ފުރަމޭގައި ސަރުބީ ޖެހިފައިވާކަން އެނގުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ނަމަވެސް، އެއީ ގްރޭޑް އެކެއްގައި ހުރި ކަމެއް ނަމަ އުފާވެރި ޚަބަރެއް އެބައޮތެވެ. އެއީ ގިނަ ފަހަރަށް މި ހާލަތަކީ އަނބުރާ ކުރީގެ ހާލަތަށް ރުޖޫއަކުރެވިދާނެ ކަމަކަށް ވާތީއެވެ.
ގްރޭޑް އެކެއް ފެޓީ ލިވަ އަކީ މި ބަލީގެ އެންމެ ކުރީގެ މަރުހަލާއެވެ. މި މަރުހަލާގައި ފުރަމޭގައި ކުޑަ މިންވަރަކަށް ސަރުބީ ޖަމާވާން ފަށައެވެ. މީގެ ސަބަބުން ބަލީގެ އަލާމާތެއް ފެންނަނީ ވަރަށް މަދުން ކަމަށްވާތީ، ގިނަ މީހުންނަށް މިކަން އެނގެނީ އާންމު ހެލްތު ޗެކަޕެއް ނުވަތަ އަލްޓްރާސައުންޑް ސްކޭނެއް ހެދުމުންނެވެ.
ޒެން މަލްޓިސްޕެޝަލިޓީ ހޮސްޕިޓަލުގެ ޑިރެކްޓަރު އަދި ގޭސްޓްރޯއެންޓްރޮލޮޖިސްޓް ޑރ. ރޯއީ ޕަޓަންކަރް ވިދާޅުވާ ގޮތުގައި، ގްރޭޑް އެކެއް ފެޓީ ލިވަ އަކީ އަސްލުގައި ހަށިގަނޑުން ދޭ އިންޒާރެކެވެ. އެއީ ހަށިގަނޑުގެ މެޓަބޮލިޒަމަށް ބަދަލުތަކެއް އަންނަން ފަށާފައިވާކަން ފުރަމޭއިން އަންގައިދޭ އެންގުމެކެވެ. ނަމަވެސް މި މަރުހަލާގައި ލިބޭ ގެއްލުންތަކަކީ އާންމުގޮތެއްގައި ރަނގަޅު ކުރެވިދާނެ ކަންކަން ކަމަށް ޑރ. ރޯއީ ވިދާޅުވެއެވެ.

ފުރަމޭގައި ސަރުބީހުރިކަން ދެނެގަނެވި އެއީ ގްރޭޑް 1 ފެޓީ ލިވަ ނަމަ، ދިރިއުޅުމުގެ އާދަކާދަތަކަށް އެކަށީގެންވާ ބަދަލުތަކެއް ގެންނަންޖެހޭ -- ފޮޓޯ/ އިންޑިއަން އެކްސްޕްރެސް
ޑރ. ރޯއީ ވިދާޅުވާ ގޮތުގައި، މި ހާލަތު ކުރީކޮޅު ދެނެގަނެވި، ބަލިމީހާގެ ދިރިއުޅުމުގެ އާދަކާދަތަކަށް އެކަށީގެންވާ ބަދަލުތަކެއް ގެނެވިއްޖެނަމަ، ފުރަމޭގައި ހުންނަ އިތުރު ސަރުބީ ވަރަށް ބޮޑަށް މަދުކުރެވި، އަދި ގިނަ ފަހަރަށް މުޅިން ފިލައިގެން ވެސް ހިނގައިދާނެއެވެ.
އެހެންކަމުން މިކަމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ ފުރަމޭގައި ސަރުބީ ޖަމާވާން މެދުވެރިވި ސަބަބުތަކަށް ހައްލެއް ހޯދުމެވެ.
ބަރުދަން ލުއިކުރުމަކީ މިކަމުގައި އެންމެ ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ހަށިގަނޑުގެ ބަރުދަނުން ކުޑަ މިންވަރެއް ލުއިކޮށްލުމަކީ ވެސް ފުރަމޭގެ ދުޅަހެޔޮކަމަށް ބޮޑު ބަދަލެއް އަންނާނެ ކަމެކެވެ.
