ފީފާ ވޯލްޑް ކަޕް 2026 ގައި ވާދަކުރުމަށް އެމެރިކާއަށް ދިޔަ އިރާގު ގައުމީ ފުޓްބޯޅަ ޓީމުގެ ތަރި، އައިމަން ހުސައިން އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ހަތް ގަޑިއިރަށް ހިފަހައްޓައި ސުވާލުކޮށްފިއެވެ.
އިރާގުގެ ކުޅިވަރު އޮފިޝަލަކު މައުލޫމާތު ދީފައިވާ ގޮތުގައި، އިރާގަށް ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި އައިމަން ހުސައިން ހިފަހައްޓާފައިވަނީ ޝިކާގޯގެ އޯހެއާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
ގިނަ ގަޑިއިރުތަކެއް ވަންދެން ސުވާލުކުރުމަށްފަހު އޭނާ އެމެރިކާއަށް އެތެރެވުމުގެ ހުއްދަ އެންމެ ފަހުން ވަނީ ދީފައެވެ. ނަމަވެސް މި ހާދިސާގައި އޭނާގެ ފޯނުވެސް އޮފިޝަލުން ޗެކްކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އައިމަން ހުސައިންއަށް އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ލިބުނު ނަމަވެސް، އިރާގު ޓީމާއެކު ދިޔަ ރަސްމީ ފޮޓޯގްރާފަރު ތަލާލް ސަލާހަށް އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ވަނީ ހިފަހައްޓާފައެވެ.
ފޮޓޯގްރާފަރު 10 ގަޑިއިރަށްވުރެ ގިނައިރު ހިފަހައްޓައި، އޭނާގެ ފޯނުވެސް ހިފަހައްޓާ، ތަހުގީގު ކުރުމަށްފަހު އެންމެ ފަހުން ވަނީ އެގައުމަށް އެތެރެނުކޮށް އަނބުރާ ފޮނުވާލާފައެވެ.
މި ހާދިސާއާ ގުޅިގެން އިރާގުގެ ފުޓްބޯޅަ އެސޯސިއޭޝަނުންނާއި އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީން އަދި ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.
40 އަހަރަށްފަހު އިރާގުން ވޯލްޑް ކަޕްގައި ވާދަކުރާ މި ފަހަރުގެ މުބާރާތުގައި އެގައުމު ހިމެނެނީ ފްރާންސް، ސެނެގާލް އަދި ނޯވޭއާއެކު ގްރޫޕް އައި ގައެވެ.