އަމީނީމަގުގެ ހުޅަނގަށްވީ ބައިގައި އަޅާފައިވާ ތާރުގަނޑު ނަގައި, އެ ސަރަހައްދުގައި އަލުން ތާރުއެޅުމުގެ މަސައްކަތް ކުރަން ފެށުން ލަސްވަނީ ހައުސިން މިނިސްޓްރީން އެ މަސައްކަތުގެ ބައެއް ކަންކަމަށް ބަދަލު ގެންނަން ޖެހިފައިވާތީ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމް މިއަދު ވިދާޅުވެއްޖެއެވެ.
އެ މަސައްކަތްކުރަން ތައްޔާރުވަމުން އަންނަ ކަމަށް ނަޒީމް ވަނީ މީގެ ދެ މަސް ކުރިން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައެވެ.
އޭނާ މިއަދު 'ސަން'އަށް ވިދާޅުވީ، މަސައްކަތް ފެށުން ލަސްވަނީ އެ މަސައްކަތުގެ ސްކޯޕަށް އިންފްރާސްޓްރަކްޗަރު މިނިސްޓްރީން ބަދަލު ގެނައުމުގެ ވިސްނުމެއް އޮތުމުގެ ސަބަބުން ކަމަށެވެ.
"އެއީ މިހާރު ކޮންމެ ވެސް ވަރަކަށް އެ ބޭފުޅުން އޭގެ ބައެއް މަސައްކަތްތަކަށް ބަދަލު ގެންނަވަން ވިސްނަވާފައި އޮތީމާ އަސްލު ކުޑަކޮށް ފެށުން ލަސްވެގެން މި އުޅެނީ،" ނަޒީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިނިސްޓްރީން އާރުޑީސީގައި އެދިފައިވާ ތަފުސީލުތައް ހަދައި ފޮނުވި ނަމަވެސް، މިނިސްޓްރީގެ ފަރާތުން އަދި ޖަވާބެއް ނުލިބޭ ކަމަށެވެ.
މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ކުރެހުންތައް ކުރެހުމަށް ބޭނުންވާ ސާވޭތަކުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވައި ނަޒީމް ވިދާޅުވީ، ބެލެވޭ ގޮތުގައި މިނިސްޓްރީން ގެންގުޅެނީ މަގުތަކުގެ ސާވޭ ހަދާއިރު، އެ މަސައްކަތުގެ ދަށުން އަމީނީމަގުގެ ތާރުގަނޑު ރަނގަޅުކުރުމުގެ މަސައްކަތް ކުރުމުގެ ވިސްނުމެއް ކަމަށެވެ.
އަމީނީމަގުގެ އެންމެ ފަހު ސެގްމަންޓުގައި ތާރު އަޅައި ނިންމާލީ، މީގެ ދެ އަހަރެއްހާ ދުވަސް ކުރިން މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހެވެ.
ފުޑްކޯޓު ބިއްދޮށަށް އޮންނަ އަމީނީ މަގުގެ ސަރަހައްދުގައި "މުލިހި"ތަކެއްހެން ނުވަތަ "ރާޅުބާނި"ތަކެއްހެން ތާރުގަނޑު އުފުލުމުގެ މައްސަލަ މީގެ ކުރިން ވެސް ވަނީ ދިމާވެފައެވެ. އެކަން އެއިރު ސަމާލުކަމަށް ގެނައުމާ އެކު އެ ކަން ހައްލުކުރުމުގެ މަސައްކަތް މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭ ވަކި ވަރަކަށް ކުރި ނަމަވެސް، ފަހުން އޮތީ ހުއްޓިފައެވެ.
މަގުގެ ދެ ފަރާތުން ވަރަށް ބޮޑަށް ތާރުގަނޑު އެކި ގޮތްގޮތަށް އުފުލިފައިވާއިރު، އެ މަގުން ދުއްވާ ގިނަ ބަޔަކަށް އެ ކަމުގެ ނުރައްކަލާއި ތަކުލީފާ ވަނީ ކުރިމަތިލާންޖެހިފައެވެ.
ދުއްވަން ނުރައްކާތެރި ގޮތަކަށް އަމީނީމަގު އޮންނަތާ މިހާރު ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެ ކަމާ ގުޅޭ ގޮތުން އާންމުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަމީނީމަގުގެ މި ސަރަހައްދުގެ ހާލަތު ވަރަށް ދަށްވެފައިވާއިރު، ސަރުކާރު ކުންފުނި އެމްޓީސީސީން ގެންދަނީ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.