ރާއްޖޭގެ ކްރެޑިޓް ރޭޓިން ފިޗް އިން މަތިކުރުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ނަމަވެސް، މާލީ ކާރިސާއަކުން ސަލާމަތްވުމާއި އެފަދަ ކާރިސާއެއް މުޅިން ހައްލުކުރުމަކީ މުޅިން ތަފާތު ދެ ކަމެއް ކަމަށް ކުރީގެ މިނިސްޓަރު އަދި އިގްތިސޯދީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އަޙުމަދު މުޙައްމަދު (އޭއެމް) ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކޮށްފައި ވަނީ މި ހިނގާ ޖޫން މަހުގެ ތިންވަނަ ދުވަހެވެ.
ފިޗުން އިއުލާންކުރި ގޮތުގައި ރާއްޖޭގެ ކްރެޑިޓް ރޭޓިން ވަނީ 'ސީސީ' އިން، އޭގެ ޖެހިގެން އޮންނަ މަތީ ރޭޓިން ކަމަށްވާ 'ސީސީސީ މައިނަސް' އަށް ބަދަލުކޮށްފައެވެ. މިއީ 2024 ވަނަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން 'ސީސީ' ރޭޓިންގައި އޮތުމަށްފަހު ލިބުނު ކުރިއެރުމެކެވެ. ފިޗުން ކުރިން ރާއްޖޭގެ ރޭޓިން ދަށްކޮށްފައިވަނީ ގައުމުގެ ދަރަނި ބޮޑުވެ، ވަކިން ޚާއްސަކޮށް 524.68 މިލިއަން ޑޮލަރުގެ ސުކޫކު ފައިސާ ނުދެއްކިދާނެ ކަމުގެ ބިރު އޮތުމުންނެވެ.
މިހާރު ލިބިފައިވާ 'ސީސީސީ މައިނަސް' ރޭޓިންއަކީ ވެސް 'ޖަންކް' ރޭޓިންގެ ގޮތުގައި ސިފަކުރާއިރު، މިދިޔަ އޭޕްރިލް މަހު ސުކޫކް ދައްކައި ޚަލާސް ކޮށްފައި ވާތީ ދަރަނި ނުދެއްކުމުގެ ނުރައްކާ ކުރިއަށް ވުރެ ކުޑަވެފައިވާ ކަމަށް ފިޗުން ބުނެއެވެ. މީގެ އިތުރުން، އާމްދަނީ އިތުރުކުރުމަށް ގެންނަ އިސްލާހުތަކާއި ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާ މާރުކުރުމުގެ މަސައްކަތްތަކުގެ ސަބަބުން ދައުލަތަށް ބޭރު ފައިސާ ލިބޭ މިންވަރު އިތުރުވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
އެކަމާ ގުޅިގެން އަޙުމަދު މުޙައްމަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސުކޫކް ދެއްކުމުން ދަރަނި ނުދެއްކިދާނެ ކަމަށް އޮތް ބިރު މިވަގުތަށް ކުޑަވި ނަމަވެސް، އިގްތިސޯދީ ގޮންޖެހުންތައް އަދިވެސް ބޮޑު ކަމަށެވެ. ފިޗްގެ ރިޕޯޓުގައިވާ ގޮތުން ރާއްޖޭގެ ދައުލަތުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 119.2 އިންސައްތައަށް އުފުލޭނެ ކަމަށް ލަފާކުރެވޭއިރު، ރާއްޖޭގެ ރިޒާވް ހުރީ އެންމެ މަސްދުވަހުގެ މުއާމަލާތްތަކަށް ވާ ވަރަށް ވުރެ ވެސް ދަށުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ފިސްކަލް ޑެފިސިޓް 14.6 އިންސައްތައިގައި އަދި ކަރަންޓް އެކައުންޓް ޑެފިސިޓް 17.5 އިންސައްތައިގައި ހުންނައިރު، ރާއްޖޭގެ ރިޒާވްގައި ހުރީ އެއް މަސްދުވަހުގެ އިމްޕޯޓަށް ބޭނުންވާ ވަރަށް ވުރެ ވެސް މަދު ފައިސާއެވެ. އެގޮތުން އަސްލު އިމްތިހާނަކީ މި އަހަރު ދަރަނި ނުދެއްކިދާނެ ހާލަތުން ސަލާމަތްވުމެއް ނޫންކަމަށާއި އަސްލު އިމްތިހާނަކީ، މި ލިބުނު ފުރުސަތުގެ ބޭނުން ހިފައި، ދައުލަތުގެ މާލީ ހާލަތު ދެމެހެއްޓެނިވި މަގަކަށް އެޅުވުން ކަމަށް އޭނާ ވިދާޅުވިއެވެ.
"އަސްލު އިމްތިހާނަކީ މި އަހަރު ދަރަނި ނުދެއްކިދާނެ ހާލަތުން ސަލާމަތްވުމެއް ނޫން. އަސްލު އިމްތިހާނަކީ، މި ލިބުނު ފުރުސަތުގެ ބޭނުންހިފައި، ދައުލަތުގެ މާލީ ހާލަތު ދެމެހެއްޓެނިވި މަގަކަށް އެޅުވުން،" އޭނާގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.
މިވަގުތު ލިބިފައިވާ މި ލުޔަކީ އިގްތިސޯދީ އިސްލާހީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ލިބުނު ފުރުސަތެއް ކަމަށް މާލީ ތަޖުރިބާކާރުން ވިދާޅުވަމުންދާއިރު، އިދިކޮޅު ފަރާތްތަކުން މިކަން ސިފަކުރަނީ މުޅިން އެހެން ނަޒަރިއްޔާތަކުންނެވެ. އެގޮތުން ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކޮށްފައިވަނީ ގައުމުގެ އިގުތިސޯދަށް ރަނގަޅު ބަދަލެއް އައުމުން ނޫން ކަމަށް އެފަރާތްތަކުން ބުނެއެވެ.
އެގޮތުން ދާދި ފަހުން ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ވިދާޅުވީ ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކޮށްފައި ވަނީ ގައުމުގެ އިގްތިސޯދަށް ރަނގަޅު ބަދަލެއް އައުމުން ނޫން ކަމަށެވެ. ފިޗްގެ ރޭޓިންއިން ބުނެދެނީ ރާއްޖޭން ދަރަނި ދެއްކުމުން ގައުމަށް ވަގުތީ ހައްލެއް ގެނެސްދީފައިވާ ކަމަށް ކަމަށެވެ.