ފިޗުން ކްރެޑިޓް ރޭޓިން މަތިކުރުމަކީ ދުރުވިސްނުމެއްގެ ތެރެއިން ދަރަނި ދެއްކިކަން ސާބިތުކޮށްދޭ ދަލީލެއް: ތަރުޖަމާނު

ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: ވިދާޅުވީ ފިޗުން ރާއްޖޭގެ ރޭޓިން ޑަބަލް ސީ އަކުން ޓްރިޕަލް ސީ މައިނަސް އަކަށް މަތިކުރުމަކީ ސަރުކާރުން ދުރުވިސްނުމެއްގެ ތެރެއިން ދަރަނި ދެއްކިކަން ސާބިތުކޮށްދޭ ދަލީލެއް ކަމަށް --- ފޮޓޯ: ރައީސް އޮފީސް

ފިޗުން ރާއްޖޭގެ ރޭޓިން ޑަބަލް ސީ އަކުން ޓްރިޕަލް ސީ މައިނަސް އަކަށް މަތިކުރުމުގެ ސަބަބުން ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ތަރައްގީގެ ބައިވެރިން ދެކޭ ގޮތް ބަދަލުވުގެން ދާނެ ކަމަށާއި، އެއީ ސަރުކާރުން ދުރުވިސްނުމެއްގެ ތެރެއިން ދަރަނި ދެއްކިކަން ސާބިތުކޮށްދޭ ދަލީލެއް ކަމަށް، ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ތަރުޖަމާނު ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު މަސައްކަތްކުރީ ރާއްޖޭގެ އިގުތިޞާދު ރަނގަޅުކޮށް، ވާރުތަވެފައިވާ ދަރަނިތައް އަދާކުރުމަށް ކަމަށެވެ.

"ޚާއްސަކޮށް ޣައިރު ޒިންމާދާރުކޮށް ނަގައިފައިހުރި ވަރަށް ގިނަ ދަރަނިތައް، ޑިފާކުރަން ޖެހޭ އެއްޗެހި ޑިފާކުރަމުން އައިސް ދައްކައި ޚަލާސްކުރުމުގެ މަސައްކަތުގައި ވަރަށް ބޮޑެތި ކުރިއެރުންތަކެއް މި ލިބުނީ، ފިޗްގެ ރޭޓިންއަކީ އެކަމާ ގުޅިގެން އައި ބަދަލެއް، އެއީ އެކަން އަޅުގަނޑު ކޮށްފައި އޮތްލެއް ރަނގަޅުކަން، ނުވަތަ ޒިންމާދާރުކަން، ނުވަތަ ދުރުވިސްނުމެއްގެ ތެރެއިން ހަރުދަނާ ސިޔާސަތުތަކާއެކުގައި ކުރެވުނު ކަމެއްކަން ސާބިތުކޮށްދޭ ދަލީލެއް،" ތަރުޖަމާނު ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް

ފިޗުގެ ރޭޓިން އިތުރުވުމަކީ ދިވެހީންނަށް ލިބޭ ހިތްހަމަޖެހުމެއް އެކަނި ނޫން ކަމަށާއި، ބޭރުގެ އިންވެސްޓަރުންގެވެސް އިތުބާރު އިތުރުވެގެން ދާނެ ކަމަށް، އޭނާ ވިދާޅުވިއެވެ.

ތަރުޖަމާނު ވިދާޅުވީ، ފިޗުގެ ރޭޓިން ރަނގަޅުވުމުގެ އިތުރުން، ރާއްޖޭގެ މާލީ ހާލަތު އިތުރަށް ރަނގަޅުވެ، ރައްޔިތުންގެ ދިރިއުޅުމުގެ ކަންކަން ހަމަޖެހޭ ދުވަހަކުން ހަވާ އަރުވާނެ ކަމަށެވެ.

އެއާއެކު، ތަރުޖަމާނު ވަނީ، ކޮވިޑް-19ގެ ދުވަސްވަރު ކުރީ ސަރުކާރަށް ލިބުނު ހިލޭ އެހީންނާއި އަވައްޓެރި އިންޑިއާއިން ދަރަންޏަށް ނެގި 150 މިލިއަން ޑޮލަރާއި ސުކޫކުގެ ގޮތުގައި ނެގި ބައި ބިލިއަން ޑޮލަރާއި ޗާޕުކުރި ފައިސާ ބޭނުންކުރީ އިގުތިޞާދަށް ލިބިފައިވާ ދަތިތަކުން އަރައިގަތުމަށްތޯ، ނުވަތަ އެހެން ބޭނުމެއްގައިތޯ ސުވާލު އުފައްދަވައިފައެވެ.

