ވެރިކަމެއްގެ އޮއިވަރު، ސިޔާސީ ކުރިމަގު ދެނެގަންނަން މިޑްޓާމް އިންތިޚާބެއް ވަރަށް މުހިންމެވެ. ކުޑަކުޑަ ޖަޒީރާއަކަށްވުމުން، ލޯކަލް ކައުންސިލް އިންތިޚާބުގައި އެ ހިސާބު ހަދަން އެހާ ފަސޭހައެއް ނޫނެވެ. ގިނަ ކައުންސިލް ގޮނޑިތަކަކީ އާއިލާއާއި، ރަށުގެ އިންޓާނަލް ޕޮލިޓިކްސްއާއި އެ ނޫން ވެސް އެކިއެކި ކަންކަމުން ވަރަށް ބޮޑަށް ނުފޫޒު ވަންނަ އިންތިޚާބެކެވެ. ސަރުކާރެއްގެ މަގުބޫލުކަން ޖަޖްކުރަން ނަމަ، އެންމެ އެކަށިގެންވާ މިޑްޓާމްއަކަށް އެ ނުވެއެވެ.
އެކަމަކު، މި އަހަރު އެކަން ބަދަލުވެއްޖެއެވެ. ދެ އިންތިޚާބު އެއްކޮށްލުމާ މެދު ސަރުކާރުން އިސްވެ ނެގި ރިފަރެންޑަމް އެއީ ޑިފެކްޓޯ މިޑްޓާމް ވޯޓެކެވެ. އެ ހަގީގަތް ބަދަލެއް ނުވާނެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެ ވޯޓުގައި ކުރިމަތިވެވަޑައިގެން 70 ޕަސެންޓުގެ ބޮޑު ނާކާމިޔާބީއަކީ ސިޔާސީ ބޮޑު ވާހަކައެކެވެ.
އޭގެ ފަހުން އިއްޔެ ކަންވީ ގޮތް ބަލާށެވެ. ޕީއެންސީގެ އަތުގައި އޮއްވާ ސުޕްރީމް ކޯޓުގެ ހުކުމެއްގެ ސަބަބުން ގެއްލުނު ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި، އެ ޕާޓީއަށް ދިފާއެއް ނުކުރެވުނެވެ. ސަރުކާރުގެ ވަޒީފާތަކާއި، ނުފޫޒާއި ބާރު އޮވެމެ ވެސް އެ ގޮނޑި އަތުން ބީވެއްޖެއެވެ. ތެދެކެވެ. ޕީއެންސީގެ ކެންޑިޑޭޓާއި އިދިކޮޅު ކެންޑިޑޭޓުގެ ހުރީ އެންމެ 67 ވޯޓުގެ ތަފާތެވެ. އެކަމަކު، މި ބަލި ބޮޑު ބައްޔަކަށްވަނީ ތަފާތު ބޮޑުވީމައެއް ނޫނެވެ. އަތުގައި އޮތް ގޮނޑިއެއް ގެއްލުނީމައެވެ. އެ ވެސް ވެރިކަމުގައި ތިއްބައެވެ.
އެހެންވީމާ، މިއީ ކުޑަ ބައްޔެކޭ ނުބުނެވޭނެއެވެ.
"ބައެއް ފަހަރު ތަޅާ ފޮޅާއިރު ވާގޮތެއް އޮވޭ، ގަދަ މީހާ ޖަހާއިރަށް، އަނގައިން ބަލިނުވާ މީހާ ބުނާނެ 'ދެން ޖަހާބަލަ'.. އެންމެ ފަހުން ހެސް ކިޔާފައި ކަންކަށީގައި ޖަހާ ވެއްޓުނީމާ ބުނާނެ، އައްދެ ކިރިޔާ ޖެހުނުކަމޭ،" ކުރީގެ ރައީސް މުހައްމަދު ނަޝީދު މި މޮޅާ އެކު އެކްސްގައި ލިޔުއްވިއެވެ.
