ވަތަނީ ޚިދުމަތުގެ ތިން ވަނަ ބެޗުގެ 352 ޒުވާނުން ތަމްރީނަށް ފުރައިފި

ނޭޝަނަލް ސާވިސް ޓްރެއިނިންނަށް ފުރަން ގޮސް ތިބި ބައެއް ކުދިންނާއި އެކުދިންގެ މައިންބަފައިން --- ފޮޓޯ: ރައީސް ޑރ. މުޙައްމަދު މުޢިއްޒު

މޯލްޑިވްސް ނޭޝަނަލް ސާވިސް، ވަތަނީ ޚިދުމަތުގެ ތިންވަނަ ބެޗުގައި ހިމެނޭ 352 ޒުވާނުން ތަމްރީނަށް ފުރައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައިވަނީ، ވަތަނީ ޚިދުމަތުގެ ތަމްރީނަށް ހުޅުވާލި ދެވަނަ ފުރުސަތުގައި 1،785 ޒުވާނުން ކުރިމަތިލި ކަމަށެވެ. އޭގެ ތެރެއިން ފުރަތަމަ 352 ބައިވެރިން ނޭޝަނަލް ސާވިސް ޓްރެއިނިންގެ ތިންވަނަ ބެޗުގެ ތަމްރީނުތަކަށް މިއަދު ޅ. މާފިލާފުށްޓަށް ފުރައިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ތިން މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ތަމްރީނުގައި ގައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަރުބިއްޔަތާއި އަޚްލާގާއި ސުލޫކުގެ އިތުރުން، ލީޑާޝިޕާއި ހަށިހެޔޮކަމާއި ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާނެ ތަފާތު އެތައް ދާއިރާއަކުން އެ ޒުވާނުންނަށް ތަމްރީނު ދެވޭނެ ކަމަށް، ރައީސްގެ ޕޯސްޓުގައިވެއެވެ.

ވަތަނީ ޚިދުމަތުގެ ޕްރޮގްރާމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ، ސަރުކާރުން ޒުވާނުން ބިނާކުރުމާ ގުޅޭ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށް، އެ މަނިކުފާނު ލިޔުއްވައިފައިވެއެވެ.

ރައީސް ހާމަކުރެއްވި ގޮތުގައި، މި ބެޗުގައި 115 ރަށަކަށް ނިޞްބަތްވާ 64 އަންހެނުންނާއި 288 ފިރިހެނުން ބައިވެރިވެއެވެ.

ވަތަނީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ ޒުވާނުންނަށެވެ.

ވަތަނީ ޚިދުމަތުގެ ފުރަތަމަ ބެޗުގެ ފަރިތަކުރުންތަކުގައި 350 ދަރިވަރުން ބައިވެރިވިއެވެ. އޭގެ ތެރެއިން 346 ދަރިވަރުން ވަނީ މިދިޔަ ޑިސެންބަރު މަހު ދަސްވެނިވެފައެވެ. ދެވަނަ ބެޗުގެ ދަރިވަރުންގެ ތެރެއިން 344 ދަރިވަރަކު ވަނީ މިދިޔަ މެއި މަހު ދަސްވެނިވެފައެވެ.

ރާއްޖޭގެ ވަތަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ރައީސްގެ ޚާއްސަ އިސްނެންގެވުމެކެވެ. މި ޕްރޮގްރާމުގެ ސަބަބުން، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން، ޒުވާނުން ބިނާކުރުމުގެ މުހިންމު ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ވަތަނީ ޚިދުމަތުގެ ތިންވަނަ ބެޗުގެ ތަމްރީނުތަކަށް 352 ޒުވާނުން މިއަދު ވަނީ ފުރާފައެވެ. މި ޕްރޮގްރާމަށް ހުޅުވާލި ދެވަނަ ފުރުސަތުގައި 1785 ޒުވާނުން ކުރިމަތިލިއިރު، ތިން މަސްދުވަހުގެ މި ތަމްރީނުގައި ގައުމިއްޔަތާއި، ދީނީ ތަރުބިއްޔަތާއި، ލީޑާޝިޕް ފަދަ މުހިންމު ދާއިރާތަކުން ބައިވެރިންނަށް ތައުލީމާއި ހުނަރު އުނގަންނައިދެވޭނެއެވެ.

  • ތިންވަނަ ބެޗުގައި 115 ރަށަކަށް ނިސްބަތްވާ 64 އަންހެނުންނާއި 288 ފިރިހެނުން ބައިވެރިވެއެވެ.
  • ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ މި ތަމްރީނުތައް ކުރިއަށް ގެންދާނީ ޅ. މާފިލާފުށީގައެވެ.
  • މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.
  • މީގެ ކުރިން ފުރަތަމަ ބެޗުން 346 ދަރިވަރުން އަދި ދެވަނަ ބެޗުން 344 ދަރިވަރުން ވަނީ ތަމްރީނު ފުރިހަމަކޮށް ދަސްވެނިވެފައެވެ.
comment ކޮމެންޓް