އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ކެރެލާގެ، ނެދުމަންގާޑުގައި އުމުރުން ދޮޅު އަހަރުގެ ކުއްޖަކު އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ޚަބަރާ އެކު އެ ސްޓޭޓްގެ އެކި ސަރަހައްދުތަކަށް ބޮޑު ސިހުމެއް ވަނީ ލިބިފައެވެ.
އަރުޝިދު ނަމަކަށް ކިޔާ މި ތުއްތު ކުއްޖާގެ ހަށިގަނޑު ބެލި ޑޮކްޓަރުން ވަނީ އެ ކުއްޖާގެ ހަށިގަނޑުގެ އެކި ތަންތަނުން ޖުމްލަ 91 އަނިޔާގެ ޒަޚަމްތައް ފާހަގަކުރެވުނު ކަމަށް ވިދާޅުވެފައެވެ. އެ އަނިޔާތަކުގެތެރޭ، އަރިކަށީގެ ހަތް ކަށިގަނޑެއް ބިންދައިގެން ގޮސްފައިވުން، ބޯ ފަޅައިގެން ގޮސް ސިކުނޑީގެ އެތެރެއަށް ލޭ ފޭދިފައިވުން، ހަށިގަނޑުގެ އެތެރެހަށީގެ ގުނަވަންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވުމުގެ އިތުރުން ކުއްޖާގެ ޖިންސީ ގުނަވަނަށާއި ކަނާތު ފައިތިލައަށް ސިނގިރޭޓް ލައިޓަރު ބޭނުންކޮށްގެން ދީފައިވާ އަނިޔާގެ ނިޝާންތައް ހިމެނޭ ކަމަށް ޑޮކްޓަރުން ވަނީ މައުލޫމާތު ދެއްވާފައެވެ.
މި އަނިޔާތައް އަރުޝިދަށް ދީފައި ވަނީ އޭނާގެ މަންމަގެ ލޯބިވެރިޔާގެ ފަރާތުންނެވެ. ތަހުގީގަށް އެނގިފައިވާ ގޮތުގައި، ކުއްޖާގެ އަރިކަށީގެ ކަށިތައް ބިންދައިގެން ގޮސް، އެތެރެހަށީގެ ގުނަވަންތަކަށް ގެއްލުން ލިބުނީ މަންމަގެ ލޯބިވެރިޔާ އަޝްކަރު، އެ ކުއްޖާގެ މޭމައްޗަށް އެރުމުގެ ސަބަބުންނެވެ.

އަރުޝިދަށް އަނިޔާކޮށް މަރާލި އަޝްކަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ--ފޮޓޯ/އެންޑީޓީވީ
މި ހާދިސާ ހިނގުމުގެ މަހެއްހާ ދުވަސް ކުރިންވެސް ކުއްޖާގެ ދެ އަތް އޮތީ ޕްލާސްޓަރު އަޅާފައެވެ. އަވަށްޓެރިންނާއި ސޯޝަލް މީޑިއާ އިންފްލުއެންސަރަކު ސުވާލުކުރުމުން، ކުއްޖާގެ މަންމަ އާއި އޭނާގެ ލޯބިވެރިޔާ ބުނެފައި ވަނީ އެއީ ބައިސިކަލުން ވެއްޓިގެން ލިބުނު އަނިޔާއެއް ކަމަށެވެ. ނަމަވެސް އެ އަނިޔާތަކަކީ ވެސް އެ މީހުންގެ ފަރާތުން ކުއްޖާއަށް ލިބުނު އަނިޔާތަކެއް ކަމަށް ފުލުހުން މިހާރު ވަނީ ތުހުމަތުކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން އަރުޝިދުގެ މަންމަގެ ލޯބިވެރިޔާ ހައްޔަރުކޮށްފައިވާއިރު ފުލުހުންގެ ތަހުގީގުގައި އޭނާ ވަނީ ކުށަށް އިއުތިރާފުވެފައެވެ. އޭނާ ބުނި ގޮތުގައި ކުއްޖާ މަރާލަން ނިންމީ މީގެ ތިން މަސް ކުރިންނެވެ.
