އިލެކްޝަނުން ވެސް އެދެނީ ވޭވަށު ވޯޓާ ގުޅޭ ހައިކޯޓުގެ ހުކުމް ބާތިލުކުރަން

ލޯކަލް ކައުންސިލް އިންތިހާބުގެ ތެރެއިން

މ. ވޭވަށު ކައުންސިލްގެ އިންތިހާބު ކާމިޔާބު ކުރި އެމްޑީޕީގެ ކެންޑިޑޭޓްގެ ގޮނޑި، ހައިކޯޓުގެ ހުކުމަކާއެކު ޕީއެންސީ ކެންޑިޑޭޓަކަށް ލިބުނު ހުކުމް ބާތިލުކުރަން އިލެކްޝަންސް ކޮމިޝަނުންވެސް ސުޕްރީމް ކޯޓުގައި އެދިއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން، ސުޕްރީމް ކޯޓުގައި އެ ގޮތަށް އެދުނީ، އިލެކްޝަންސްއާއި ޕީއެންސީގެ ކެންޑިޑޭޓަށް ރައްދުވާ ގޮތަށް އެމްޑީޕީގެ ކެންޑިޑޭޓް އަހްސަން ނައީމް ހުށަހެޅި މައްސަލައިގެ މިއަދުގެ ޝަރިއަތުގައެވެ.

ވޭވަށު ކައުންސިލްގެ އާއްމު ދެ މެންބަރުގެ އިންތިހާބު، ދެ ވޯޓުގެ ތަފާތަކުން ކާމިޔާބުކޮށްފައި އޮތީ އެމްޑީޕީގެ ކެންޑިޑޭޓް އަހްސަން ނައީމްއެވެ. އަހްސަންއަށް 121 ވޯޓު ލިބިފައިވާއިރު، ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ނަޒީހަށް ލިބުނީ 119 ވޯޓެވެ.

އެކަމަކު، އެ މައްސަލަ ޕީއެންސީގެ ކެންޑީޑޭޓްގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން މި މައްސަލަ، ހައިކޯޓުން ނިންމިއިރު، އިންތިހާބުގެ ނަތީޖާ އެނބުރި، އެމްޑީޕީން ހޯދި ގޮނޑިވަނީ ޕީއެންސީއަށް ފުރޮޅިފައެވެ.

މި މައްސަލައިގެ އަޑު އެހުން ސުޕްރީމް ކޯޓުން މިއަދު ނިންމާލިއިރު، މައްސަލައިގެ ތެރެއިން އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށް މައްސަލަ ބަލާ ބެންޗުން އިއުލާން ކުރިއެވެ. މި މައްސަލަ ސުޕްރީމް ކޯޓުގައި ބަލަނީ ފަނޑިޔާރު އަބްދުﷲ ހަމީދު، ހުސެއިން ޝަހީދު އަދި މުހައްމަދު ސަލީމްއެވެ.

މިއަދުގެ ޝަރިއަތުގައި، ސުޕްރީމް ކޯޓުން އެދޭނަމަ، ވޯޓު ކަރުދާސްތައް ކޯޓަށް ހުށަހަޅަން ތައްޔާރަށް ތިބި ކަމަށްވެސް އިލެކްޝަނުން ވަނީ ބުނެފައެވެ. މައްސަލަ ހުށަހެޅި، އަހްސަން ނައީމްގެ ފަރާތުން އަދި އިލެކްޝަންސްގެ ފަރާތުން އެދުނީ ހައިކޯޓުގެ ހުކުމް ބާތިލުކޮށްދޭށެވެ. އެކަމަކު، ހައިކޯޓުގެ ހުކުމާއެކު ގޮނޑި ލިބުނު ޕީއެންސީގެ ކެންޑިޑޭޓް ނަޒީހުގެ ފަރާތުން އެދުނީ ހައިކޯޓުގެ ހުކުމް ރަނގަޅު ކަމަށް ކަނޑައަޅައިދޭށެވެ.

