ގިނަ ވިޔަފާރިތަކަށް ދިވެހި މުވައްޒަފުން ލިބުމުން އެ މުވައްޒަފުން ވަޒީފާއަށް ނުނިކުންނަ ކަމަށާއި، ނަތީޖާއެއްގެ ގޮތުން ގިނަ ވިޔަފާރިތައް ދުވަހުން ދުވަހަށް ހިންގުން ދަތިވާ ކަމަށް، މާލޭގެ މޭޔަރު އާދަމް ޢާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
މާލޭ ސިޓީ ކައުންސިލުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޢާޒިމް ވިދާޅުވީ، މާރުކޭޓު ގޮޅި ފަދަ ތަންތަނަށް ބެލިޔަސް އެ ތަންތަނުގައި ވިޔަފާރިކުރަން ތިބެނީ ދުވަސްވީ މީހުން ކަމަށާއި، އެ ވިޔަފާރިތަކަށް ދިވެހި މުވައްޒަފުން ނުލިބޭ ކަމަށެވެ.
"މިހާރު އެ ތަންތަނުގައި ވަރަށް ދުވަސްވީ މީހުން އެބަތިބި، އެ މީހުންނަކަށް ނުއެއް ލިބޭ މުވައްޒަފުންނެއް. ދިވެހި މުވައްޒަފުންނެއް ނުލިބޭ. ލިބުނީމާ އެއް ދުވަސް އައިއްސަ އަނެއް ދުވަހު ނާންނާތީ އެ މީހުންނަކަށް ވިޔަފާރިއެއް ނުކުރެވޭ. މިއީ ހުރިހާ ތާކަށް ޖެހިފައި އޮތް މައްސަލައެއް މި މައްސަލައަކީ،" ޢާޒިމް ވިދާޅުވިއެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ މެދުވެރިކޮށް އެ ވިޔަފާރިތަކަށް ބިދޭސީންގެ ކޯޓާ ހޯދަން ޖެހެނީ އެ ސަބަބާ ހެދި ކަމަށް ވެސް ޢާޒިމް ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލުގެ މިއަދުގެ ޖަލްސާގެ ތެރެއިން --- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
އެއާއެކު، ޢާޒިމް ވިދާޅުވީ، ލޯކަލް މާރުކޭޓުގެ ގޮޅިތަކުގައި ބިދޭސީންނަށް ނުތިބެވެންވީ ސަބަބެއް ނެތް ކަމަށެވެ. އަދި ލޯކަލް މާރުކޭޓުގެ ގޮޅިތަކުގައި ބިދޭސީން ތިބޭތީ، އެ ތަނަށް ޚިދުމަތް ހޯދަން ދާ މީހުން މައްސަލަ ޖައްސާ ކަމަށް މޭޔަރު ވިދާޅުވިއެވެ. ނަމަވެސް ކެފޭ ރެސްޓޯރަންޓު ފަދަ ތަންތަނުގައި ބިދޭސީން ޚިދުމަތް ދޭން ތިބޭއިރު މައްސަލަ ނުޖައްސާތީ ޢާޒިމް ސުވާލު އުފެއްދެވިއެވެ.
"އެކަމަކު މާލޭގެ ކޮންމެ ކެފޭއެއްގައި ރެސްޓޯރަންޓެއްގައި، ބޮޑެތި ރިސޯޓުތަކުގައި، ކޮންސްޓްރަކްޝަން ކުންފުނިތަކުގައި، ފިހާރަތަކުގައި، އެ މީހުން ނެތް ތަނެއް ނެތް. އެހެންވީމާ މި ޖެހޭ މައްސަލައަކީ [ދިވެހި] މުވައްޒަފުން ނުލިބެންޏާ ބޭރު މީހުން ގެނެސް މަސައްކަތްކުރެވޭނީ ދެއްތޯ،" އޭނާ ވިދާޅުވިއެވެ.
ޢާޒިމް ވިދާޅުވި ގޮތުގައި، އެންމެ އިންސާފުވެރި ގޮތަކީ ވިޔަފާރިތައް ހިންގުމަށްޓަކައި ވާ ވަރަށް މީހުން ހޯދުމެވެ. ދިވެހި މުވައްޒަފުން ލިބޭނަމަ ބިދޭސީ މުވައްޒަފުން ނުތިބޭނެކަން ޢާޒިމް ފާހަގަކުރެއްވިއެވެ.

ގަޮޅު ދެކުނު ދާއިރާގެ ކައުންސިލަރު އިސްމާޢީލް ޙަލީމް --- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު އިސްމާޢީލް ޙަލީމް ވިދާޅުވީ، ބިދޭސީންގެ މައްސަލައަކީ ގައުމީ ބޮޑު މައްސަލައެއް ކަމަށާއި، އެ މައްސަލަ ހައްލުކުރުމަށްޓަކައި ކަމާބެހޭ ހުރިހާ އިދާރާއެއް ގުޅިގެން މަޝްވަރާކުރަން ޖެހޭ ކަމަށެވެ.
އިސްމާޢީލް ވިދާޅުވީ، ދަނޑުވެރިކަން ކުރާ ރަށެއްގެ ދަނޑުބިންތަކާ ހިސާބުން ފެށިގެން އެކި ވިޔަފާރިތަކުގައި އިސްކޮށް މިހާރު ތިބެނީ ބިދޭސީން ކަމަށާއި، އެ ވިޔަފާރިތަކަށް ލިބޭ ފައިދާއާއި އަގުވެސް ކަނޑައަޅަނީ ބިދޭސީން ކަމަށެވެ.
މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު މުޙައްމަދު ރިޟްވާން ޢަލީ ވިދާޅުވި ގޮތުގައި، ކޮލިފިކޭޝަންތަކަށް ބަލައިގެން ފުރުސަތުތައް ދޭން ވެއްޖެ ނަމަ އައު ވިޔަފާރިތަކެއް ނުއުފެދޭނެއެވެ. އޭގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަކީ ޕޮއިންޓުދޭ ވަކި ސިސްޓަމެއް އެކުލަވައިލައި، އުސޫލުތަކެއްގެ ދަށުން ވިޔަފާރިތަކަށް ފުރުސަތު ދެވޭ ގޮތަށް ހެދުން ކަމަށް އޭނާ ވިދާޅުވިއެވެ.