އެއީ ތެދުފުޅެކެވެ. ރައީސް މުއިއްޒު އެ ހުންނެވީ ބައްޔަކަށް ފަހު ބައްޔެއް ހޯއްދަވައިގެންނެވެ. ސިޔާސީ އިލްމުވެރިން މި ފަދަ ކަންކަން މިނެކިރަނީ ވޯޓުތަކުގެ ޓްރެންޑުންނެވެ. އެ ޓްރެންޑަށް ބައްލަވައިފި ނަމަ ފެންނަނީ ސަރުކާރަށް ކޮންމެ އިންތިޚާބެއްގައި 'ނޯ' ބުނާ މަންޒަރު ނޫން ހެއްޔެވެ؟ އެހެންވީމާ، މިއީ ކުޑަ ބައްޔަކަށް ވާނެ އެއްވެސް ގޮތެއް ނޯންނާނެއެވެ.
ޕީއެންސީގެ ތާއީދު ވެސް ސަރުކާރަށް ހަމަނުވޭ؟
ތަފާސްހިސާބުތަކުން ފެންނަން އޮތް އެންމެ ބޮޑު ޕާޓީއަކީ ޕީއެންސީއެވެ. ޖުމުލަ 75،000 އެއްހާ މެންބަރުން އެބަތިއްބެވެ. އެކަމަކު، ފާއިތުވި އިންތިޚާބުތަކުގައި ޕީއެންސީއަށް އެ ނަންބަރު ވެސް ސާބިތެއް ނުކޮށްދެވުނެވެ.
ބައްލަވާށެވެ.
މި އަހަރު ނެގި ރިފަރެންޑަމް ވޯޓުގައި އާނއެކޭ ބުނީ އެންމެ 66،828 ރައްޔިތުންނެވެ. އަދި، 145،000 އަށްވުރެ ގިނަ މީހުން ނުކުމެ ބުނީ ނޫނެކޭއެވެ. އުފައްދަން މި އުޅޭ ސުވާލަކީ ޕީއެންސީގައި ތިއްބެވި 75،000 މެންބަރުން ވެސް ސަރުކާރަށް ވޯޓު ނުދެއްވަނީތޯއެވެ؟
ޕީއެންސީން ބޭއްވި ކެމްޕޭން ހިނގާލުމެއް: އެ ޕާޓީއަށް ފާއިތުވި ތިން އިންތިޚާބުގައި ވެސް ކުރިމަތިވީ ބޮޑު ނާކާމިޔާބެއް -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
ދުނިޔޭގައި ޕާޓީތަކުން ވޯޓުތައް ކާމިޔާބުކުރަނީ ހަމައެކަނި މެންބަރުންގެ ވޯޓަކުން ނޫނެވެ. އޭގެ އިތުރުން، ސްވިންގް ވޯޓަރުންނާއި، އަންޑިސައިޑެޑް ވޯޓަރުންގެ އިތުރުން މިނިވަންކޮށް ތިބޭ މީހުންގެ ވެސް ތާއީދު ހޯދައިގެންނެވެ. ސިޔާސީ އިލްމުވެރިން ބަޔާންކުރާ ގޮތުގައި ޕާޓީއެއްގެ މެންބަރުންނަކީ ކޯ ނުވަތަ ކެމްޕޭންގައި މަސައްކަތްކުރަން ތިއްބަވާ ބޭފުޅުންނެވެ. އެހެންވީމާ، ޕާޓީގެ މެންބަރުންނާ ހަމައަށް ވެސް ރައީސް މުއިއްޒަށް ރިފަރެންޑަމްގައި ތާއީދު ލިބިވަޑައިނުގަތުމަކީ ކިހާ ބޮޑު ރަތް ސިގްނަލެއް ހެއްޔެވެ؟
ރިޔާސީ އިންތިޚާބު 2023 ގައި އެ މަނިކުފާނަށް ތާއީދުކުރެއްވި 129،000 އަށްވުރެ ގިނަ ރައްޔިތުންގެ ތެރެއިން 62،000 އަށްވުރެ ގިނަ މީހުންގެ ތާއީދު އަނބުރާ ނެންގެވީތޯ ސިޔާސީ ބޭފުޅުން ސުވާލު އުފައްދަވަން ޖެހޭހާ ބޮޑު ބައްޔެކެވެ. ދެން އޮތީ އިއްޔެ ނިމުނު ބައި އިލެކްޝަނެވެ. ސަރުކާރުން ކައުންސިލް އިންތިޚާބާއި، ރިފަރެންޑަމްގައި ކުރިމަތިވި ބޮޑު ނާކާމިޔާބީގެ މައްޗަށް މަޖިލީހުގެ ގޮނޑިއެއް ވެސް މުށުން ދޫވީއެވެ. ބައި އިލެކްޝަނުން ބަލިވީއެވެ.