"އަޅުގަނޑުމެން ބަލިމީހުންގެ ކިބައިން އެދެނީ އެއްރޭ ތެރޭގައި ކުއްލިއަކަށް ބަރުދަން ލުއިކުރުމަކަށް ނޫން. ހަށިގަނޑުގެ ބަރުދަނުން އެންމެ 5 އިން 10 އިންސައްތަ ލުއިކޮށްލުމަކީ ވެސް ފުރަމޭގެ ސަރުބީއަށާއި މުޅި ހަށިގަނޑުގެ މެޓަބޮލިކް ދުޅަހެޔޮކަމަށް ބޮޑު ހެޔޮ ބަދަލެއް އަންނާނެ ކަމެއް،" ޑރ. ރޯއީ ވިދާޅުވިއެވެ.

ސިއްހަތަށް ފައިދާހުރި ކާނާ އިހްތިޔާރުކުރުމުގެ އިތުރުން މިންހެޔޮ ކެއުމެއް އިހުތިޔާރު ކުރުން ވަރަށް މުހިއްމު -- ފޮޓޯ/ އިންޑިއަން އެކްސްޕްރެސް
ގަވާއިދުން ކަސްރަތުކުރުމާއި، ސިއްހަތަށް ފައިދާހުރި ކާނާ އިހްތިޔާރުކުރުމުގެ އިތުރުން ހަކުރު ބައްޔާއި، ކޮލެސްޓްރޯލް މަތިވުމާއި، ފަލަވުން ފަދަ ކަންކަން ކޮންޓްރޯލް ކުރުމަކީ ވަރަށް މުހިންމު ކަންކަމެވެ.
"މީހުން އާންމުކޮށް ހޯދަނީ ބޭހެއް ނުވަތަ ޑިޓޮކްސް ކުރާނެ އެއްޗެއް. ނަމަވެސް މިކަމުގެ ފަރުވާގެ ބިންގަލަކީ ދިރިއުޅުމުގެ އާދަކާދައަށް ގެންނަ ބަދަލުތައް. މިންހެޔޮ ކެއުމެއް ބޭނުންކުރުމަށް އިސްކަންދިނުމާއި، ގަވާއިދުން ހަރަކާތްތެރިވެ އުޅުމާއި، އަދި މަސްތުވާ ބާވަތުގެ ތަކެއްޗާ ދުރުހެލިވުމަކީ މީގެ ހައްލު" ޑރ. ރޯއީ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ހަކުރު ގިނައިން ހުންނަ ބުއިންތަކާއި، ޕްރޮސެސްކޮށްފައި ހުންނަ ކާނާއާއި، އަދި ތެލުލި ތަކެތި ބޭނުންކުރުން މަދުކުރުމަށް ތަޖުރިބާކާރުން ލަފާދެއްވައެވެ.
ގްރޭޑް އެކެއް ފެޓީ ލިވާ އަކީ މާ ނުރައްކާތެރި ހާލަތެއް ނޫން ކަމަށް ބެލެވުނަސް، އެއީ ދޫކޮށްލައިގެން ވާނެ ކަމެއް ނޫން ކަމަށް ޑރ. ރޯއީ ލަފާދެއްވައެވެ.
ބަލީގެ އެއްވެސް އުނދަގުލެއް ނުވާތީ މިއީ ސީރިއަސް ކަމެއް ނޫން ކަމަށް ގިނަ މީހުންނަށް ހީވި ނަމަވެސް ބަލި ޖެހެން މެދުވެރިވި ސަބަބުތަކަށް ހައްލެއް ނުހޯދައިފިނަމަ، ވަގުތު ފާއިތުވާވަރަކަށް ފެޓީ ލިވަ އިތުރަށް ގޯސްވަމުންދާނެ ކަމަށް ޑރ. ރޯއީ ވިދާޅުވެއެވެ.
މީގައި އޮތް އުފާވެރި ޚަބަރަކީ، ކުރީކޮޅު މިކަން އެނގުމުން ބަލިން ސަލާމަތްވުމުގެ ފުރުސަތު ބޮޑުކަމެވެ. ދިރިއުޅުމުގެ އާދަކާދައަށް ދާއިމީ ބަދަލުތަކެއް ގެނެސްގެން، ގިނަ މީހުންނަށް ފުރަމޭގެ ދުޅަހެޔޮކަން އިތުރުކޮށް، ބަލި މުޅިން ރަނގަޅު ކުރުމުގެ ފުރުސަތު އޮތުމަކީ ހަގީގަތުގައި ލިބޭ ވަރަށް ރަނގަޅު ފުރުސަތެކެވެ.