ހަކުރު ބަލީގެ ނުރައްކާ އޮތް މީހުން ހުސްބަނޑާ ހުރެ މޭވާ ކެއުން ރައްކާތެރިތަ؟

ހަކުރު ބަލީގެ ނުރައްކާ އޮންނަ މީހުން ހުސްބަނޑާ ހުރެ މޭވާ ކެއުން ރައްކާތެރި ނޫން ކަމަށް ސިއްހީ މާހިރުން ލަފާދެއްވާ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

މޭވާ އަކީ އޭގައި ގިނަ އަދަދަކަށް ފައިބާ، އެންޓިއޮކްސިޑެންޓްސް، ވިޓަމިންސް އަދި ގުދުރަތީ ހަކުރު ފަދަ މާއްދާތައް އެކުލެވޭ ބާވަތަކަށް ވުމުން، ދުވަސް ފެށުމުގެ ގޮތުން ކެއުމުގައި މޭވާގެ ބާވަތައް ހިމަނަން ވަރަށް ގިނަ ބަޔަކަށް ވަނީ އާދަވެފައެވެ.

ގިނަ ބަޔަކު ދެކޭގޮތުގައި ހެނދުނު އެންމެ ފުރަތަމަ މޭވާ ކެއުމަކީ ދުވަސް ފެށުމަށް ލިބޭ ވަރަށް ތާޒާ އަދި ހަކަތަ އިތުރުކޮށްދޭ ކަމެކެވެ.

ނަމަވެސް، ހުސްބަނޑާ ހުރެ މޭވާ ކެއުމަކީ ލޭގައި ހަކުރު ހުންނަ މިންވަރު ކުއްލިއަކަށް މަތިކުރުވާ ކަމެއް ހެއްޔެވެ؟ ހާއްސަކޮށް އިންސިއުލިން ރެސިސްޓެންސް ހުންނަ މީހުންނާއި ހަކުރުބަލީގެ ނުރައްކާ އޮތް މީހުންނަށް މީގެ ސަބަބުން ކުރާނީ ކޮން އަސަރެއް ހެއްޔެވެ؟

ހަކުރުބަލީގެ މާހިރެއް ކަމަށްވާ ޑައިޓީޝަން ކަނީއްކާ މަލްހޯތުރާ ބަޔާންކުރައްވާ ގޮތުގައި، ހުސްބަނޑާ ހުރެ މޭވާ ކެއުމުން ލޭގައި ހަކުރު ހުންނަ މިންވަރު މަތިވެއެވެ.

މޭވާ ބޭނުންކުރާއިރު ޕްރޮޓީން ނުވަތަ ސިއްހަތަށް ފައިދާހުރި ފެޓްސް ނުވަތަ ފައިބަރު ހިމެނިދާނެ ކަމަށް ޑައިޓީޝަނުން ލަފާދެއްވާ--ފޮޓޯ/ޕިންޓްރެސްޓް

އެއީ މޭވާގައި ހުންނަ ފްރަކްޓޯސް (ޤުދުރަތީ ހަކުރު) ގްލޫކޯޒަށް ބަދަލުކުރާތީއެވެ. އެހެންނަމަވެސް، ހަކުރުބަލީގެ ނުރައްކާ އޮތް މީހުންނާއި، ޕްރީ-ޑައިބެޓިކް މީހުންވެސް، ކެއުމުގައި މޭވާ ހިމަނާލާ މިންވަރު ބަލައިގެން އަދި މޭވާ ޖޫހުގެ ބަދަލުގައި މޭވާ ހުހަށް ބޭނުން ކުރާނަމަ، މިއީ އެހާ ބޮޑު މައްސަލައަކަށް ނުވާނެ ކަމަށް ކަނީއްކާ މަލްހޯތުރާ ވިދާޅުވެފައިވެއެވެ.

މުޅި މޭވާ ކެއުމުން އޭގައި ހުންނަ ފައިބަރުގެ ސަބަބުން ގްލޫކޯޒް ލޭގެ ތެރެއަށް ދޫކުރާ ދުވެލި ލަސްކޮށްދީ، ކުއްލިއަކަށް ހަކުރު މަތިވުން ހުއްޓުވައިދެއެވެ.

