ފަތުރުވެރިކަމުގެ ދާއިރާގައި އާންމު ފަރުދުންގެ ބައިވެރިވުން އިތުރުކުރުމަށް އަމާޒުކޮށްގެން "ޕީޕަލް ސެންޓާޑް ކޮމިއުނިޓީ ޓޫރިޒަމް އެމްޕަވާމަންޓް މޮޑެލް" ތައާރަފުކުރުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އެވިއޭޝަނާއި ޔޫއެންއެފްޕީއޭ މޯލްޑިވްސްއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ބ. ދަރަވަންދުއާއި ދޮންފަނާއި ކިހާދޫގެ އިތުރަށް ކުޑަރިކިލުގައި އަންހެނުންނާއި ޒުވާނުންނާއި އިސްރަށްވެހިންނަށް ބައިވެރިވެވޭ ފަދަ ފަތުރުވެރިކަމުގެ ނިޒާމެއް ބިނާކުރުމަށް ފަރުމާކުރެވޭ މަޝްރޫއެއް ފެށުމަށް ވަނީ ނިންމާފައެވެ.
މިނިސްޓްރީން ބުނީ، މި މަސައްކަތުގެ އަސާސަކީ ފަތުރުވެރިކަން ފުޅާކުރުމުގައި ރަށްރަށުގެ މުޖުތަމައުތަކުގެ ބޭނުންތަކާއި ޝުއޫރުތަކަށް ރިއާޔަތްކުރުން ކަމަށެވެ.
އެގޮތުން، މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ކުރިއަށްދާނީ މެޕިންގެ މަސައްކަތްތައް ކަމަށްވާއިރު މިއީ މުސްތަގުބަލުގައި ކުރިއަށްދާނެ ކެޕޭސިޓީ ބިލްޑިންނާއި އުފެއްދުންތެރިކަމުގެ މަރުހަލާތަކަށް އެޅޭ ބިންގަލެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
މި ފަހުމުނާމާއަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގައި ރަށްތަކުގެ ފަރުދުންނަކީ އެންމެ މުހިންމު އެއް ބައިވެރިން ކަމުގައި ހަދައި، މުޖުތަމައުތަކަށް ފައިދާކުރަނިވި ފަތުރުވެރިކަމުގެ އައު މޮޑެލްއެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި މިނިސްޓްރީން ސިފަކުރެއެވެ.
ފަތުރުވެރިކަމުގެ އައު މޮޑެލެއް ތައާރަފުކުރާއިރު، ސަރުކާރުން ވަނީ، ފަސް އަތޮޅެއްގައި ހަލާލް ޓުއަރިޒަމް ތައާރަފުކުރަން ނިންމާފައެވެ. އެއީ، ރިސޯޓު ތަރައްގީކުރަން ދޭ މުއްދަތު (ގްރޭސް ޕީރިއަޑް)ގެ ކުރިން އެ ރިސޯޓު ތަރައްގީކޮށް އޮޕަރޭޝަނަށް ގެނެވިއްޖެ ހާލަތެއްގައި، އެ ދުވަހުން ފެށިގެން ގްރޭސް ޕީރިއަޑްގެ ބާކީ އޮތް މުއްދަތައް އަރާ ބިމު ކުލި މައާފުކުރެވޭ ގޮތަށް ދޭ ލުޔަކާއެކީގައެވެ.