އެ މައްސަލައައިގައި ހައިކޯޓުގެ ފަނޑިޔާރުންގެ މެދުގައި އޮތީ ހިޔާލު ތަފާތުވެފައެވެ. މައްސަލައިގެ އަގުލަބިއްޔަތު ފަނޑިޔާރުން ނިންމީ، އިންތިހާބުގައި މައްސަލަ ޖެހުނު ތިން ވޯޓެއް ބާތިލު ކުރާށެވެ. އެ ތިން ވޯޓަކީ، އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިފައިވާ ތިން ވޯޓެވެ. އެ ތިން ވޯޓު ބާތިލު ކުރުމުން، އެމްޑީޕީ ކެންޑީޑޭޓަށް ލިބުނު 121 ވޯޓު ބަދަލުވީ 118 ވޯޓަށެވެ. އެހެންކަމުން، 119 ވޯޓާއެކު އިންތިހާބު ކާމިޔާބުވާނީ ޕީއެންސީގެ ކެންޑީޑޭޓަށެވެ.

މި މައްސަލަ ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނިންމިއިރު، އޭގެ ތެރެއިން އެއް ފަނޑިޔާރަކީ ކުރިން ޕީއެންސީ ކެންޑިޑޭޓެއްގެ ގޮތުގައި މަޖިލީހަށް ވާދަކޮށް ނާކާމިޔާބުވީ ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމްއެވެ. ރައޫފު އަދި މައްސަލައިގެ ރިޔާސަތު ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ ނިންމެނީ ތިން ވޯޓު ކަރުދާސް ބާތިލު ކަމަށް ކަނޑައަޅާށެވެ. ރައުޔު ތަފާތުވީ އިބްރާހީމް މާހިރު ވިދާޅުވީ ނަތީޖާއަށް ބަދަލު ގެންނާނެ ތަނެއް ނެތް ކަމަށެވެ.

ވޭވަށު ވޯޓުގެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުގެ ކުރިން، އިލެކްޝަންސް ކޮމިޝަނުން ވޭވަށުގެ ވޯޓު އަލުން ގުނާފައިވެއެވެ. އެއީ، ކޮމްޕްލަޔަންސް ބިއުރޯއަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެންނެވެ. ވޯޓު އަލުން ގުނުމުން ކޮންމެ ކެންޑިޑޭޓަކަށް ލިބުނު ވޯޓުގެ އަދަދުން އެއް ވޯޓު މަދުވި ނަމަވެސް، މޮޅުވި ކެންޑިޑޭޓު އޭރު ބަދަލު ވެފައެއް ނުވެއެވެ.

މ. ވޭވަށު ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓް އަޙްސަން ނަޢީމް 121 ވޯޓުން ކުރިހޯއްދަވާފައި ވަނިކޮށް، 3 ވޯޓު ބާތިލުކޮށް ޕީއެންސީގެ ކެންޑިޑޭޓް މުޙައްމަދު ނަޒީހަށް ގޮނޑި ލިބޭގޮތަށް ހައިކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި މައްސަލައާ ގުޅިގެން ހައިކޯޓުގެ ހުކުމް ބާތިލުކޮށްދިނުމަށް އެދި އަޙްސަން ނަޢީމާއި އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލާފައެވެ. މައްސަލައިގެ ތެރެއިން އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ މި މައްސަލައިގެ ނިހާއީ ހުކުމް އިއްވުމެވެ.

  • ވޭވަށު ކައުންސިލް އިންތިޚާބު ފުރަތަމަ ކާމިޔާބުކުރީ 2 ވޯޓުގެ ތަފާތުން އެމްޑީޕީގެ ކެންޑިޑޭޓް އަޙްސަން ނަޢީމްއެވެ.
  • ހައިކޯޓުގެ ނިންމުމާއެކު އެމްޑީޕީއަށް ލިބުނު 3 ވޯޓު ބާތިލުވެ، ނަތީޖާ ޕީއެންސީގެ ކެންޑިޑޭޓް ނަޒީހަށް އެނބުރުނެވެ.
  • އިލެކްޝަންސް ކޮމިޝަނާއި އެމްޑީޕީ ކެންޑިޑޭޓް ސުޕްރީމް ކޯޓުގައި އެދުނީ ހައިކޯޓުގެ ނިންމުން ބާތިލުކުރުމަށެވެ.
  • ޕީއެންސީ ކެންޑިޑޭޓުގެ ފަރާތުން އެދުނީ ހައިކޯޓުގެ ހުކުމް ރަނގަޅުކަމަށް ކަނޑައަޅައިދިނުމަށެވެ.
  • ސުޕްރީމް ކޯޓުގައި މި މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވާއިރު، ބޭނުންވެއްޖެނަމަ ވޯޓު ކަރުދާސްތައް ހުށަހަޅަން އީސީ އޮތީ ތައްޔާރަށެވެ.
comment ކޮމެންޓް