ކޮލަމް: ރައީސް މުއިއްޒުގެ މުށުތެރެއިން ޕީއެންސީ މިނިވަން ވަނީތަ؟

ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމާއި، ޕީއެންސީގެ ރައީސް، ރައީސް ޑރ. މުޙައްމަދު މުއިއްޒު --

2008 ވަނަ އަހަރު ދިވެހިރާއްޖެ ބަލައިގަތް ޒަމާނީ ޑިމޮކްރަސީން ގެނެސްދިން އެންމެ ބޮޑު ބަދަލަކީ މަލްޓިޕާޓީ ވެރިކަމުގެ ނިޒާމެވެ. އެ ނިޒާމް ރާއްޖޭގައި ޕްރެކްޓިސް ކުރަން ފެށިތާ 18 އަހަރު ފާއިތުވެގެން ދާއިރު ފެންނާން އޮތް އެންމެ ބޮޑު ޙަގީގަތަކީ ވެރިކަމަށް ވަޑައިގަތުމަށްޓަކާވެސް އަދި ވެރިކަން ދެމެހެއްޓުމުގެ އެންމެ ބޮޑު ބާރެއްގެ ގޮތުގައި ނުވަތަ ޕްލެޓްފޯމުގެ ގޮތުގައިވެސް ސިޔާސީ ޕާޓީތައް ފެންނާން އޮތުމެވެ.

ފާއިތުވި 4 ރިޔާސީ އިންތިޚާބަށް ބަލާއިރުވެސް، 4 ރައީސުންވެސް ވެރިކަމަށް ވަޑައިގެންނެވީ އެބޭފުޅުންނަށް އޮތް ތާއީދުގެ ބަދަލުގައި އެބޭބޭފުޅުން ގާއިމްވެ ތިއްބެވި ސިޔާސީ ޕްލެޓްފޯމުގެ ބޭނުން ކުރައްވައިގެން ކަމުގައި ދެންނެވިދާނެއެވެ. ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ވެރިކަމަށް ވަޑައިގެންނެވީ އޭރުއޮތް އިދިކޮޅު ޕާޓީ ޕީޕީއެމްއަށް އޮތް ތާއީދުންނެވެ. އެއަށްފަހު ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވެރިކަމަށް ވަޑައިގެންނެވީ ހަމަ އެމްޑީޕީގެ ރިޔާސީ ޓިކެޓް ކަށަވަރު ކުރައްވައިގެންނެވެ. އެއަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ރައީސް ޔާމިންގެ ތާއީދާއެކު ކަށަވަރު ކުރެއްވީ އިދިކޮޅު ޕާޓީ ޕީޕީއެމްގެ ރިޔާސީ ޓިކެޓެވެ. ހަމަ އެއާއެކު ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއާ ދުރަށް ވަޑައިގެންނެވުމުންވެސް ސާފުވި އެންމެ ބޮޑު ސިޔާސީ ހަގީގަތަކަށް ވެގެންދިޔައީ އެމަނިކުފާނަށްވެސް ހޯއްދެވުނު ތާއީދުގެ އަސްލަކީ އެމްޑީޕީގެ ސިޔާސީ ޕްލެޓްފޯމްކަމެވެ. ސިޔާސީ ހަޔާތުގެ ދިރި ދެމި އޮތުމަށްޓަކާ އެނބުރި ވަޑައިގަންނަވަން ހަމަ ޖެހިވަޑައިގެންނެވީ އެމްޑީޕީއަށެވެ.