"ދަށްވި ދަށްވުމަކީ މި ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ދަށްވިކަމެއް ނޫން، އެއީ އަޅުގަނޑުމެން ހަވާލުވީއިރު ދަރަނި އޮތް މިންވަރާއި އަދާކުރަންޖެހުނު ކަންތައްތަކާއި އަޅުގަނޑުމެން އަޅަންޖެހުނު ފިޔަވަޅުތަކުގެ ބޮޑުކަން،" އޭނާ ވިދާޅުވިއެވެ.

https://sun.mv/222883

ގިނަ ދަރަނިތައް އޭރު ނަގައިފައި ހުރީ ފައްތަރުވާ ގޮތަށް ކަމަށްވެސް، ތަރުޖަމާނު ވިދާޅުވިއެވެ.

އެހެންކަމުން، ތަރުޖަމާނު ވިދާޅުވީ، މި ސަރުކާރަށް ފުރަތަމަ ޖެހުނީ ތިން ގައުމަކާ މަޝްވަރާކޮށް ދަރަނީގެ ބޮޑު އަދަދެއް ރީފައިނޭންސްކުރަން ކަމަށާއި، އެހެންވިޔަސް ސަރުކާރުން މަސައްކަތްކުރީ ދަރަނި ދައްކަން ކަމަށެވެ.

އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ ކުރީ ސަރުކާރުން ފައިސާ ޗާޕުކޮށް ދަރަނި އިތުރަށް ނެގުމުން ކަމަށް ވިދާޅުވެ، ތަރުޖަމާނު ވިދާޅުވިގޮތުގައި، ސަރުކާރުން މަސައްކަތްކުރީ ޖީޑީޕީ 130 އިންސައްތައަށްވުރެ ދަށްކުރެވޭތޯއެވެ.

https://sun.mv/222917

"މި ލިބުނު ކާމިޔާބީތަކުގެ ތެރެއިން އެއް ކާމިޔާބީ ފިޗުގެ ރޭޓިންއަކީ، ނުވަތަ އޭގެ އިންޑިކޭޓާއެއް، ހަގީގަތުގައި އެންމެ ބޮޑު ކާމިޔާބީއަކީ ފަސް އަހަރަށް ފަހު ބަޖެޓުގެ ތެރެއިން އަޅުގަނޑުމެން ކަންކަން ކުރެވުން، ފައިވް ބިލިއަން ދަށްކުރެވުން، އަދި އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ މިދިޔަ އަހަރު ރިކޯޑު އަދަދަކަށް އިރާދަކުރެއްވިއްޔާ ގެންދެވުންކަން، އެއީ އަސްލު ހަގީގަތުގައި އަޅުގަނޑުމެންނަށް އެއަށްވުރެ މާ ހިތްހަމަޖެހޭ ކުރިއެރުމެއް، ހަވައެއް އަރުވާނަމަ އަރުވަންވީ އެކަމަށް އަޅުގަނޑު ދެކޭގޮތުގައި،"

https://sun.mv/222821

ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރިކަން ހާމަކުރީ މިދިޔަ ބުދަ ދުވަހެވެ.

ރާއްޖެ ޖޫން 2024 ވަނަ އަހަރު 'ސީސީސީ ޕްލަސް' ރޭޓިންގައި އޮތުމަށް ފަހު، އެ އަހަރުގެ އޮގަސްޓު މަހު އެ ރޭޓިން ވަނީ 'ސީސީ'އަށް ދަށްކޮށްފައެވެ. އަދި 2025ގައި ވެސް 'ސީސީ'ގައި ރޭޓިން ވަނީ ދަމަހައްޓައިފައެވެ.

ފިޗުން ރާއްޖޭގެ ރޭޓިން ދަށްކޮށް ދަމަހައްޓައިފައިވަނީ ގައުމުގެ ދަރަނި ބޮޑުވެ، ދަރަނި ނުދެއްކުމުގެ ބިރު އޮތް ކަމަށް ބުނެއެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަކުރީ މި އަހަރުގެ އޭޕްރިލް މަހު އަނބުރާ ދައްކަން އޮތް ސުކޫކު ފައިސާގެ 524.68 މިލިއަން އެމެރިކާ ޑޮލަރެވެ.

ފިޗްގެ 'ސީސީ'އާއި މިހާރު ލިބިފައިވާ 'ސީސީސީ މައިނަސް' ރޭޓިންއަކީ ވެސް 'ޖަންކް' ރޭޓިންގެ ގޮތުގައި ސިފަކުރާއިރު، މިހާރު ރާއްޖެއަށް ދަރަނި ނުދެއްކުމުގެ ނުރައްކާ ކުރިއަށް ވުރެ ކޮންމެވެސް މިންވަރަކަށް ކުޑަވެފައިވާ ކަމަށް ފިޗުން ވަނީ ބުނެފައެވެ. އެގޮތުން މިދިޔަ އޭޕްރިލް މަހު ސުކޫކް ދައްކައި ޚަލާސް ކޮށްފައިވާކަން އެ އިދާރާއިން ފާހަގަކުރިއެވެ.

