މިދިޔަ ހަފުތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 4 ކޭސް، އަހަރުގެ ޖުމްލަ 15އަށް

ހިމަބިހި ޖެހުމުން ގައިގައި ނަގާ ރަތް ބިހިތައް: ހިމަބިހީގެ އަލާމާތްތައް ފެނުމާއެކު ޑޮކްޓަރަކަށް ދެއްކުމަށް ލަފާ ދީފައިވޭ -- ފޮޓޯ/ ހެލްތުލައިން

މިދިޔަ ހަފުތާގައި ވެސް ރާއްޖޭން އިތުރު ހަތަރު މީހަކު ހިމަބިއްސަށް ފައްސިވެފައިވާ ކަމަށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، ވޭތުވެދިޔަ ހަފުތާގައި ހިމަބިހީގެ ހަތަރު ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ. އެހެންކަމުން މި އަހަރުގެ މިހާތަނަށް ޖުމުލަ 15 މީހަކަށް ރާއްޖޭން ހިމަބިހި ޖެހިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށް، އެ އިދާރާއިން ބުންޏެވެ.

އެއާއެކު އެޗްޕީއޭއިން ވަނީ، ހިމަބިހިން ރައްކާތެރިވުމަށްޓަކައި ބައެއް ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން، ހުން އައިސް ހަށިގަނޑުގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށާއި، ހިމަބިއްސަށް ޝައްކުވެގެން ޓެސްޓު ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެ ހުރުމަށާއި، ބަލީގެ އަލާމާތެއް ހުރި ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ ކުރިން އެޗްޕީއޭއިން ވަނީ، ބަލި ޖެހިފައިވާ މީހުން ފެނުމުން، އެ މީހުންގެ ކޮންޓެކްޓުން ފާހަގަކޮށް މޮނިޓާކުރާ ކަމަށް ބުނެފައެވެ.

މި ބަލި ޖެހެނީ، ހިމިބަހި ޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އަޅާއިރު، ނޭވާލާ ނިޒާމުގެ ތެރެއިން ކަމަށް އެ އެޖެންސީން މައުލޫމާތުދެއެވެ. އެހެންވެ، އެ އަލާމާތްތަކަށް ސަމާލުވުމަކީ ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށް އެޅޭނެ މުހިއްމު ފިޔަވަޅެކެވެ.

ހިމަބިހީގެ ކޭސްތައް ފެންނަމުން ދާތީ، ހުމާއި ރަތްބިހީގެ އަލާމާތްތައް ހުރި ފަރާތްތަކަށް އެހީވާން އައިޖީއެމްއެޗްގައި ޚާއްސަ 'ހެލްޕް ޑެސްކް' އެއް ވެސް ވަނީ ގާއިމުކޮށްފައެވެ. އެގޮތުން ބޮޑެތި މީހުންގެ ކުއްލި ފަރުވާ ދޭ ބައި (މެއިން އީއާރް) ގެ އެމްބިއުލާންސް ޕޯޓިކޯ ކައިރީ 'ހެލްޕް ޑެސްކް' އެއް ގާއިމުކޮށްފައިވާ ކަމަށް އައިޖީއެމްއެޗްއިން ބުންޏެވެ. އަދި މި ޑެސްކުން ހެނދުނު 08:00 އިން ފެށިގެން ރޭގަނޑު 23:00 އަށް ޚިދުމަތް ލިބޭނެ ކަމަށް އައިޖީއެމްއެޗްއިން ބުންޏެވެ.

ހިމަބިއްސަށް ޖަހާ އެމްއާރު ވެކްސިން ރާއްޖެއަށް ތައާރަފުކުރީ 1983 ވަނަ އަހަރެވެ. އެއަށްފަހު 2017ވަނަ އަހަރު ރާއްޖެއަކީ ހިމަބިހި ނައްތައިލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައެޅިއެވެ. އެކަމަކު، އޭގެ ފަހުން ވެސް އެ ބަލި ރާއްޖޭން ފެނިފައިވެއެވެ.

https://sun.mv/222647

އެޗްޕީއޭއިން ވަނީ، މިހާރު އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސިއްހީ މަސައްކަތްތެރިން ވެކްސިންގެ ބޫސްޓާ ޑޯޒްއެއް ޖަހަން ލަފާދީފައިވާ ކަމަށް ބުނެފައެވެ.

މީގެ އިތުރުން، ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ މީހުންނަށް ވެކްސިން ޖެހުމަށް ޓަކައި، ވެކްސިން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިދިޔަ މަހުގެ ފަހުކޮޅު އެ އިދާރާއިން ބުނެފައިވެއެވެ.

https://sun.mv/222938

މި އަހަރަކީ ރޯގާތައް ވެސް އިތުރު އަހަރެކެވެ. އެގޮތުން ޑެންގީއާއި އިންފްލުއެންޒާގެ ކޭސްތައް އިތުރުވެފައިވެއެވެ.

މީގެ އިތުރުން، މިއީ ހައްޖުވެރިން އެނބުރި އަންނަ ދުވަސްކޮޅު ކަމުން، ރޯގާތަކަށް އިތުރަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިދިޔަ ހަފުތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 4 ކޭސް ފެނި، މިއަހަރު ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު 15 އަށް ވަނީ އަރައިފައެވެ. ބަލިމީހުންނާ ބައްދަލުވެފައިވާ މީހުން ދެނެގަނެ މޮނިޓާކުރުމުގެ މަސައްކަތް އެޗްޕީއޭއިން ދަނީ ކުރަމުންނެވެ. ހުމާއެކު ރަތް ބިހިތަކެއް ނަގައިފިނަމަ އެކަހެރިވެ އަވަހަށް ފަރުވާ ހޯދުމަށް އިލްތިމާސްކޮށްފައިވާއިރު، އައިޖީއެމްއެޗްގައި ވަނީ ބައްޔަށް ޚާއްސަ ޑެސްކެއް ގާއިމުކޮށްފައެވެ. މީގެ އިތުރުން ސިއްހީ މަސައްކަތްތެރިންނަށް ބޫސްޓާ ޑޯޒް ދިނުމާއި، ވެކްސިން ފުރިހަމަނުކުރާ މީހުންނަށް އިތުރު ވެކްސިން ގެނައުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

  • މާލެ ސަރަހައްދުން އަލަށް ފެނުނު 4 ކޭސްއާއެކު، މިއަހަރު ހިމަބިހި ޖެހުނު މީހުންގެ އަދަދު 15 އަށް އެރުން.
  • ހުމާއި ރަތްބިހީގެ އަލާމާތްތައް ފެނިއްޖެނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް، އެކަހެރިވެ ސިއްހީ ފަރުވާ ހޯދުމަށް އެންގުން.
  • އައިޖީއެމްއެޗްގެ ކުއްލި ފަރުވާދޭ ބައިގައި މި ބައްޔަށް ޚާއްސަ ޑެސްކެއް ގާއިމުކޮށް، ހެނދުނު 08:00 އިން ރޭގަނޑު 23:00 އަށް ޚިދުމަތް ދޭން ފެށުން.
  • ސިއްހީ މަސައްކަތްތެރިން ބޫސްޓާ ޑޯޒް ޖެހުމަށާއި، 2 ޑޯޒް ފުރިހަމަނުކުރާ މީހުންނަށް ވެކްސިން ދިނުމުގެ އިންތިޒާމު ހަމަޖެއްސުން.
  • ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، ބަލިމީހުންނާ ބައްދަލުވެފައިވާ ފަރާތްތައް ދެނެގަނެ މޮނިޓާކުރަމުން ދިއުން.
comment ކޮމެންޓް