އެއަށްފަހު މިއަދު ރައީސް މުއިއްޒުއެވެ. ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަވެސް އެޅުއްވި ފިޔަވަޅަކީ ޕީއެންސީ އަމިއްލަފުުޅު ކުރެއްވުމުގެ އިތުރުން، ރާއްޖޭގަ އޭރުއޮތް އެންމެ ވަރުގަދަ ސިޔާސީ ޕާޓީ ޕީޕީއެމް އުވާލެއްވުމެވެ. މަގުސަދަކީ އަމިއްލަފުޅު ސިޔާސީ ޕްލެޓްފޯމެއް އުފައްދަވާ، އެ ސިޔާސީ ޕްލެޓްފޯމު މުށުތެރެއަށް ލެއްވުމުވެ. ވެރިކަން ދެމެހެއްޓުމުގެ އެންމެ ވަރުގަދަ ވަސީލަތަކީ ސިޔާސީ ޕާޓީކަން ޚުދު އެމަނިކުފާނަށްވެސް ވަޒަން ކުރެއްވުނީއެވެ. އަމިއްލަފުޅު އަމުރު މައުރޫފުގެ ދަށުގައި އޮންނަ ޕާޓީއެއް ވުޖޫދު ކުރެއްވުމެވެ. ޕީއެންސީއަކީ ރައީސް މުއިއްޒު އުފެއްދިވި ސިޔާސީ ޕާޓީއަކަށް ނުވިނަމަވެސް އެ ޕާޓީއަކީ އަމިއްލަފުޅު ލެގަސީއަކަށް ހައްދަވާ، ޕާޓީ ވަރުގަދަ ކުރެއްވުމެވެ.

ވެރިކަމަށް ވަޑައިގެންނެވުމަށް ކުރެއްވި ކެމްޕޭންގަ ފުވައްމުލަށް ސިޓީގައި ބޭއްވި ޖަލްސާއެއްގަ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މުއިއްޒު އަނަބިކަބަލުންނާ އެކު ---- ފޮޓޯ: ޕީޕީއެމް

ޕާޓީގެ އެތެރޭގައި ރައީސް މުއިއްޒުއަށް "މިހާރު" ތާއީދެއް ނެތް!

މި ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއެކު، ގިނަ ބައެއްގެ ނަޒަރިއްޔާތު އެންމެ ބޮޑަށް މިއަދު ހުއްޓިފައި އޮތް އެއް ޕާޓީއަކީ ވެރިކަންކުރާ ޕީއެންސީއެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިތާ 2 އަހަރު ފާއިތުވެގެން ދިޔައިރު އެޕާޓީގެ މެމްބަރޝިޕް ވަނީ 80 ހާސް ފަހަނައަޅާ ގޮސްފައެވެ. އަދި ވެރިކަމަށް ވަޑައިގެންނެވިތާ 6 މަހެއްހާ ދުވަސް ފާއިތުވިތަނާ ކަހަލަ ގޮތަކަށް ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ކާމިޔާބުކޮށް، އެ ޕާޓީވަނީ 20 ވަނަ މަޖިލިހުގެ ސުޕަރ މެޖޯރިޓީ ކަށަވަރު ކޮށްފައެވެ.

އެހެންނަނަމަވެސް، ޕާޓީ ބޮޑުވެ، ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީއާއެކު އެ ޕާޓީން މިއަދާ ހަމައަށް ކުރި ދަތުރުގައި ޕާޓީގެ ކާމިޔާބީއާއި ނާކާމިޔާބީ ވަޒަންކުރެވިގެންދިޔަ އެންމެ ބޮޑު އިމްތިހާނެއްގެ ގޮތުގައި ފާހަގަވާން އޮތީ ފާއިތުވި ލޯކަލް ކައުންސިލް އިންތިޚާބާއި، އެ އިންތިޚާބާއެކީ ބޭއްވުނު ފެންނަ ނުފެންނަ ވޯޓެވެ. ލޯކަލް ކައުންސިލް އިންތިޚާބާއެކު ބޭއްވި ފެންނަ ނުފެން ވޯޓުން ވެރިކަންކުރާ ޕީއެންސީ ބޮޑުތަނުން ބަލިވިއިރު، ލޯކަލް ކައުންސިލް އިންތިޚާބުގައިވެސް އެޕާޓީއަށް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެވެ. މި އިންތިޚާބުގައި އެޕާޓީއަށް ރާއްޖޭގެ އެންމެ ސިޓީއެއްވެސް ކާމިޔާބު ނުކުރެވުނު ތާނގަ، ފައިސާއާއި ވަޒީފާއާއި އަދި އެނޫންވެސް އެތައް ނުފޫޒަކާއެކުވެސް ގޮނޑިތަކުގެ އަދަދުންވެސް އެކަށީގެންވާ ކާމިޔާބީއެއް އެޕާޓީއަށް ހޯދިފައެއް ނުވެއެވެ.

