއެއް ލިބުނު ނަމަވެސް، އޭގެ ފަހުން އެކަށީގެންވާ ފުރުސަތުތަކެއް ނުލިބި، ދަށް ފެންވަރުގެ ފިލްމުތަކެއް ކުޅެން މަޖުބޫރުވިކަން އޭނާ ފާހަގަކުރިއެވެ. ކަންގަނާ ބުނި ގޮތުގައި އެ ދުވަސްވަރު މީހުން ދިން ލަފާގެ މަތިން މަޝްހޫރު މެނޭޖަރުން ހޯދުމުން، އޭނާއަށް ކުޅެން ޖެހުނީ ބަތަލާގެ ފެންވަރާ ނުބައްދަލު އާދައިގެ ފިލްމުތަކެވެ. ނަމަވެސް، އާދައިގެ އަންހެނުންގެ ދިރިއުޅުން ދައްކުވައިދޭ ރޯލުތައް ކުޅެން ފެށުމުން އޭނާއަށް ހަގީގީ ކާމިޔާބީ ލިބި، ފިލްމު އިންޑަސްޓްރީގައި ފައިތިލަ ސާބިތުކުރެވުނެވެ. ކުރިން އިންޑަސްޓްރީގައި ތިބީ ހަމައެކަނި ރީތީގެ ރާނީންނާއި މޮޑެލްއިން ކަމަށް ވިޔަސް، އޭނާގެ ކިބައިގައި ހުރި ގުދުރަތީ ހުނަރުގެ ސަބަބުން ބޮޑެތި ކާމިޔާބީތަކެއް ވަނީ ހާސިލުކޮށްފައެވެ. ގިނަ ބައެއްގެ ފާޑުކިޔުންތަކާއެކުވެސް، އޭނާއަކީ ހިންދީ ސިނަމާގެ އެންމެ ހުނަރުވެރި އެއް ތަރިއެވެ. މިހާރު އޭނާ އަންނަނީ އަމިއްލަ ޕްރޮޑަކްޝަންގެ ދަށުން އާ ފިލްމެއް ނެރުމަށް ތައްޔާރުވަމުންނެވެ.

  • ފިލްމު "ފެޝަން" އަށް ފަހު ދިމާވި ހުރަސްތައް: އެ ފިލްމަށް ނެޝަނަލް އެވޯޑު ލިބުނު ނަމަވެސް، އިތުރު ފުރުސަތުތައް ނުލިބި ދަތި ދުވަސްތަކެއް ތަހައްމަލުކުރަން ޖެހުނެވެ.
  • މެނޭޖަރުންގެ ލަފާގެ ނަތީޖާ: މޮޅު މެނޭޖަރުން ހޯދުމަށް ދިން ލަފާގެ ސަބަބުން، ކެރިއަރާ ނުގުޅޭ ދަށް ފެންވަރުގެ ފިލްމުތަކުގައި މަސައްކަތްކުރަން ޖެހުނެވެ.
  • ކާމިޔާބީގެ އަސްލު: "ކުއީން" އަދި "ތަނޫ ވެޑްސް މަނޫ" ފަދަ ފިލްމުތަކުގައި އާދައިގެ އަންހެނުންގެ ރޯލު ކުޅުމަކީ އޭނާގެ ކާމިޔާބީގެ ސިއްރެވެ.
  • ކުރިއަށް އޮތް ފިލްމު: ހަގީގީ ހާދިސާއަކަށް ބިނާކޮށް އަމިއްލަ ކުންފުނިން އުފައްދާ "ބާރަތު ބާގްޔާ ވިދާތާ" މި ހަފުތާގައި ސިނަމާތަކަށް ނެރޭނެއެވެ.
comment ކޮމެންޓް