އެހެންވީމާ ޕީއެންސީން އެ ތިއްބެވީ 'ސައިޒު އޮޅިފައިތޯ' އެ ޕާޓީން ވިސްނަން ޖެހޭ ނޫން ހެއްޔެވެ؟
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވާ ގޮތުން ނަމަ، އެ ޕާޓީ މެންބަރުންގެ އިޚުލާސްތެރިކަން ރައީސް މުއިއްޒަކަށް ނެތެވެ. އެ ވާހަކަފުޅު މުހިންމުވީ އެއީ އެ ކޯލިޝަން ކުރިން ހިންގެވި ލީޑަރުވީމައެވެ. އަދި، ސިޔާސީ ގޮތުން މިއަދު އެންމެ ދޮށީ އެއް ބޭފުޅާއަށް ވީމައެވެ.
"ސުވާލަކީ ތި ޕާޓީގައި ތިބި މީހުންގެ އިޚުލާސްތެރިކަން ރައީސަށް އޮތްކަން ދައްކައިފިހޭ ރިފަރެންޑަމް ވޯޓުގައި؟ ނުދެއްކިއޭ. އެހެންވީމާ ބޯ ގިނަވުން އެއީއަކީ ކޮންމެހެން އިޚުލާސްތެރިވުމެއް ނޫން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ޕީއެންސީން އެ ތުހުމަތުތައް ދޮގުކުރެއެވެ. އެކަމަކު، ހިސާބުތަކުން އެ ފެންނަ މަންޒަރާ މެދު އިލްމީ ގޮތުން އެއްޗެއް ވިދާޅެއް ނުވެއެވެ.
ރައީސް މުއިއްޒުގެ މުށުން ޕީއެންސީ ދޫވެދާނެތަ؟
ތެދަށް ބުނާ ނަމަ، އިންތިޚާބުތަކުގެ ނަތީޖާއިން ފެންނަ އެންމެ ސާފު މަންޒަރަކީ މުޅި ޕީއެންސީ ފިކުރުގެ ވޯޓަރުންގެ ތާއީދެއް ރައީސް މުއިއްޒަކަށް މިއަދު ނެތެވެ. އެއީ ހިސާބު އަކުރުން ސާބިތުވާން އޮތް ކަމެކެވެ. އެކަމަކު، އެއީ ޕީއެންސީގެ ލީޑާޝިޕްގެ ތާއީދު ގެއްލުމާ މުޅިން ތަފާތު ކަމެކެވެ.
ދުނިޔޭގެ ސިޔާސީ ތާރީޚުގައި އެންމެ ކޮންސިސްޓެންޓް އެއް ހަގީގަތަކީ ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ކުރިމަތިވާނެ އެންމެ ބޮޑު އިދިކޮޅަކީ ވެރިކަން ކުރާ ޕާޓީގެ ތެރެއިން އަންނަ ގޮންޖެހުންތައް ކަމެވެ. ފާއިތުވި އިންތިޚާބުތަކުގައި ކުރިމަތިވި ބޮޑު ނާކާމިޔާބުތަކާ އެކު ޕީއެންސީގެ ތެރޭގައި ވެސް ސިޔާސީ ކުރިމަގުގެ ސުވާލު އުފައްދާނެއެވެ. އެއީ ރައީސް މުއިއްޒުގެ ސިޔާސީ ހަޔާތާ ގުޅިފައިވާ އެންމެ ބޮޑު ސުވާލެވެ. އެ މަނިކުފާނު ނެރުއްވައިގެން ޕީއެންސީއަށް 2028 ކާމިޔާބު ކުރެވިދާނެތޯއެވެ؟
ކައުންސިލް އިންތިޚާބުގައި ރައްޔިތުން ސަރުކާރަށް ބުނީ ނޫނެކޭއެވެ. ރިފަރެންޑަމް ވޯޓުގައި 70 ޕަސެންޓު ރައްޔިތުން ބުނީ ނޫނެކޭއެވެ. މަޖިލީހުގެ ގޮނޑި ވެސް ދިފާއެއް ނުކުރެއްވުނެވެ. މިއީ ސިޔާސީ ގޮތުން ކުދިކުދި ކަންކަމެއް ނޫނެވެ.