މި ދެ ވޯޓުގައިވެސް ޕީއެންސީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު ހިސާބުން، އުފެދި ބޮޑުވަމުން އައި އަދި އެތައް ހާސް ދިވެހި ރައްޔިތުން ނިސްބަތްވާކަމަށް ބުނާ ޕީއެންސީގެ މުސްތަގުބަލާމެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާން ފަށާފައެވެ. އަދި އެއީ ޚުދު ރައީސް މުއިއްޒުގެ ލީޑަރޝިޕާމެދު ޚުދު ޕާޓީގެ މެމްބަރުންގެ މެދުގައި އުފެދެމުންދާ އުދާހާއި ނުތަވަނަވަސް ކަމެއްގެ ގޮތުގައި މިއަދު ސިފަވާން ފަށާފައި ވަނީ، ރައީސް މުއިއްޒު ބޭނުންފުޅުވެގެން ހުށަހެޅި ބައެއް ހުށަހެޅުއްވުންތައް އެޕާޓީގެ އެންމެ ބާރުގަދަ ގުނަވަން ކަމުގައިވާ ޕާޓީގެ މެމްބަރުންގެ މަޖިލީހުން "ބޮލާލާ" ޖަހާން ފެށި ހިސާބުންނެވެ.

ޕީއެންސީގެ މެމްބަރުންގެ މަޖިލީހަކީ އެޕާޓީގެ އެންމެ ބާރުގަދަ ގުނަވަނެވެ. އެ މަޖިލީހުގައި، ރައީސް މުއިއްޒުގެ އިތުރުން ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުންނާއި، ވަޒީރުންނާއި އަދި ދާއިރާތަކުގެ ރައީސުން ތިއްބަވައެވެ. އެއީ 100 އަށްވުރެ ގިނަ މެމްބަރުންގެ މައްޗަށް އެކުލެވޭ މަޖިލީހެކެވެ.

އެމަޖިލީހުން ދާދިފަހުން ބަލައި ނުގަނެ ދޫކޮށްލާފައިވަނީ، ޕާޓީގެ ކޮންގްރެސް ބޭވުމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލުމުގެ ބާރު ޕާޓީގެ ލީޑަރޝިޕަށް ދެއްވުމަށް ރައީސް މުއިއްޒު ހުށަހެޅުއްވި ހުށަހެޅުއްވުމެކެވެ. ރައީސް މުއިއްޒުގެ އެ ހުށަހެޅުއްވުމަށް ތާއީދު ނެތްކަމަށް މެމްބަރުންގެ މަޖިލީހުގެ 60 ވަރަކަށް މެމްބަރުން ވޯޓު ދެއްވިއިރު ރައީސް މުއިއްޒުގެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވާފައިވަނީ އެ މަޖިލީހުގެ އެންމެ 26 ވަރަކަށް މެމްބަރުންނެވެ. ޕާޓީގެ މެމްބަރުންގެ މަޖިލީހުން މިހާރު ނިންމާފައިވަނީ ކޮންގްރެސް ބޭއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ބޭނުންވާ ކޮމިޓީގެ ކޮމްޕޮޒިޝަން ލީޑަރޝިޕްގެ 6 ބޭފުޅަކާއި މެމްބަރުންގެ މަޖިލީހުން އައްޔަންކުރާ 7 ބޭފުޅަކު ހިމެނޭގޮތަށް އެކުލަވާލުމަށެވެ.

