އަމީނީމަގުގެ ހުޅަނގަށްވީ ބައިގައި އަޅައިފައިވާ ތާރުގަނޑު ނަގައި, އެ ސަރަހައްދުގައި އަލުން ތާރުއެޅުމުގެ މަސައްކަތް ކުރުމަށް ތައްޔާރުވަމުން އަންނަކަމަށް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރްޑިސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް ވިދާޅުވެއްޖެއެވެ.
އަމީނީ މަގުގެ އެންމެ ފަހު ސެގްމަންޓުގައި ތާރު އަޅައި ނިންމާލީ، މީގެ ދެ އަހަރެއްހާ ދުވަސްކުރިން، މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހުގައެވެ.
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ޕްލޭނިން މިނިސްޓްރީން، އަމީނީ މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ދައުލަތުގެ ކުންފުނި އާރުޑީސީއާ ހަވާލުކުރީ 84.4 މިލިއަން ރުފިޔާއަށެވެ.
އަމީނީ މަގުގައި ތާރުއަޅައި ބޭނުންކުރަން ފެށިފަހުން އެ މަގަކީ އެންމެ ގިނައިން ވެހިކަލް ދުއްވާ އެއް ސަރަހައްދެވެ. ވަކިން ޚާއްސަކޮށް ޑަބަލްޑެކާ ބޮޑެތި ބަސްތައް ވެސް އެ މަގުން ދެކޮޅަށް ދުއްވައެވެ.
ފުޑްކޯޓު ބިއްދޮށަށް އޮންނަ އަމީނީ މަގުގެ ސަރަހައްދުގައި "މުލިހި"ތަކެއްހެން ނުވަތަ "ރާޅުބާނި"ތަކެއްހެން ތާރުގަނޑު އުފުލުމުގެ މައްސަލަ މީގެ ކުރިން ވެސް ވަނީ ދިމާވެފައެވެ. އެކަން އެއިރު ސަމާލުކަމަށް ގެނައުމާއެކު އެ ކަން ހައްލުކުރުމުގެ މަސައްކަތް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭ ކޮށްފައިވެސް ވެއެވެ.
ނަމަވެސް އަނެއްކާ ވެސް އެ ސަރަހައްދުގެ ބޮޑު ބައެއް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. މަގުގެ ދެ ފަރާތުން، ވަރަށް ބޮޑަށް ތާރުގަނޑު އެކި ގޮތްގޮތަށް އުފުލިފައިވާއިރު، އެ މަގުން ދުއްވާ ގިނަ ބަޔަކަށް އެ ކަމުގެ ނުރައްކަލާއި ތަކުލީފާ ވަނީ ކުރިމަތިލާންޖެހިފައެވެ.

އަމީނީ މަގުގެ އެންމެ ފަހުން ތާރުއެޅި ސެގްމަންޓު: މުޅި މި ސެގްމަންޓު އެއްކޮށްހެން ވަނީ ހަލާކުވެފައި -- ސަން ފޮޓޯ/ މުޙައްމަދު އަފްވާން ސޮލާހު
އެ މައްސަލައާ ގުޅޭ ގޮތުން، ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްވަމުން ނަޒީމް ވަނީ، ޣިޔާސުއްދީން ސްކޫލުން ފެށިގެން އަމީނީ މަގުގެ ހުޅަނގަށް އޮތް ބައި ވަރަށް ބޮޑަށް މަރާމާތުކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ.
އެ މަގު މަރާމާތުކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ކޮންސްޓްރަކްޝަން މިނިސްޓްރީއާއި މަޝްވަރާކޮށް، ކުރިއަށްއޮތް ދެ ހަފުތާއެއްހައި ދުވަހުގެ ތެރޭގައި މަސައްކަތް ފެށޭނެކަމަށް ނަޒީމް ވަނީ ވިދާޅުވެފައެވެ.
ކުރީގައި މި މަސައްކަތް ކުރިވެގެންދިޔަ ގޮތަށް އެއްޗެއް ދަންނަވާކަށް އަޅުގަނޑަކަށް ނުއެއް އެނގޭ. އެކަމަކު ދެން އިރާދަކުރެއްވިއްޔާ އެ ތަން ހެދިގެންދާއިރު އަޅުގަނޑުމެން ޓެކްނިކަލީ ބަލަންޖެހޭނެ ހުރިހާ މިންގަނޑުތަކެއް ވަރަށް ސަމާލުކަމާއެކު ބަލައި، ދެން ތާރު އެޅިގެންދާއިރު ހަމަ ވަރަށް ރަނގަޅު ފެންވަރުގައި އެ މަސައްކަތް ކުރެވިގެންދާނެ ގޮތަކަށް އަޅުގަނޑުމެން ކަންކަން ރާވައިގެން ގެންދާނީ
އާރްޑިސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް
ނަޒީމް ވިދާޅުވީ އެ ސަރަހައްދުގައި ތާރުއެޅުމުގެ މަސައްކަތް ކުރަންހަމަޖެހިފައި ވަނީ ރާއްޖެއިން ބޭރުން ރޯޑް އިންޖިނިއަރެއް ގެނެސްގެން ކަމަށެވެ.

އަމީނީ މަގުގެ އެންމެ ފަހުން ތާރުއެޅި ސެގްމަންޓު: މުޅި މި ސެގްމަންޓު އެއްކޮށްހެން ވަނީ ހަލާކުވެފައި -- ސަން ފޮޓޯ/ މުޙައްމަދު އަފްވާން ސޮލާހު
އަމީނީ މަގު، ދުއްވަން ނުރައްކާތެރި ގޮތަކަށް އޮންނަތާ މިހާރު ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެކަމާ ގުޅޭ ގޮތުން އާންމުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަމީނީ މަގުގެ މި ސަރަހައްދުގެ ހާލަތު ވަރަށް ދަށްވެފައިވާއިރު، ސަރުކާރު ކުންފުނި އެމްޓީސީސީން ގެންދަނީ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.