ފީފާ ވޯލްޑް ކަޕް 2026 ގެ މެޗުތައް ކުޅުމަށް އެމެރިކާއަށް އެތެރެވާތާ 24 ގަޑިއިރު ތެރޭގައި އެ ގައުމުން ފުރަން އީރާންގެ ގައުމީ ފުޓްބޯޅަ ޓީމަށް އަންގައިފިއެވެ.
އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތަކާ ހުރެ އީރާން ޓީމު މިވަގުތު ކޭމްޕް ޖަހައިގެން ތިބީ މެކްސިކޯގައެވެ.
މެކްސިކޯގައި ހުންނަވާ އީރާންގެ ސަފީރު އަބުލްފަޒްލް ޕަސަންދީދޭ ވިދާޅުވި ގޮތުގައި، ލޮސް އެންޖެލިސް އަދި ސިއެޓްލްގައި ކުޅޭ މެޗުތަކަށް އީރާން ޓީމުން އެމެރިކާއަށް ދާނީ ހެނދުނު އެތެރެވެ، މެޗު ނިންމުމަށްފަހު އެ ދުވަހު އެނބުރިދާ ގޮތަށެވެ. ކުރިން އީރާން ޓީމު މަޑުކުރަން ހަމަޖެހިފައި އޮތީ އެމެރިކާގެ އެރިޒޯނާގައެވެ.
މި ނިންމުމުގެ އިތުރުން އީރާން ޓީމުގެ ކޯޗިންގް ސްޓާފުންނާއި މެނޭޖްމަންޓްގެ ގިނަ ބަޔަކަށް އެމެރިކާއިން ވިސާ ނުދިން މައްސަލަ ވެސް ވަނީ ވަރަށް ބޮޑުވެފައެވެ.
ތުރުކީގައި ހުންނަ އީރާން އެމްބަސީން ތުހުމަތުކުރާ ގޮތުގައި އެމެރިކާއިން ވަނީ ކުޅިވަރުގެ ތެރެއަށް ސިޔާސީ ނުފޫޒު ފޯރުވައި، ޓީމުގެ މުހިންމު ޓެކްނިކަލް އެޑްވައިޒަރުންނާއި މެނޭޖަރުންނަށް ވިސާ ދޭން ދެކޮޅު ހަދާފައެވެ.
އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ވިސާ ނުލިބުނު މީހުންގެ ތެރޭގައި އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސާއި އޭނާގެ ނައިބުވެސް ހިމެނެއެވެ.
މިކަމާ ގުޅިގެން އެމެރިކާގެ އޮފިޝަލުން ވިދާޅުވީ، އީރާންގެ ހުރިހާ ކުޅުންތެރިންނަށާއި ޓީމަށް ކޮންމެހެން ބޭނުންވާ ސަޕޯޓް ސްޓާފުންނަށް ވިސާ ދޫކޮށްފައިވާނެ ކަމަށެވެ. އަދި ވޯލްޑް ކަޕްގެ ނިވާފަތްގަނޑުގައި ހަނގުރާމަވެރިން އެމެރިކާއަށް އެތެރެކުރުމަށް މި ނިޒާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފުމުގެ ފުރުސަތު އީރާނަށް ނުދޭނެ ކަމަށް ވެސް އެމެރިކާއިން ބުނެފައިވެއެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި އީރާން ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 16 ވަނަ ދުވަހު ނިއުޒިލޭންޑާ ދެކޮޅަށް ނުކުންނައިރު، ގްރޫޕް ސްޓޭޖުގެ އަނެއް ދެ މެޗުގައި ބައްދަލުކުރާނީ ބެލްޖިއަމް އަދި މިސްރާއެވެ.