ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުން މަދުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހަތަރު މަހުގެ މުސާރައާއެކު ވަޒީފާއިން ވަކިވުމުގެ ފުރުސަތު މުވައްޒަފުންނަށް ދޭން ނިންމީ، ކުރާނެ މަސައްކަތެއް ނެތި ބޭކާރު ގޮތުގައި ގިނަ އަދަދެއްގެ ބަޔަކު ތިބުމުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަފީފު ވިދާޅުވެއްޖެއެވެ.
ޖުމްލަ 8,000 އެއްހާ މުވައްޒަފުން ތިބި ފެނަކައިން، އަމިއްލައަށް ވަޒީފާއިން ވަކިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އިއްޔެ ވަނީ ހުޅުވާލާފައެވެ. މިކަމާ ގުޅިގެން ކުންފުނީގެ ޗީފް ކޯޕަރޭޓް އޮފިސަރު އުސައިދު ހަސަން ސޮއިކުރައްވައި ހުރިހާ ޑިޕާޓްމަންޓްތަކަށް ފޮނުއްވި މެމޯގައިވާ ގޮތުން، މި ފުރުސަތު ހުޅުވާލާފައިވަނީ އަންނަ އާދިއްތަ ދުވަހުގެ 15:00 ގެ ނިޔަލަށެވެ.
މި ނިންމުމާ ގުޅޭ ގޮތުން "ސަން" އަށް މަޢުލޫމާތު ދެއްވަމުން އެމްޑީ އަފީފު ވިދާޅުވީ، މިއީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މުވައްޒަފުން މަދުކުރުމަކީ ފެނަކައަކީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭ ކުންފުންޏަކަށް ހެދުމަށްޓަކައި ކޮންމެހެން އަޅަންޖެހޭ މުހިންމު ފިޔަވަޅެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ކުންފުނި ހިންގުމަށް ބޭނުންވާ މުދަލާއި ޚިދުމަތްތައް ހޯދުމަށް ބޭނުންވާ މާލީ ތަނަވަސްކަން މި ފިޔަވަޅުތަކުގެ ސަބަބުން ކުންފުންޏަށް ލިބިގެންދާނެ. މީގެ އިތުރުން، މުވައްޒަފުންގެ މުސާރަ ދިނުމާއި، ވަޒީފާގެ ކުރިއެރުން ދިނުން ފަދަ އިދާރީ ކަންކަން ހަމަޖެއްސުމުގައި ކުރިމަތިވާ ދަތިތަކަށް ހައްލެއް ލިބި، ކުންފުނީގެ އެތެރޭގެ ހިންގުން ހަރުދަނާވެގެން ދާނެ،" އަފީފު ވިދާޅުވިއެވެ.
އަފީފު އިތުރަށް ވިދާޅުވީ ބައެއް ޕްރޮޖެކްޓްތަކަށް މުދަލާއި ތަކެތި ނެތުމުގެ ސަބަބުން މަސައްކަތް ކުރިއަށް ނުގެންދެވި، އެކި ރަށްރަށުގައި ކުރާނެ މަސައްކަތެއް ނެތި ގިނަ އަދަދެއްގެ މުވައްޒަފުން އެބަ ތިބި ކަމަށެވެ.
މި ބަދަލުތަކުގެ ސަބަބުން ކުންފުނީގެ އުފެއްދުންތެރިކަން އިތުރުވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަމިއްލައަށް އެދިގެން ވަކިވާ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރައިގެ އިނާޔަތެއް ދިނުމަށް ހަމަޖެހިފައި ވާއިރު، މިކަމަށް އެދޭ ފަރާތްތަކުން ފެނަކައިގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓަށް ހުށަހެޅުމަށް ވަނީ އަންގާފައެވެ. މިއީ ކުންފުނި އިސްލާހުކުރުމަށް އެކުލަވާލާފައިވާ ޕޮލިސީގެ ދަށުން އެޅޭ ފުރަތަމަ ފިޔަވަޅު ކަމަށް ފެނަކަ އެމްޑީ އަފީފް ވިދާޅުވިއެވެ.
ފެނަކައަކީ ގެއްލުމުގައި ހިންގާ ކުންފުންޏެއް ކަމަށްވާއިރު، އެ ކުންފުންޏަށް ފާއިތުވި އަހަރުތަކުގައި ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތައް ކުރެވިފައިވެއެވެ. އެގޮތުން، އިންތިޚާބުތަކާ ދިމާކޮށް ކޮންމެ ސަރުކާރެއްގައި ގިނަ އަދަދަކަށް މުވައްޒަފުން ނަގާ ކަމުގެ ޝަކުވާ އޮތީ ބޮޑުވެފައެވެ.
ދައުލަތުގެ ކުންފުނިތަކަށް ބޮޑު ޚަރަދެއް ކޮންމެ އަހަރަކު ވެސް ކުރަމުން އަންނައިރު، ފިނޭންސް މިނިސްޓްރީން މިދިޔަ އޭޕްރިލް މަހު ވަނީ، ސަރުކާރު ކުންފުނިތަކުން 33 މުވައްޒަފުން މަދުކުރަން އަންގަން، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް އަންގައިފައެވެ.
އޭގެ ފަހުން ކުންފުނިތަކުން މުވައްޒަފުން މަދު ކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.
ހަތަރު ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ މި ގައުމުގެ ސިވިލް ސާވިސްގައި 30،312 މުވައްޒަފުން ތިބި ކަމަށް ފަހުގެ ތަފާސްހިސާބުން ދައްކާއިރު، އެ އަދަދާއި ކުންފުނިތަކުގެ މުވައްޒަފުންގެ އަަދަދު އެއް ކުރުމުން ޖުމްލަ 72،312 އަށް އަރައެވެ.