ޕީއެންސީން ކައުންސިލް ކެމްޕެއިން ނިންމުމުގެ ހަރަކާތުގެ ތެރެއިން ރައީސް މުއިއްޒާއި ޕާޓީގެ އިސް ބޭފުޅުން-- ފޮޓޯ: ޕީއެންސީ

އެއްވެސް ޝައްކެއް ނެތް ގޮތުގައި، ސީދާ ރައީސް މުއިއްޒު އިންނަވައިގެން، ސިދާ ރައީސް މުއިއްޒު ހުށަހެޅުއްވި މުހިންމު ހުށަހެޅުއްވުމެއް ޕާޓީގެ މެމްބަރުންގެ މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތަކުން "ބޮލާލާ ޖަހާލުމުން" އެ ނިންމުން މޭރުންކުރާން ޖެހޭނީ އާދައިގެ ނިންމުމެއްގެ ގޮތުގައެއް ނޫނެވެ. އެއީ އެމަނިކުފާނަށް ޕާޓީގެ އެތެރޭގައި ނެތް ތާއީދެއްގެ ގޮތުގައި މެނުވީ އެ ނިންމުން މޭރުން ކުރެވެން އޮނާނެތޯއެވެ. ހަގީގަތަކީވެސް އެއީއެވެ. ބަލިކަށިވަމުންދާ ސަރުކާރުގެ، އެތެރޭގައި ކަން ހިނގަމުންދާ ގޮތާއި، ނިންމާ ނިންމުތަކާމެދު ހުރި އުދާސްތައް އެ ނިންމުމުން ވަރަށްވެސް ރަގަޅަށް ތަމްސީލު ކޮށްދެއެވެ.

ޕާލަމެންޓްރީ ގްރޫޕުގެ ތާއީދެއް ނެތް! މައްސަލަ ވަރަށް ސާފު!

ވެރިކަންކުރާ ޕާޓީއެއްގައި އޮންނަ ޕާލަމެންޓްރީ ގުރޫޕަކީ އެޕާޓީއެއްގެ އެންމެ މުހިންމު އެއް ގުނަވަނެވެ. އެގޮތުން ޕީއެންސީގައި މިއަދު އޮތް ބިޔަ ބޮޑު ޕާލަމެންޓްރީ ގުރޫޕަކީވެސް އެޕާޓީގެ ވަރަށް ގިނަ ކަންކަމުގައި އިސްބަސް ބުނާ، އަދި ސަރުކާރަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ، ޕާޓީގެ އެންމެ އިސް އެއް ގުނަވަނެވެ. އެހެންނަމަވެސް، ބައެއް މަސްދަރުތަކުން އެގެން ހުރި ގޮތުގައި ޕީއެންސީގައި މިވަގުތު އޮތް ޕާލަމެންޓްރީ ގުރޫޕުގެވެސް ގިނަ މެމްބަރުންގެ ރުހުން ރައީސް މުއިއްޒުއަކަށް މިހާރަކު ނެތެވެ. ރައީސް މުއިއްޒުގެ ބައެއް ހުށަހެޅުއްވުންތަކަށް ރުހުން ނެތްކަމަށް ޕާޓީގެ މެމްބަރުންގެ މަޖިލީހުން ދާދިފަހުން ނިންމާފައިވަނީ ޕާލަމެންޓްރީ ގުރޫޕުގެ ގިނަ އަދަދެއްގެ މެމްބަރުންގެ ތާއީދާވެސް އެކީއެވެ.

