ސަލާމަތީ މަޖިލީހުގެ ގޮނޑި ނުލިބުމުން ޖަރުމަނަށް ޝޮކެއް

ޖަރުމަނުގެ ޗާންސެލާ ފްރެޑްރިޝް މެޔާޒް

ބާލިން (7 ޖޫން 2026): އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ހޯދުމަށް ޖަރުމަނުން ކުރި މަސައްކަތް ނާކާމިޔާބުވުމުން އދ. އަށް ދޭ އެހީތައް ކަނޑާލަން އެ ގައުމުގެ ހަރުކަށި ވިސްނުމުގެ ބައެއް ބޭފުޅުން ގޮވާލައިފިއެވެ.

މިއީ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ހޯދުމަށް ޖަރުމަނުން ކުރި މަސައްކަތް ނާކާމިޔާބުވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ޖަރުމަނު ވަނީ ހަ ފަހަރެއްގެ މަތިން ސަލާމަތީ މަޖިލީހުގެ މެންބަރުކަން އަދާކޮށްފައެވެ. މި ފަހަރު ގޮނޑި ހޯދުމަށް ކުރި މަސައްކަތުން ޖަރުމަނަށް ލިބުނީ އދ. ގައި ހިމެނޭ 193 ގައުމުގެ ތެރެއިން އެންމެ 104 ގައުމުގެ ވޯޓެވެ.

ޖަރުމަނާ ވާދަކުރީ ޕޯޗްގަލްއާއި ޔޫރަޕްގެ ވަރަށް ކުޑަ ގައުމެއް ކަމަށްވާ އޮސްޓްރިއާއެވެ. މީގެ ތެރެއިން ޕޯޗްގަލްއަށް 134 ގޮނޑި ލިބުނުއިރު އޮސްޓްރިއާއަށް ލިބުނީ 131 ގޮނޑިއެވެ. މި މައްސަލައިގައި ޖަރުމަނުގެ ރައްޔިތުންނަށާއި އެ ގައުމުގެ ސަރުކާރަށް ވެސް ވަނީ ޝޮކެއް ލިބިފައެވެ. ސަބަބަކީ ޖަރުމަނަކީ އެމެރިކާ ފިޔަވައި ދެން އެންމެ ބޮޑަށް އދ. ގެ ކަންކަމަށް ޚަރަދުކުރާ ގައުމު ކަމަށްވާތީއެވެ.

ޚަބަރުތައް ބުނާގޮތުން ޖަރުމަނަށް ގިނައިން ގެއްލިފައިވަނީ އިސްލާމީ ގައުމުތައް ހިމެނޭގޮތަށް ތިންވަނަ ދުނިޔޭގެ ގައުމުތަކުގެ ވޯޓެވެ. އެމެރިކާ ކެނެޑާ ޔޫރަޕް އަދި ޖަޕާން ފަދަ އެއްވަނަ ދުނިޔޭގެ ގައުމުތަކުގެ ވޯޓުވަނީ ޖަރުމަނަށް ލިބިފައެވެ.

މުހައްލިލުން ސިފަކުރައްވާ ގޮތުގައި ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ހޯދުމަށް ޖަރުމަނުން ކުރި މަސައްކަތް ނާކާމިޔާބުވި މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ ޔަހޫދީ އިސްރާއީލުން ޣައްޒާއާއި ލުބްނާންގައި ހިންގާ ލާއިންސާނީ ޖަރީމާތަކާއި ގަތުލުއާންމުތަކަށް ޖަރުމަނުން ފާޅުގައި އެހީތެރިވުމެވެ. އިސްރާއީލުގެ ޔަހޫދީ ޓެރަރިޒަމަށް ޖަރުމަނުން ވާގިވެރިވުމެވެ. ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ނަމުގައި ތިންވަނަ ދުނިޔޭގެ ގައުމުތަކުގެ ކަންކަމަށް ފާޑުކިޔާފައި، އިސްރާއީލާ ޖެހުމުން ހަތިޔާރު ބެހެއްޓުމެވެ. އަދި، އިސްރާއީލުގެ ލާއިންސާނީ އަނިޔާވެރިކަމާއި ޓެރަރިޒަމަށް ވާގިވެރިވުމެވެ.

އެމެރިކާ ފިޔަވައި އިސްރާއީލަށް އެންމެ ގިނައިން ހަތިޔާރު ފޯރުކޮށްދޭ ގައުމަކީ ޖަރުމަނެވެ. މީގެ އިތުރުން، އިސްރާއީލުން އެމެރިކާއާ ގުޅިގެން އީރާނާ ދެކޮޅަށް ފެށި އުދުވާނީ ހަނގުރާމައަށް ވެސް ޖަރުމަނުން ވަނީ ތާއީދުކޮށްފައެވެ.

