އިމިގްރޭޝަންގެ ގަވާއިދުތަކާ ޚިލާފަށް ހުޅުމާލެ ރަށު މާރުކޭޓުގައި މަސައްކަތްކުރަމުންދިޔަ 20 ބިދޭސީއަކު، އިމިގްރޭޝަން ޓާސްކް ފޯސުން އިއްޔެ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނި ގޮތުގައި، މި އޮޕަރޭޝަނަކީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނާއި، ހުއްދަ ނެތި ވިޔަފާރިކުރާ ފަރާތްތައް ހޯދުމަށް އެ އިދާރާއިން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި ރެއިޑެކެވެ.
މި އޮޕަރޭޝަނުގެ ތެރެއިން ހުޅުމާލެ ރަށު މާރުކޭޓުގައި މަސައްކަތްކުރަމުންދިޔަ ޖުމްލަ 55 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ބަލައި ފާސްކޮށްފައެވެ. އޭގެ ތެރެއިން 20 މީހަކު ބަންދުކުރީ ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ ނެތުމާއި، ވިސާގެ މުއްދަތު ހަމަވެފައިވުން ފަދަ އިމިގްރޭޝަންގެ ގަވާއިދުތަކާ ޚިލާފުވެފައިވާތީ ކަމަށް އިމިގްރޭޝަނުން ފާހަގަކުރިއެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ މުޅި ރާއްޖޭގައި ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. މިގޮތުން، "އޮޕަރޭޝަން ކުރަނގި"ގެ ނަމުގައި ފަށާފައިވާ ހަރަކާތުގެ ދަށުން، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އިމިގްރޭޝަންގެ ޓާސްކް ފޯސުން ދަނީ މެދުކެނޑުމެއް ނެތި ރެއިޑްތައް ކުރިއަށްގެންދަމުންނެވެ. ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް 12،552 ބިދޭސީން ވަނީ ޑީޕޯޓުކޮށްފައެވެ. މީގެ ތެރޭގައި ގިނައީ ހުއްދަ ނެތި ވިޔަފާރިކުރާ މީހުންނާއި ލިޔެކިޔުން ފުރިހަމަނުވާ މީހުން ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
މީގެ އިތުރުން، މި މަހުގެ ކުރީކޮޅު މާލޭގެ ފުޑް ކޯޓު ސަރަހައްދުގައި ހިންގި އޮޕަރޭޝަނެއްގައި ވެސް 88 މީހަކު ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅުނު 27 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދީ، ވަގުތުން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތަނުގައި ވެސް ހަރުކަށިކަމާއެކު ކުރިއަށްގެންދާނެއެވެ.
ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށްޓަކައި އެފަދަ ފަރާތްތަކުގެ ބޭންކް އެކައުންޓްތަކުގެ މުއާމަލާތްތައް މޮނިޓާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ބިދޭސީން ހިންގާ ގިނަ ވިޔަފާރިތަކަކީ ދިވެހިންގެ ނަމުގައި ރަޖިސްޓަރީކޮށްގެން ހިންގާ ތަންތަނެވެ. އެހެންކަމުން، މިފަދަ މައްސަލަތައް ތަހުގީގުކޮށް، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ގުޅިގެން ދަނީ ކުރަމުންނެވެ.