ސިޔާސީ ޕާޓީއެއްގެ އޮންނަ އެންމެ ބޮޑު ބޭނުމަކީ އިންތިޚާބުތަކުން މޮޅުވުމެވެ. އެކަން ކާމިޔާބު ނުވާ ހިސާބުން އުފެދޭނެ އެންމެ ބޮޑު ސުވާލަކީ މި ގޮތުގައި ވެރިކަން ދެމެހެއްޓޭނެ ތޯއެވެ؟ އެ ސުވާލު ޕީއެންސީގެ ތެރޭގައި ވެސް އުފެދޭނެއެވެ. އެތެރެއިން ލިބޭ މައުލޫމާތުތަކުން ނަމަ މިހާރު ވެސް އެ ސުވާލު އުފެދިއްޖެއެވެ.
އިނގިރޭސިވިލާތުގައި ކަންވަނީ ކިހިނެއް ހެއްޔެވެ؟ އޮސްޓްރޭލިއާގައި ކަން ވަނީ ކިހިނެއް ހެއްޔެވެ؟ ބާރުގައި ހުންނެވި ބޭފުޅާއާ އެކު އިންތިޚާބު ކާމިޔާބު ނުވާނެކަން އެނގުމުން، އެ ބޭފުޅާ އެއްފަރާތް ކުރަނީއެވެ.
ތެދެކެވެ. އެއީ ރާއްޖެއާ ވެރިކަމުގެ ނިޒާމުގެ ގޮތުން ވަރަށް ތަފާތު ގައުމުތަކެވެ. އެކަމަކު، މުޅި ދުނިޔޭގައި ވެސް އެ ކެންޑިޑޭޓަކު ގޮވައިގެން ޕާޓީއަށް ވެރިކަން ގެއްލިދާނެކަމުގެ ބިރު ބޮޑުވީމާ ދެން އެ ފުރުސަތެއް ނުދޭނެއެވެ. ޓިކެޓު އަތުލާނެއެވެ. އެއީ މުޅި ދުނިޔޭގެ ސިޔާސީ ތާރީޚުން ވެސް ފެންނަން އޮތް ހަގީގަތެކެވެ.
ސިޔާސީ ގޮތުން ޕީއެންސީގެ އެތެރޭގައި މި ސުވާލު އެބަ ކުރެއެވެ.
"ރަސްމީކޮށް ވާހަކަނުދެއްކި ނަމަވެސް އެކި ފަންތީގައި ޕީއެންސީގެ އެކި ލެވެލްގެ ބޭފުޅުން މި ސުވާލު އެބަ ކުރޭ. ރައީސް މުއިއްޒާ އެކު 2028 ކާމިޔާބު ވާނެ ހެއްޔޭ؟ ތެދަށް ބުނާ ނަމަ، ޕާޓީގެ ތެރޭގައި އެ އިތުބާރެއް ނެތް،" ޕީއެންސީގެ އެތެރެއިން މައުލޫމާތު ދެއްވާ ބޭފުޅަކު ކިޔައިދެއްވިއެވެ.

މި ސަރުކާރުން މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބިގެން އުފާ ފާޅުކުރަނީ: އޭގެ ތެރެއިން ބައެއް މެންބަރުން ތިއްބެވީ ނުރުހިފައި -- ފޮޓޯ/ ރައީސް އޮފީސް
އެއަށް ބާރުދޭ އެއް ވާހަކައަކީ އިދިކޮޅާ ގުޅެން ތައްޔާރަށް ޕީއެންސީގެ މަޖިލީސް މެންބަރުންތަކެއް ތިބިކަމަށް، ކުރީގެ ދެ ރައީސުން ތަކުރާރުކޮށް ވިދާޅުވުމެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިބްރާހިމް މުހައްމަދު ޞާލިޙް ވެސް އެ ފަދައިން ވިދާޅުވެއްޖެއެވެ. ތިން ރައީސުންގެ އިއްތިހާދުގެ އިޝާރާތަކަށް ޕީއެންސީ ދޫކޮށްލަން ގިނަ މެންބަރުންތަކެއް ތައްޔާރަށް ތިބި ކަމަށެވެ.