ބައެއް މޭވާތަކުން ލޭގައި ހަކުރު ހުންނަ މިންވަރަށް ކުރާ އަސަރު ތަފާތުއިރު ހެޔޮ މިންވަރަކަށް ބަލައިގެން މޭވާ ކެއުމަކީ ކުއްލިއަކަށް ހަކުރު މަތިވާނަމަ އެކަމުން ރައްކާތެރިކަން ހޯދައިދޭނެ ކަމެއް ކަމަށް ކަނީއްކާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ލޭގެ ހަކުރު އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި ފައިބާ އަދި ޕްރޮޓީން ހިމެނޭ ބެލެންސްޑް ކެއުމެއް ބޭނުންކުރުމަށްވެސް ކަނީއްކާ މަލްހޯތުރާ ލަފާދެއްވައެވެ.

ކަނީއްކާ ފާހަގަކުރައްވާ ގޮތުގައި، ގްލައިސީމިކް އިންޑެކްސް މަތި މޭވާތައް ކަމަށްވާ ކަރާ، މާބޮޑަށް ދޮންވެފައި ހުންނަ ދޮންކެޔޮ، އަލަނާސި އަދި މޭބިސްކަދުރު ފަދަ ތަކެތި އެކަނި ކެއުމުން ލޭގެ ހަކުރު ވަރަށް އަވަހަށް މަތިކޮށްލައެވެ.

މޭވާ ޖޫހާއި ދަޅުގައި ބަންދުކޮށްފައި ހުންނަ މޭވާގައި އިތުރަށް ހަކުރު ހިމެނޭތީ، އެއީ ލޭގެ ހަކުރު ވަރަށް އަވަހަށް މަތިކޮށްލާނެ އެއްޗެހި ކަމަށް ސިއްހީ މާހިރުން ވިދާޅުވޭ--ފޮޓޯ/ޕިންޓްރެސްޓް

ނަމަވެސް ބެރީސް، އާފަލު، ޕެއާ އަދި ހުތްފޮނިކަން ގަދަ 'ސިޓްރަސް' މޭވާތަކަކީ ގްލައިސީމިކް އިންޑެކްސް ދަށް މޭވާތަކަކަށް ވާތީ، މި ބާވަތްތަކުން ލޭގެ ހަކުރަށް ކުރާ އަސަރު ކުޑަ ކަމަށް ކަނީއްކާ ވިދާޅުވެފައިވެއެވެ.

ކެއުމުގައި މޭވާ ބޭނުންކުރާއިރު ޕްރޮޓީން ނުވަތަ ސިއްހަތަށް ފައިދާހުރި ފެޓްސް ނުވަތަ ފައިބާ ހިމެނުމަށް ޑައިޓީޝަން ކަނީއްކާ އިތުރަށް ލަފާދެއްވާއިރު، މިއީ ހަކުރު ހަށިގަނޑަށް ދަމާ ދުވެލި ލަސްކޮށްދީ، ހަކުރު މަތިވުން ކުޑަކޮށްދޭނެ ކަމެކެވެ. އޭގެ މިސާލެއްގެ ގޮތުގައި ކަނީއްކާ ވިދާޅުވީ، މޭވާއާ އެކު ބަދަން ކެއުން ނުވަތަ ޔޯގަޓާ އެކު މޭވާ ބޭނުން ކުރުމަކީ ރަނގަޅު ގޮތެއް ކަމަށެވެ.

ހަމައެއާއެކު ހަކުރުބަލީގެ ނުރައްކާ އޮތް މީހުން އިސްކަންދޭންވީ ތާޒާ މޭވާތަކުގެތެރެއިން ގްލައިސީމިކް އިންޑެކްސް ދަށް ބާވަތްތައް ކެއުމަށް ކަމަށް ވެސް ކަނީއްކާ ވަނީ ލަފާދެއްވާފައެވެ.