އެއީ އޭނާއާއި ކުއްޖާގެ މަންމަގެ ގުޅުމަށް އޮތް ހުރަހަކީ އެ ކުއްޖާ ކަމަށް އޭނާއަށް ގަބޫލުކުރެވޭތީއެވެ. ކުއްޖާ ހަޅޭއްލަވާ އަޑު ބޭރަށް ނީއްވުމަށްޓަކައި، އަނިޔާކުރާއިރު ކުއްޖާގެ އަނގަޔަށް ފޮތިގަނޑު ލައްވާފައި ބާއްވާ ކަމަށްވެސް އޭނާ ވަނީ ތަހުގީގުގައި ކިޔައިދީފައެވެ.
މިދިޔަ ހުކުރު ދުވަހު ކުއްޖާ މާ ބާރަށް ރޯން ފެށުމުން، އަޝްކަރު ކުއްޖާގެ ބޮލުގައި ޖަހައި މަރާލީއެވެ. އެއަށްފަހު ގޭތެރެ ސާފުކޮށް ހެކި ނައްތާލުމަށްފަހު، ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ބުނީ ކުއްޖާ ކާ އެއްޗެއް ތާށިވެގެން ހޭނެތުނީ ކަމަށެވެ.
އަރުޝިދުގެ 21 އަހަރުވީ މަންމަ އަޚީލާ ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައި ވަނީ، އޭނާގެ ލޯބިވެރިޔާ އެ ކުއްޖާއަށް އަނިޔާކުރާ މަންޒަރު ތަކުރާރުކޮށް ދުށް ކަމަށެވެ.
ނަމަވެސް ކުއްޖާ ސަލާމަތްކުރަން އޭނާ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އެހެންކަމުން މި ކުށުގައި ބައިވެރިވުމުގެ ދައުވާ އޭނާގެ މައްޗަށް އުފުލުމަށް ފުލުހުން ދަނީ ތައްޔާރުވަމުންނެވެ.
އަރުޝިދުގެ އަސްލު ބައްޕަ ވަނީ އަޚީލާ ބަނޑަށް ތިން މަހުގައި އަމިއްލައަށް މަރުވެފައެވެ. އޭގެ ފަހުން އަޚީލާ، އޭނާގެ ލޯބިވެރިޔާ، އަޝްކަރާ އެކު ދިރިއުޅެން ފެށުމުން ކުއްޖާގެ ބައްޕަ ފަރާތު އާއިލާއިން ކުއްޖާގެ ބެލެނިވެރިކަން ހޯދުމަށް ކުރި މަސައްކަތްތައް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.
އަރުޝިދު މަރާލި މައްސަލައިގެ ހެކި ހޯދުމަށް ނެދުމަންގާޑު ކައިރީގައި އޮންނަ ޕަނަވޫރަށް މިދިޔަ އާދީއްތަ ދުވަހު އަޝްކަރު ގެންދިއުމުން އާންމުންގެ ބޮޑު ނުރުހުމަކާއި ކުރިމަތިލުމެއް ވެސް އެ ސަރަހައްދުގައި ވަނީ ހިނގާފައެވެ.
މި ހާދިސާއާ ގުޅިގެން އާންމުންގެ ތެރެއިން ބަޔަކު ވަނީ އަޝްކަރުގެ ކާރަށް ވެސް ގެއްލުން ދީފައެވެ. ފުލުހުންގެ ރެކޯޑްތަކުން އެނގޭ ގޮތުގައި އަޝްކަރަކީ މީގެ ކުރިން ވެސް މިފަދަ އަނިޔާވެރި އަމަލުތައް ހިންގާފައިވާ މީހެކެވެ. އޭނާގެ ފުރަތަމަ އަނބިމީހާ އާމިނާއަށް 2022 ވަނަ އަހަރު ދިން ބޮޑެތި އަނިޔާތަކުގެ ސަބަބުން، އެ އަންހެންމީހާ ގާތްގަނޑަކަށް އެއް އަހަރު ދުވަހު ކޯމާއެއްގައި އޮންނަން ޖެހުނު ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިންސާނިއްޔަތާ ހިލާފު އިހާނެތި އަނިޔާތަކެއް ދީ އަރުޝިދު މަރާލި މައްސަލައަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު ވަރަށް ގިނަބަޔަކު އަންނަނީ އަރުޝިދުއަށް އިންސާފު ހޯދައި ދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލަމުންނެވެ. އޭގެތެރޭގައި ދެކުނު އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިންނާއި މިއުޒިކީ ފަންނާނުން ހިމެނޭއިރު ސޯޝަލް މީޑިއާގައި ހަރަކާތްތެރިވަމުން އަންނަ ހައި ޕްރޮފައިލް މީހުންވެސް ހިމެނެއެވެ.