އާދޭހެވެ! މައްސަލަ ވަރަށްވެސް ސާފެވެ. އެންޓި ޑިފެކްޝަން ގާނޫނެއް ފާސްކޮށް މެމްބަރުންގެ ހަތަރެސްފައިގައި ރައީސް މުއިއްޒު "ކަސްތޮޅު" އެޅުއްވީއެވެ. ސަރުކާރުގެ ސިޔާސަތުތައް ބަދަލުވަމުންދާ ދިއުމުގައި ޕާޓީގެ ލީޑަރޝިޕާ އަދި މަޖިލިސް މެމްބަރުންނާވެސް މަޝްވަރާ ކުރެއްވުމެއް ނެތެވެ. ވަޒީރުންގެ މަޖިލީހަށް ބޮޑު ބަދަލެއް ގެންނެވިއިރު، ޕީއެންސީގެ އިސް ސަފުގައި ތިއްބެވި، ސިޔާސީ ތަޖުރިބާހުރި، އަރިސް ގިނަ ބޭފުޅުންނާ ރައީސް މުއިއްޒު މަޝްވަރާ ކުރައްވާފައި ނުވާކަމަށް ޕީއެންސީގެ ބައެއް މަސްދަރުތަކުން ދަނީ ބުނަމުންނެވެ. މީޑިއާ ގާނޫނެއް ފާސްކޮށް، އޭގެ ޒަރީޢާއިން މީޑިއާއަކީ މިސަރުކާރުގެ ހަތުރަކަށްވެ، މީޑިއާއާއި ހަނގުރާމަ އިއުލާން ކުރާ ހިސާބަށް ހާލަތު ދިޔައިރުވެސް، އިސްކޮށް ތިއްބެވި، ރައީސް މުއިއްޒުއަށް އިޚްލާސްތެރި ސިޔާސީ ފަރާތްތަކުގެ އިތުރުން ޕާޓީގެ ޕާލަމެންޓްރީ ގުރޫޕާވެސް މަޝްވަރާކުރެއްވުމެއް ނެތެވެ. އިންތިޚާބުތަކުން ބަލިވެ، މީޑިއާ ސްޓްރަޓެޖީ ފެއިލްވެ، އަމިއްލަފުޅު ކެބިނެޓް ރޫޅާލައްވަން މަޖުބޫރުވާ ހިސާބަށް ހާލަތު ގޯސްވެ، ސަރުކާރު ބޮލާފޮށާ އެޅިގެން ދިޔައިރުވެސް، މަޝްވަރާގެ އުސޫލެއް ލީޑަރޝިޕެއް ނުދެެއްކެވުނީއެވެ.

ޕީއެންސީގެ ޕީޖީ: ވެރިކަމުގަ އޮންނައިރު ކޮންމެ ޕާޓީއެއްގެވެސް އެންމެ ބާރުގަދަ ގުނަވަނެއްގެ ގޮތުގައި އޮންނަނީ ޕާލަމަންޓްރީ ގްރޫޕު -- ފޮޓޯ/ މަޖިލިސް

އެއްވެސް ޝައްކެއް ނެތެވެ. ރައީސް މުއިއްޒުގެ ރިޔާސީ ދައުރުގައި ބާކީ އަދި ދެއަހަރެއްހާ ދުވަސް ބާކީ އޮތެއްކަމަކު އެމަނިކުފާނު މިއަދު ސިފަވަނީ ބަލިކަށި ރައީސެއްގެ ގޮތުގައެވެ. ސިޔާސީ އެއްވެސް ޕާޓީއެއް، "ޕޮލިޓިކަލް ހެވީ ވެއިޓެއް" އަރިހުގައި، ސަރުކާރަށް ތާއީދު ކޮށްގެނެއް ނެތެވެ. ރައްޔިތުންގެ މެދުގައި ސަރުކާރަށް ތާއީދު ނެތްކަން، ފެންނަ ނުފެންނަ ވޯޓުން މާސާފުކޮށް އެނގި ހާމަވީއެވެ. އެންމެ ފަހުން އަމިއްލަފުޅު ޕާޓީ މުށުތެރެއިން ބީވެގެން ހިނގައިދާނެކަމުގެ އަލާމާތްތައް މިއަދު މިވަނީ ފާޅުވާން ފަށާފައެވެ. އިސްލާހީ ފިޔަވަޅު ނާޅުއްވާ، މަޝްވަރާގެ އުސޫލު އިސް ނުކުރައްވާ، އަރިހުގައި ތިއްބެވި ސިޔާސީ ތަޖުރިބާއެއްނެތް މަދުބައެއްގެ މަޝްވަރާއަށް ހޭރިޔާކޮށްފަ އޮތް މިދަތުރުގައި، މިހާރުވެސް އަރިއަޅާލާފަ އޮތް މިއޮޑި ބަންޑުން ޖަހާލުމަކީ ވަރަށްވެސް އެކަށީކަމެއްކަމުގައި މިއަދު މިވަނީ ދަންނަވާ މަޖުބޫރު ވެފައެވެ.