އެތެރެއިން މައުލޫމާތުދެއްވާ ޕީއެންސީގެ އެކި ފަންތީގެ ބޭފުޅުންނާއި، އެ ޕާޓީގެ ބައެއް މަޖިލީސް މެންބަރުން ވެސް ވަނީ ޕީއެންސީގެ ބައެއް މެންބަރުން އެ ފަދަ ވިސްނުމެއް ވިސްނަވާކަން ކަށަވަރުކޮށްދީފައެވެ.
މި ވާހަކަ ޕީއެންސީން ދޮގު ކުރާނެއެވެ. މައުލޫމާތުދެއްވާ ބޭފުޅުން ހިމާޔަތްކުރުމުގެ ވާޖިބު ބޮޑުކަމުން، އިތުރު ހެއްކެއް ވެސް ދެއްކޭކަށް ނޯންނާނެއެވެ.
ސާބިތުކޮށްދެވޭނެ ކަމަކީ ސިޔާސީ ތާރީޚެވެ. މި ރާއްޖޭގެ ކޮންމެ ވެރިކަމެއްގައި ވެސް ތާއީދު ކުޑަވަމުންދިޔައިރު، މުށުން މެންބަރުން ދެމިނުގަނޭ ހެއްޔެވެ؟ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ކަންވީ އެހެންނެވެ. މިދިޔަ އެމްޑީޕީ ވެރިކަމުގައި ކިތައް މެންބަރުން ސަރުކާރާ ދެކޮޅުވީ ހެއްޔެވެ؟ އެ ހަގީގަތާ މި ސަރުކާރަށް ވެސް ކުރިމަތިލާން ޖެހޭނެއެވެ.
ސިޔާސީ އިލްމުގައި މިއަށް ކިޔަނީ ސިލެކްޓޮރޭޓް ތިއޮރީއެވެ. ލީޑަރާ އެކު ހުރެގެން ސިޔާސީ ކުރިމަގު ގެއްލުމުގެ ބިރު ހީވުމުން އިޚުލާސްތެރިކަން ކުޑަވާނެއެވެ. މިއީ ރާއްޖޭގެ ސިޔާސީ ތާރީޚުން ފެންނަން އޮތް ހަގީގަތެކެވެ. ފާއިތުވި ހުރިހާ ވެރިކަމަކުން އެކިއެކި ލެވެލްގައި މި ހަގީގަތް ފެނުނެވެ. މި ފަހަރުގެ ތަފާތަކީ އެހެން ހުރިހާ ފަހަރަކަށް ވުރެ މާ ސާފު މިޑްޓާމް އިންތިޚާބެއް ރައީސް މުއިއްޒު އަމިއްލަފުޅަށް ބޭއްވުމެވެ. އެހެންވެ، އެހެން ފަހަރުތަކަށް ވުރެ މާ ބޮޑަށް މިހާރު އެ ސުވާލު އުފެދޭނެއެވެ. ސިޔާސީ ވިސްނުންތެރިންނަށް ޖަވާބު ވެސް މާ ސާފުވާނެއެވެ.
ސިޔާސީ ފުރޮޅުމެއް އުފެދެނީ އިދިކޮޅު ލީޑަރުން ދޭ ދައުވަތަކުން ނޫނެވެ. އެކަން ވާނީ ސަރުކާރުތަކުގެ ޕޮޕިއުލާރިޓީ ދަށްވެ، މި ގޮތުގައި ސިޔާސީ ކުރިމަގު އެބައޮތް ކަމާ މެދު ސަރުކާރުގެ ތެރެއިން ސުވާލު އުފެދެން ފެށީމައެވެ. ފާއިތުވި އިންތިޚާބުތަކުން ފެނުނު ހިތި ހަގީގަތާ އެކު ޕީއެންސީގެ ތެރޭގައި އުފެދިފައި މި އޮތީ އެ ސުވާލެވެ. ތިން ބަލިން ބަލިވެވަޑައިގެން ހުންނެވި ރައީސް މުއިއްޒާ އެކު 2028 ކާމިޔާބު ކުރެވިދާނެތޯއެވެ؟ އެ ސުވާލު ޕީއެންސީގެ ތެރޭގައި އޮތީ އުފެދިފައެވެ.
މިއީ ރައީސް މުއިއްޒަށް ސިޔާސީ ގޮތުން ދިމާވާނެ އެންމެ ބޮޑު ސުވާލެވެ. އެންމެ ބޮޑު ގޮންޖެހުމެވެ.