ބެލުންތެރިންގެ މެދުގައި ބޮޑު ތަރުހީބެއް ލިބުނު "ހެރީ ޕޮޓަ" ފިލްމުތަކުން މަޝްހޫރުވި އެކްޓަރު ޑެނިއަލް ރެޑްކްލިފް ބުނާގޮތުގައި، އޭނާގެ މަޤްބޫލުކަމާއި އޭނާއަކީ ފިލްމީ ތަރިއެއްކަން އޭނާގެ ދަރިފުޅަށް އަދިވެސް ނޭނގެއެވެ.
"ހެރީ ޕޮޓަ" ފިލްމު ސިލްސިލާގެ އެންމެ މަޝްހޫރު އެކްޓަރު ކަމަށްވާ ރެޑްކްލިފް ފާހަގަކުރި ގޮތުގައި، އޭނާގެ ދަރިފުޅަށް އޭނާގެ މަސައްކަތާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގިފައި ނެތް އިރު އެކަން ވީހާވެސް ގިނަ ދުވަހަކަށް އެގޮތުގައި ބޭއްވުމަކީ އޭނާ ބޭނުންވާ ގޮތެވެ.
"ހެރީ ޕޮޓަ"ގެ އިތުރުން "ޕިއްޒާ މޫވީ" އާއި "ވިއާޑް: ދަ އެލް ޔަންކޮވިކް ސްޓޯރީ" ފަދަ އުފެއްދުންތަކުގެ އެކްޓަރު ޕީޕަލް މަޖައްލާއަށް ދިން އިންޓަވިއުއެއްގައި ކިޔައިދިން ގޮތުގައި، އެއްދުވަހަކު އޭނާގެ ބައިވެރިޔާ އެރިން ޑާކްއާ އެކު ވިންޓަ އޮލިމްޕިކްސް ބަލަން ތިއްބާ، އޭނާ ކޮޓަރިން ބޭރަށް ނިކުމެލި ވަގުތަކީ ބްރޯޑްވޭ ޝޯއެއްގެ އިޝްތިހާރަކުން އޭނާ ފެނުނު ވަގުތެވެ.
"އަހަރެން ކޮޓަރިން ނިކުތް ވަގުތާ ދިމާކޮށް ޓީވީން އަހަރެންގެ އިޝްތިހާރެއް ދެއްކީ. އޭނާ މީގެ ކުރިން ދުވަހަކުވެސް އަހަރެންގެ މަސައްކަތެއް ބަލާފައެއް ނުވޭ،" ރެޑްކްލިފް ބުންޏެވެ.
އޭނާ އިތުރަށް ބުނިގޮތުގައި، އެ ވަގުތު ތިން އަހަރުގެ ދަރިފުޅު ވަރަށް ހައިރާންވެފައި ބަލަން ހުރި ކަމަށާއި، އޭނާ ކޮޓަރިން ނިކުތުމުން ސީދާ ޓީވީ ތެރެއަށް ވަނީ ކަމަށް ދަރިފުޅަށް ހީވި ކަމަށެވެ.

ޑެނިއަލް "ހެރީ ޕޮޓަ" ފިލްމުގައި ފެންނަ ކެރެކްޓާގައި އަދި ދަރިފުޅާ އެކު--ފޮޓޯ/ޕިންޓްރެސްޓް
ރެޑްކްލިފް ފާހަގަކުރި ގޮތުގައި، ޑޮކްޓަރެއް ނުވަތަ ފުލުހެއްގެ ވަޒީފާއަކީ ކޮބައިކަން ކުޑަކުއްޖަކަށް ބުނެދިނުން މާ ފަސޭހަވާނެ ކަމަށް އޭނާއަށް ގަބޫލުކުރެވެއެވެ.
އެހެންނަމަވެސް އެކްޓަރެއްގެ މަސައްކަތް ކުޑަ ކުއްޖަކަށް ކިޔައިދޭން އުޅެފިނަމަ އެއީ ތަންކޮޅެއް އުނދަގޫ ކަމެއް ކަމަށް ރެޑްކްލިފް ވަނީ ބުނެފައެވެ.
"އެކްޓަރެއްގެ މަސައްކަތް ކިޔައިދޭން ޖެހުމުން ބުނެވޭނީ އަހަރެމެން މި ކިޔައިދެނީ ވާހަކަ ފޮތްފޮތުގައި ހުންނަ ކަހަލަ ވާހަކަތަކޭ. އޭނާއަށް އަދި އަހަރެން ކުރާ މަސައްކަތުގެ އެއްވެސް ތަޞައްވުރެއް ނެތް. އަދި އަހަރެން ބޭނުންވަނީ ވީހާވެސް ގިނަ ދުވަހަކަށް އެކަން އެގޮތުގައި ބާއްވަން،" ރެޑްކްލިފް ބުނެފައިވެއެވެ.
ޑެނިލްގެ އެންމެފަހުން ރިލީޒްވި ޓެލެވިޒަން ސީރީޒް އަކީ، މި އަހަރުގެ ޖަނަވަރީ މަހު އެންބީސީއިން ގެނެސްދިން "ދަ ފޯލް އެންޑް ރައިޒް އޮފް ރެގީ ޑިންކިންގްސް"އެވެ.