ޖަރުމަނު އަބަދު ވެސް ބުނާގޮތުން ޣައްޒާއާއި ލުބްނާން އަދި ހުޅަނގު އައްސޭރިއާއި އީރާންގައި ވެސް އިސްރާއީލު ހިންގަމުން ގެންދަނީ އަމިއްލަ ނަފުސު ދިފާއުކުރުމުގެ އަމަލުތަކެކެވެ. އިސްރާއީލުން ޣައްޒާގައި 75،000 މީހުންނާއި 300 އަށް ވުރެގިނަ ނޫސްވެރިން މަރާލައި ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި ގެދޮރު ހަލާކުކޮށްލުމުން ވެސް ޖަރުމަނުން ވަނީ އެކަންކަން ކުށްވެރިކޮށްލަން ވެސް ފަސްޖެހިފައެވެ.

ރިޕޯޓްތައް ބުނާގޮތުން ތިންވަނަ ދުނިޔޭގެ ގައުމުތަކާ މުއާމަލާތް ކުރުމުގައި ޖަރުމަނުގެ ހަރުކަށިކަމާއި ބޮޑާކަމާއި ތަކައްބުރު ކަމަކީ ވެސް އެ ގައުމުތަކުގެ ވޯޓު ޖަރުމަނަށް ނުލިބުމުގެ މައިގަނޑު ސަބަބެކެވެ. ޖަރުމަނުގެ މި ނާކާމިޔާބީއާ އެކު ޖަރުމަނުން އދ. އަށް ދޭ އެހީތައް ހުއްޓާލުމަށް ނޫނީ އެހީގެ މިންވަރު ވަރަށް ބޮޑަށް ކުޑަކުރުމަށް އެ ގައުމުގެ ބައެއް ފަރާތްތަކުންވަނީ ގޮވާލާފައެވެ. ނަމަވެސް، ޖަރުމަނުގެ ވިސްނުންތެރިން ވަނީ އޭގެ ބަދަލުގައި ޖަރުމަނުގެ ސުލޫކު އިސްލާހުކުރުމަށް ގޮވާލާފައެވެ.

ޖަރުމަނަކީ ފަލަސްތީނުގެ ބިމުގައި ފަލަސްތީނު ރައްޔިތުންނަށް މިނިވަން ދައުލަތެއް ހައްގުވާ ކަމަށް ވެސް ގަބޫލު ނުކުރާ ގައުމެކެވެ.

އދ. ގެ ސަލާމަތީ މަޖިލީހުގެ މެންބަރުކަން ހޯދުމަށް ޖަރުމަނުން ކުރި މަސައްކަތް ނާކާމިޔާބުވެ، އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ. ޖުމްލަ 104 ވޯޓާއެކު ޖަރުމަނު ބަލިވިއިރު، މި އިންތިޚާބުގައި ކުރިހޯދީ ޕޯޗްގަލްއާއި އޮސްޓްރިއާއިންނެވެ. މި ނާކާމިޔާބީއާ ގުޅިގެން، އދ. އަށް ފޯރުކޮށްދޭ މާލީ އެހީތެރިކަން ކަނޑާލުމަށް އެ ގައުމުގެ ހަރުކަށި ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. ނަމަވެސް ބައެއް ފަރާތްތަކުން އެދެނީ ޚާރިޖީ ސިޔާސަތު އިސްލާހުކުރުމަށެވެ.

  • އދ. ގެ އިންތިޚާބުގައި ޖަރުމަނަށް ލިބުނީ 193 ގައުމުގެ ތެރެއިން އެންމެ 104 ގައުމުގެ ވޯޓެވެ.
  • ނާކާމިޔާބުވި މައިގަނޑު ސަބަބެއްކަމަށް ބެލެވެނީ އިސްރާއީލުން ޣައްޒާ އަދި ލުބްނާނުގައި ހިންގާ ލާއިންސާނީ އަމަލުތަކަށް ޖަރުމަނުން ފާޅުގައި ތާއީދުކުރުމެވެ.
  • ތިންވަނަ ދުނިޔޭގެ ގައުމުތަކާއި އިސްލާމީ ގައުމުތަކުގެ ގިނަ ވޯޓުތަކެއް ޖަރުމަނަށް ވަނީ ގެއްލިފައެވެ.
  • ޖަރުމަނުގެ ޚާރިޖީ ސިޔާސަތުގައި ގެންގުޅޭ ބޮޑާކަމާއި، އިންސާނީ ހައްގުތަކުގެ މައްސަލައިގައި ގެންގުޅޭ ތަފާތުކުރުންތަކުގެ ސަބަބުން ބައިނަލްއަޤުވާމީ އިތުބާރު ވަނީ ގެއްލިފައެވެ.
  • ޖަރުމަނުގެ ޚާރިޖީ ސިޔާސަތު އަލުން މުރާޖަޢާކުރުމަށް ފިޔަވަޅު އެޅުން.
  • ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ މިންގަނޑުތަކަށް އަމަލީގޮތުން އިޙުތިރާމުކުރުން.
  • ތިންވަނަ ދުނިޔޭގެ ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރުން.
ގުޅޭ ޓެގު
comment ކޮމެންޓް