މި އަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލް ކުޅޭ ފުރަތަމަ މެޗުން އެ ގައުމު މޮޅުވާނެ ކަމަށް ރިއޯ ޑި ޖެނީރޯގެ މަޝްހޫރު އެކުއޭރިއަމްއެއްގައި އުޅޭ މިޔަރެއް ލަފާކޮށްފިއެވެ.
"ރިތީންޔާ" ގެ ނަން ދެވިފައިވާ މި އަންހެން މިޔަރު ބަލަހައްޓަމުން ދަނީ ބްރެޒިލްގެ ރިއޯގައި ހުންނަ މަޝްހޫރު "އަކުއާރިއޯ" އެކުއޭރިއަމްގައެވެ. މި މިޔަރު ލަފާކުރި ގޮތުގައި، ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ބްރެޒިލާއި މޮރޮކޯ ބައްދަލުކުރާ މެޗުން ކުރިހޯދާނީ ބްރެޒިލްއެވެ.
ބުދަ ދުވަހު ބޭއްވި ހާއްސަ ހަރަކާތެއްގައި، ރިތީންޔާގެ ކުރިމައްޗަށް ވަނީ ދެ ފޮށި ނުވަތަ ކޮންޓޭނަރު ދޫކޮށްލާފައެވެ.
އޭގެއިން އެއް ފޮށީގައި ބްރެޒިލް ދިދަ ޖަހާފައިވާއިރު، އަނެއް ފޮށީގައި ޖަހާފައިވަނީ މޮރޮކޯ ދިދައެވެ. ގިނަ އަދަދެއްގެ ބަޔަކު ބަލަން ތިއްބާ، މި މިޔަރު ގޮސް ހިޔާރުކުރީ ބްރެޒިލްގެ ނަން ޖަހާފައިވާ ފޮށްޓެވެ. މިއާއެކު އެތަނަށް އެއްވެ ތިބި ބްރެޒިލްގެ ސަޕޯޓަރުންނަށް ބޮޑު އުފާވެރިކަމެއް ލިބިގެންދިޔައެވެ.
މިފަދަ ޖަނަވާރުން ބޭނުންކޮށްގެން މެޗުތަކުގެ ނަތީޖާ ދިމާކުރުމަކީ ސައިންޓިފިކް ގޮތުން އެއްވެސް ބުރަދަނެއް ހުރި ކަމެއް ނޫނެވެ. ނަމަވެސް، ވޯލްޑް ކަޕް ފަދަ ބޮޑެތި މުބާރާތްތަކާ ދިމާކޮށް މިފަދަ ކަންކަމަކީ ފުޓްބޯޅަ ދުނިޔޭގައި ސަޕޯޓަރުންގެ މެދުގައި ވަރަށް މަގުބޫލު، އަދި ފޯރިގަދަކޮށްލަން ކުރާ މަޖާ ކަމެކެވެ.
ފަސް ފަހަރުގެ ދުނިޔޭގެ ޗެމްޕިއަނުން ކަމަށްވާ ބްރެޒިލްއަކީ މި ފަހަރުގެ މުބާރާތްވެސް ކާމިޔާބުކުރާނެ ކަމަށް ބެލެވޭ އެއް ގައުމެވެ. އަނެއްކޮޅުން މޮރޮކޯއަކީ ފަހުގެ ތާރީހެއްގައި ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ވަރަށް ވަރުގަދަ ބާރެއްގެ ގޮތުގައި ދައްކާލާފައިވާ ޓީމެކެވެ.
މި ދެ ގައުމު ބައްދަލުކުރާ ފޯރިގަދަ މެޗަށް ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާއިރު، ރިއޯގެ މިޔަރުގެ މި ލަފާކުރުމާއެކު ބްރެޒިލްގެ ސަޕޯޓަރުންގެ އުންމީދުތައް މިވަނީ އިތުރަށް އާވެފައެވެ.
ބްރެޒިލްއާއި މޮރޮކޯ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން 14 ވަނަ ދުވަހު ރާއްޖެގަޑިން މެންދަމު 03:00 ގައެވެ.