އައްޑޫ ސިޓީ ކައުންސިލް މެންބަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރުންގެ އިތުރުން އިދާރީ ބައެއް މުވައްޒަފުން ހިމެނޭހެން އެ ކައުންސިލުން މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ތަޖުރިބާ ދެ ދަތުރަކަށް 1.2 މިލިއަން ރުފިޔާ ޚަރަދުކުރީ ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ސިޔާސަތާ ޚިލާފަށް ކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލް އިދާރާގެ 2022 އިން 2024 ވަނަ އަހަރާ ހަމައަށް އާއްމުކުރި މާލީ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމާއި، ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާއާ ޚިލާފަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް 1،200،610 ރުފިޔާ އެ ކައުންސިލުން ވަނީ ޚަރަދުކޮށްފައެވެ.
އޭގެ ތެރޭގައި ކައުންސިލް ތަމްސީލުކުރާ އަށް މެންބަރުންނާއި، ކައުންސިލް އިދާރާގެ ދެ މުވައްޒަފުން ހިމެނޭހެން 10 ބޭފުޅުން 2023 ވަނަ އަހަރު މެލޭޝިއާ އަދި ސިންގަޕޫރަށް ކޮށްފައިވާ ތަޖުރިބާ ދަތުރަށް 515،101 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ނުވަ މެންބަރުންނާއި، ކައުންސިލް މެންބަރަކާއި، ސެކްރެޓަރީ ޖެނެރަލެއް ހިމެނޭހެން 11 ބޭފުޅުން 2024 ވަނަ އަހަރު މެލޭޝިއާ އަދި ސިންގަޕޫރަށް ތަޖުރިބާ ދަތުރެއް ކޮށްފައެވެ. އެ ދަތުރަށް 685،509 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ވެސް އެ ކައުންސިލުން މާލިއްޔަތު ގަވައިދާ ޚިލާފަށް ކޮށްފައިވާ ބައެއް ކަންކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
އޭގެ ތެރޭގައި މަރަދޫ އަވަށުގައި މަސް މާރުކޭޓެއް ތަރައްގީކުރުމަށް ކައުންސިލާއި އެހެން ބަޔަކާ ދެމެދު 3،250،863 ރުފިޔާއަށް 155 ދުވަހުގެ ތެރޭ މަސައްކަތް ނިންމާ ގޮތަށް ހަވާލުކޮށްފައިވާ ޕްރޮޖެކްޓެއް ހިމެނެއެވެ. އޮޑިޓްގައި ފާހަގަކުރި ގޮތުގައި ފަހުން ބިޑް އިވެލުއޭޝަންގައި އެންމެ މަތިން މާކްސް ލިބުނު ފަރާތް ނޫން އެހެން ފަރާތަކާ އެ މަސައްކަތް ވަނީ އެވޯޑުކޮށްފައެވެ. އެހެންވުމުގެ ސަބަބުން މި މަސައްކަތަށް އިތުރަށް 897،942 ރުފިޔާ ޚަރަދުކުރަން ޖެހުނު ކަމަށް އޮޑިޓުން ފާހަގަކުރިއެވެ.
ހަމައެއާއެކު މަރަދޫ އަދި ހުޅުމީދޫ އަވަށުގައި 'ގޭދޮށު މަސްޕްލާންޓް' ގާއިމުކުރުމަށްޓަކައި 2020 ވަނަ އަހަރު ހަވާލުކުރި ނަމަވެސް އޮޑިޓް ކުރި ތާރީޚު ކަމަށްވާ މިއަހަރުގެ ފެބްރުއަރީ 17ގެ ނިޔަލަށް ވެސް ޚިދުމަތް ދޭން ނުފެށޭކަން ފާހަގަކޮށްފައިވެއެވެ. އަދި އެ 'ގޭދޮށު މަސްޕްލާންޓް' ހެދުމަށް ހަވާލުކޮށްފައިވާ ދެ އެއްބަސްވުން ބާތިލުކޮށްފައިވީ ނަމަވެސް އެ ފަރާތްތަކަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޫކޮށްފައިވާ 1،800،000 ރުފިޔާ އަނބުރާ ކައުންސިލަށް ލިބިފައި ނުވަކަން ވެސް އޮޑިޓްގައި ވަނީ ފާހަގަކޮށްފައެވެ.