މީގެ އިތުރުން، މޭވާ ޖޫހާއި ދަޅުގައި ބަންދުކޮށްފައި ހުންނަ މޭވާގައި އިތުރަށް ހަކުރު ހިމެނޭތީ، އެއީ ލޭގެ ހަކުރު ވަރަށް އަވަހަށް މަތިކޮށްލާނެ އެއްޗެހިކަމަށް ކަނީއްކާ ބަޔާންކުރައްވައެވެ.

މޭވާގައި ހިމެނޭ މުހިންމު މާއްދާތަކާއި، ފައިބާ އަދި އެންޓިއޮކްސިޑެންޓްސް އަކީ ހަށިގަނޑުގެ މެޓަބޮލިޒަމް ރަނގަޅުކޮށްދީ، ލޭގެ ހަކުރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭނެ މާއްދާތަކެކެވެ.

ނަމަވެސް މިކަންކަން ހާސިލްވާނީ ދުވާލަކު ކާންޖެހޭ ކާބޯހައިޑްރޭޓްސް އާއި ކެލޮރީގެ މިންވަރަށް ބަލައިގެން މޭވާ ބޭނުން ކުރުމުންނެވެ.

ހުސްބަނޑާ ހުރެ މޭވާ ކެއުމަކީ އޭގައި އެކުލެވޭ ފްރަކްޓޯސް ގްލޫކޯޒަށް ބަދަލުވާތީ، ލޭގައި ހަކުރު ހުންނަ މިންވަރު ވަރަށް އަވަހަށް މަތިކޮށްދޭ ކަމެކެވެ. އެހެންނަމަވެސް، ހަކުރުބަލީގެ ނުރައްކާ އޮތް މީހުންނާއި ޕްރީ-ޑައިބެޓިކް މީހުން، މޭވާ ޖޫހުގެ ބަދަލުގައި ތާޒާ މުޅި މޭވާ ކެއުމަކީ އެންމެ ރައްކާތެރި ގޮތެވެ. ސަބަބަކީ މޭވާގައި ހިމެނޭ ފައިބަރުގެ އެހީގައި ގްލޫކޯޒް ލޭގެ ތެރެއަށް ދޫކުރާ ދުވެލި ލަސްކޮށްދީ، ކުއްލިއަކަށް ހަކުރު މަތިވިޔަނުދީ ހިފަހައްޓައިދޭތީއެވެ. ލޭގެ ހަކުރު އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި، ކެއުމުގައި ކާބޯހައިޑްރޭޓްސް އަދި ކެލޮރީ ހިމެނޭ މިންވަރަށް ސަމާލުވުމާއެކު، ސިއްހަތަށް ފައިދާހުރި ގޮތުގައި މޭވާ ބޭނުންކުރުން ވަރަށް މުހިންމެވެ.

  • ގްލައިސީމިކް އިންޑެކްސް ދަށް މޭވާތައް ކަމަށްވާ ބެރީސް، އާފަލު، ޕެއާ އަދި ސިޓްރަސް ފަދަ ބާވަތްތައް އިޚުތިޔާރު ކުރާށެވެ.
  • ހަކުރު އަވަހަށް މަތިކުރާ މޭވާތައް ކަމަށްވާ ކަރާ، ދޮންކެޔޮ އަދި އަލަނާސި އެކަނި ކެއުމުން ދުރުހެލިވާށެވެ.
  • މޭވާ ކާއިރު ބަދަން ނުވަތަ ޔޯގަޓް ފަދަ ޕްރޮޓީން އަދި ފައިބަރު ހިމެނޭ ތަކެއްޗާއެކު ކާން އާދަކުރާށެވެ.
  • މޭވާ ޖޫހާއި ދަޅުގައި ބަންދުކޮށްފައި ހުންނަ މޭވާގެ ބަދަލުގައި ތާޒާ މުޅި މޭވާ ބޭނުންކުރާށެވެ.
  • ދުވާލެއްގެ މައްޗަށް ހަށިގަނޑަށް ބޭނުންވާ ކާބޯހައިޑްރޭޓްސް އަދި ކެލޮރީއަށް ބަލައިގެން މޭވާ ކެއުން ކޮންޓްރޯލް ކުރާށެވެ.
comment ކޮމެންޓް