މީގެ އިތުރުން، އާމްދަނީ އިތުރުކުރުމަށް ގެންނަ އިސްލާހުތަކާއި ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާ މާރުކުރުމުގެ މަސައްކަތްތަކުގެ ސަބަބުން ދައުލަތަށް ބޭރު ފައިސާ ލިބޭ މިންވަރު އިތުރުކުރެވޭނެ ކަމަށް ފިޗުން ބުނެފައިވެއެވެ. އަދި ބޭރުގެ ދަރަނި ކުޑަވެ، ބޭރުން އެހީ ލިބުމުން ފައިސާގެ ދަތިކަމަށް ލުއި ލިބި، ދަރަނީގެ ނުރައްކަލުން ސަލާމަތްވުމަށް ފިޔަވަޅު އެޅޭނެ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.

އެ ކަންތައްތަކާއެކު ވެސް ފިޗުން ވަނީ، ރާއްޖެއަށް މާލީ ގޮތުން ނުރައްކާތައް ބޮޑުކަން ފާހަގަކޮށްފައެވެ. އެގޮތުން މާލީ ދެ ޑެފިސިޓެއް ރާއްޖޭގެ އެބައޮތް ކަމާއި، އެއީ އާމްދަނީއަށް ވުރެ އިތުރަށް ޚަރަދު ކުރުމާއި އެކްސްޕޯޓަށް ވުރެ އިމްޕޯޓް އިތުރުވުން ކަމަށް ފިޗުން ބުނެފައިވެއެވެ.

މީގެ އިތުރުން، ފައިސާގެ ރިޒާވް ދަށްވުމާއި އީރާން ހަނގުރާމައިގެ ސަބަބުން ކުރިމަތިވެދާނެ ހާލަތުގެ ނުރައްކަލާއި، ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުމުގެ ނުރައްކާ ވެސް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީސީ އިން ސީސީސީ މައިނަސް އަށް މަތިކުރުމާ ގުޅިގެން، ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އިތުބާރު ރާއްޖެއަށް ލިބިގެންދާނެ ކަމަށް ސަރުކާރުން ބަޔާންކޮށްފިއެވެ. މިއީ ވާރުތަވެފައިވާ ބޮޑެތި ދަރަނިތައް ޒިންމާދާރުކަމާއެކު ދެއްކުމަށް ސަރުކާރުން ގެންގުޅޭ ދުރުވިސްނުމުގެ ނަތީޖާއެވެ. ޚާއްސަކޮށް، ސުކޫކު ފައިސާ ދައްކައި ޚަލާސްކުރުމާއި، ބަޖެޓުގެ ޚަރަދުތައް ކުޑަކުރުމުގެ އިތުރުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް އެޅި ފިޔަވަޅުތައް މި ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރިއެވެ. މީގެ ސަބަބުން އިގުތިޞާދީ ހަމަޖެހުން ގާއިމުވެ، ބޭރުގެ އިންވެސްޓަރުންގެ ޔަގީންކަން އިތުރުވެގެންދާނެ ކަމަށްވެސް ސަރުކާރުގެ ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

  • ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީސީ އިން ސީސީސީ މައިނަސް އަށް ފިޗުން ވަނީ މަތިކޮށްފައެވެ.
  • މި ބަދަލަކީ ބޭރުގެ އިންވެސްޓަރުންނާއި މާލީ އިދާރާތަކުގެ އިތުބާރު އާލާވާނެ ކަމެކެވެ.
  • އޭޕްރިލް މަހު ދައްކަންޖެހުނު 524 މިލިއަން ޑޮލަރުގެ ސުކޫކު އަދާކުރުމަކީ ރޭޓިން މަތިވުމުގެ މައިގަނޑު އެއް ސަބަބެވެ.
  • އިގުތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި މާލީ ޑެފިސިޓް ފަދަ ނުރައްކާތައް އަދިވެސް ހުރިކަން ފިޗުން ފާހަގަކުރެއެވެ.
  • ދަރަނި އަދާކުރުމުގެ ޒިންމާދާރު ސިޔާސަތުތައް ދެމެހެއްޓުން.
  • ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށް އަމާޒުކޮށްގެން އިސްލާހުތައް ތަންފީޒުކުރުން.
  • މާލީ ޑެފިސިޓް ކުޑަކުރުމަށްޓަކައި ދައުލަތުގެ ޚަރަދުތައް ކޮންޓްރޯލްކުރުން.
  • ބޭރުގެ އިންވެސްޓްމަންޓްތަކަށް ފަހި މާހައުލެއް ގާއިމުކުރުން.
comment ކޮމެންޓް