ދުނިޔޭގެ އެންމެ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިންގެތެރޭ ހިމެނޭ އިނގިރޭސި ލަވަކިޔުންތެރިޔާ ދުއާ ލީޕާއާ އެކްޓަރު ކެލަމް ޓާނާ ކައިވެނިކޮށްފިއެވެ.
އުމުރުން 30 އަހަރުގެ ދުއާ އާއި 36 އަހަރުގެ ކެލަމް ޓާނާ ކައިވެނިކުރީ މިދިޔަ އާދީއްތަ ދުވަހު ލަންޑަނުގެ އޯލްޑް މެރިލިބޯން ޓައުން ހޯލުގައި ބޭއްވި ކުޑަ، ނަމަވެސް ވަރަށް ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވީ ދެ ފަރާތުގެ އާއިލާގެ މެންބަރުންނާއި ގާތް ރަހުމަތްތެރިން ހިމެނޭ ކުޑަ ގްރޫޕެކެވެ. ކައިވެނީގެ ހަފުލާގައި ދުއާ ލީޕާ ލައިގެން ހުރީ ޑެނިއަލް ރޯޒްބެރީ ފަރުމާކޮށްފައިވާ "ޝިއަޕަރެއްލީ" ބްރޭންޑުގެ ކޯޓިއަ ސޫޓް ހެދުމެކެވެ.
މި ކައިވެންޏާ ގުޅޭގޮތުން ދުއާ އާއި ޓާނާގެ ފަރާތުން މިހާތަނަށް ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ. އެހެންނަމަވެސް، 'ދަ ޑެއިލީ މެއިލް' އާއި 'ދަ ސަން'އިން ވަނީ ކައިވެނީގެ ހަފްލާގެ ބައެއް މަންޒަރުތައް ފެންނަ ފޮޓޯތައް ޝާއިއުކޮށްފައެވެ.

ދުއާ ފިރިމީހާ ކެލަމް ޓާނާއާ އެކު--ފޮޓޯ/ދަހޮލީވުޑްރިޕޯޓަ
ދުއާ އާއި ޓާނާ އެންގޭޖްވި ކަމުގެ ޚަބަރުތައް ފެތުރިފައި އޮތުމަށްފަހު، އެކަން ދުއާ ކަށަވަރުކޮށްދިނީ މިދިޔަ އަހަރުގެ ޖޫން މަހު 'ބްރިޓިޝް ވޯގް' މަޖައްލާއަށް ދިން އިންޓަވިއުއެއްގައެވެ.
އިންސްޓަގްރާމް މެދުވެރިކޮށް އެމީހުންގެ ގުޅުން ރަސްމީކޮށް ހާމަކުރަމުން ދުއާ ބުނެފައިވަނީ އެންގޭޖްވުމަކީ އޭނާގެ ހަޔާތަށް މުޅިން އާ އުފާވެރިކަމެއް ގެނުވި ކަމެއް ކަމަށެވެ.
އެ ދުވަސްވަރު ދުއާ ބުނެފައި ވަނީ އޭނާގެ ދުނިޔޭގެ މިއުޒިކް ދަތުރު ނިންމުމަށްފަހު ކައިވެނިކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ކައިވެނީގެ ކަންތައްތައް އޭރު ލަސްކުރީ ދެމީހުންގެ ގުޅުމަށް އިތުރަށް ވަގުތު ބޭނުންވާތީ ކަމަށް ދުއާގެ ގާތް މީހަކު މީޑިއާގައި އެ ދުވަސްވަރު ބުނެފައިވެއެވެ.
ދުއާގެ މިއުޒިކް އަލްބަމްއެއް އެންމެފަހުން ބާޒާރަށް ނެރެފައި ވަނީ މީގެ ދެ އަހަރު ކުރިންނެވެ.