ދިވެހިރާއްޖޭގެ ޒަމާނީ ޑިމޮކްރަސީގައި ސިޔާސީ ޕާޓީތަކަކީ ވެރިކަމަށް އައުމަށާއި ވެރިކަން ދެމެހެއްޓުމަށް އޮތް އެންމެ މުހިންމު ވަސީލަތެވެ. ފާއިތުވި ރިޔާސީ އިންތިޚާބުތަކުން މިކަން ސާފުވެފައިވާއިރު، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު، ޕީއެންސީ އެމަނިކުފާނުގެ ބާރުގެ ދަށަށް ގެންނަވައި، އަމިއްލަފުޅު ސިޔާސީ ޕްލެޓްފޯމެއް ވަރުގަދަ ކުރެއްވުމަށް މަސައްކަތްކުރެއްވިއެވެ. ނަމަވެސް، މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބުނު ކަމުގައިވިޔަސް، ދާދިފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުތަކުން ޕީއެންސީއަށް ވަނީ ބޮޑެތި ނާކާމިޔާބީތަކަކާ ކުރިމަތިލާން ޖެހިފައެވެ. މި ނާކާމިޔާބީތަކާއެކު، ޕާޓީގެ އެތެރޭގައި ރައީސް މުއިއްޒުގެ ލީޑަރޝިޕާމެދު ވަނީ ސުވާލު އުފެދެން ފަށާފައެވެ. ޕާޓީގެ އެންމެ ބާރުގަދަ ގުނަވަން ކަމަށްވާ މެމްބަރުންގެ މަޖިލީހުން، ރައީސް މުއިއްޒު ހުށަހެޅުއްވި މުހިންމު ހުށަހެޅުންތަކެއް ބޮޑު އަޣުލަބިއްޔަތަކުން ބޭރުކޮށްލުމަކީ އެމަނިކުފާނުގެ ސިޔާސީ ބާރުވެރިކަން ކުޑަވަމުންދާ ކަމުގެ ހެއްކެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މީގެ އިތުރުން، ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ގިނަ މެމްބަރުންގެ ތާއީދުވެސް ރައީސް މުއިއްޒަށް ކުޑަވަމުންދާކަމަށް މަސްދަރުތަކުން ބުނެއެވެ. މަޝްވަރާކުރުމެއް ނެތި ގެންނަވާ ބަދަލުތަކާއި ނިންމުންތަކުގެ ސަބަބުން، ސަރުކާރުގެ އެތެރޭގެ ގުޅުންތައް ވަނީ ހީނަރުވެފައެވެ.

  • ޕީއެންސީގެ މެންބަރުންގެ އަދަދު އިތުރުވެ މަޖިލީހުގެ މެޖޯރިޓީ ލިބުނު ނަމަވެސް، ލޯކަލް ކައުންސިލް އިންތިޚާބުގައި ޕާޓީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފައެވެ.
  • ޕާޓީގެ ކޮންގްރެސްއާ ގުޅޭގޮތުން ރައީސް މުއިއްޒު ހުށަހެޅުއްވި ހުށަހެޅުއްވުމެއް، ޕާޓީގެ މެމްބަރުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ވަނީ ފާސްނުކޮށް ބޭރުކޮށްލާފައެވެ.
  • ކެބިނެޓަށް ގެނައި ބަދަލުތަކާއި ސިޔާސަތުތައް އެކުލަވާލުމުގައި ޕާޓީގެ ލީޑަރޝިޕާއި ޕާލަމެންޓްރީ ގުރޫޕާ މަޝްވަރާ ނުކުރައްވާކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.
  • އެންޓި ޑިފެކްޝަން ގާނޫނާއި މީޑިއާ ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ސަބަބުން ރައީސް މުއިއްޒުގެ ސިޔާސީ ބާރުވެރިކަން ދަނީ ހީނަރުވަމުންނެވެ.
comment ކޮމެންޓް