ބޮލީވުޑްގެ މަޝްހޫރު ތަރި އާމިރު ޚާން އާއި ލޯބިވެރިޔާ ގޯރީ ސްޕްރެޓް އަންނަ ޖުލައި މަހު ކައިވެނި ކުރަން ނިންމާފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފިއެވެ.
އަންނަ މަހުގެ ފަސް ވަނަ ދުވަހު ކުރެވޭ މި ކައިވެނީގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ އާއިލާ އާއި ގާތް ރަހުމަތްތެރިންނަށް އެކަނި ބައިވެރިވެވޭ ގޮތަށް ވަރަށް ޕްރައިވެޓްކޮށް ކަމަށް އެންޑީޓީވީގެ ރިޕޯޓެއްގައި ބުނެފައިވެއެވެ.
މީގެކުރިން ދެ ކައިވެންޏެއްކޮށް އެ ދެ ކައިވެނި ވެސް ރޫޅިފައިވާ އާމިރު، މިހާރުގެ ލޯބިވެރިޔާ ގޯރީ މީޑިއާއަށް ތައާރަފުކޮށްދިނީ މިދިޔަ އަހަރު އެކްޓަރުގެ 60 ވަނަ އުފަންދުވަހާ ގުޅުވައިގެން ބޭއްވި ހަފުލާއެއްގައެވެ.
އެ ދުވަހު ނޫސްވެރިންގެ ބައްދަލުވުމުގައި އާމިރު ބުނެފައި ވަނީ ގޯރީ އަކީ އޭނާގެ ފިލްމު އުފައްދާ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފެއް ކަމަށެވެ. އަދި ގޯރީއާ ރައްޓެހިވެގެން އުޅޭތާ ގާތްގަނޑަކަށް 18 މަސް ދުވަސްވީއިރު ވެސް އެކަން އެއްވެސް ބަޔަކަށް ނޭނގޭނެ ކަމަށާއި ގޯރީ ދިރިއުޅެނީ ބެންގަލޫރުގައި ކަމަށްވުމުން އޭނާއާ ބައްދަލުކުރަން އެ ސިޓީއަށް ދިޔުމަކީ މީޑިއާގެ ލޯތަކުން ސަލާމަތްވާން ލިބުނު ފުރުސަތެއް ކަމަށް އާމިރު ވަނީ ބުނެފައެވެ.

އާމިރު ކުރީގެ ދެ އަނބިން ކަމަށްވާ ރީނާ، ކިރަން އަދި ދެ ކުދިން އާޒާދު އާއި އިރާ ޚާންއާ އެކު--ފޮޓޯ/އެންޑީޓީވީ
މި ގުޅުން ހާމަކުރުމުގެ ކުރިން ބައެއް މީޑިއާތަކުން ވަނީ އާމިރު ފިލްމީ ދާއިރާއިން ބޭރު މީހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ރިޕޯޓްކޮށްފައެވެ.
މިފަހަކަށް އައިސް އާމިރުއާ އެކު ވަރަށް ގިނަ ފިލްމު ހަފްލާތަކުންވެސް ފެންނަ ގޯރީ އަކީ ބެންގަލޫރަށް ނިސްބަތްވާ، އެ ސިޓީގައި އުމުރުގެ ބޮޑުބައި ހޭދަކޮށްފައިވާ އަންހެނެކެވެ.
މުމްބާއީގައި އަމިއްލަ ސެލޫންއެއް ވެސް ހިންގަމުން އަންނަ ގޯރީ ވަނީ މީގެކުރިން ކައިވެންޏެއް ކޮށްފައެވެ. އެ ކައިވެންޏަށް ފިރިހެން ކުއްޖަކު ލިބިފައިވާއިރު މިހާރު އެ ކުއްޖާގެ އުމުރަކީ ހަތް އަހަރު ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.
މިފަހުން 'ނަވްބާރަތު ޓައިމްސް' އަށް ދިން އިންޓަވިއުއެއްގައި އުމުރުން 61 އަހަރުގެ އެކްޓަރު ބުނީ ހަޔާތަށް ގޯރީ އައުމުން ވަރަށް އުފާވެރި އިހުސާސެއް ކުރެވޭ ކަމަށާއި އާމިރުގެ ހަޔާތް ފުރިހަމަވެއްޖެ ކަމުގެ އިހުސާސް މިހާރު ކުރެވޭ ކަމަށެވެ.

އާމިރު އާއި ގޯރީ އެކްޓަރުގެ ހަގު ދަރިފުޅު އާޒާދުއާ އެކު--ފޮޓޯ/އެންޑީޓީވީ
އާމިރުގެ ކުރީގެ ދެ ކައިވެންޏަށް ބަލާއިރު ފުރަތަމަ ކައިވެނިކުރީ 1986 ވަނަ އަހަރު، ކުޑައިރުގެ ލޯބިވެރިޔާ ރީނާ ދައްތާއާއެވެ. އެ ކައިވެންޏަށް ދެ ކުދިން ވަނީ ލިބިފައިވެއެވެ. އާމިރު އާއި ރީނާ ވަނީ 16 އަހަރު ފަހުން އެ ކައިވެނި ރޫޅާލާފައެވެ.
އޭގެ ފަހުން 2005 ވަނަ އަހަރު އާމިރު ކައިވެނިކުރީ މިހާރުގެ ކުޅަދާނަ ފިލްމު ޑައިރެކްޓަރު ކިރަން ރާއޯއާއެވެ. މި ދެމީހުން ބައްދަލުވީ އާމިރުގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ 'ލަގާން'ގެ ސެޓުންނެވެ. މި ކައިވެން 2021ގައި ރޫޅުނު ނަމަވެސް އާމިރު އާއި ކިރަން އަންނަނީ ދެ މީހުންގެ ހުރި ހަމައެކަނި ދަރިފުޅު ކަމަށްވާ އާޒާދުގެ ކަންކަމުގައި އެކަކު އަނެކަކަށް އެހީތެރިވަމުންނެވެ.
އާމިރުގެ ކުރީގެ ދެ ކައިވެނި ރޫޅި ތިން ވަނަ ކައިވެންޏަށް ތައްޔާރުވަމުން އަންނައިރު ކުރީގެ ދެ އަނބިން އަދި މިހާރުގެ ލޯބިވެރިޔާ ގޯރީ އަކީ ވަރަށް ގާތް ގުޅުމެއް އޮންނަ ތިން މީހުންނެވެ.
އާމިރު މީޑިއާއަށް ކުރިން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ، ރީނާ އާއި ކިރަން އަކީ މިހާރުވެސް އާމިރުގެ އާއިލާގެ މެމްބަރުންގެ ގޮތުގައި އެ އާއިލާއިން ދެކޭ ކަމަށާއި އެކަކުގެ ހިތުގައި އަނެކަކަށް އެއްވެސް ކަހަލަ ނަފުރަތު ކަމެއް އަދި ރުޅިވެރިކަމެއް ވެސް ނޯންނަ ކަމަށެވެ.