ޑެންގީ ހުން އިތުރުވެފައިވާ މި ދަނޑިވަޅުގައި، މަދިރި ކޮންޓްރޯލްކުރުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އާއި ކަމާބެހޭ އިދާރާތައް ގުޅިގެން މާލޭ ސަރަހައްދުގެ 300އަށް ވުރެ ގިނަ ތަންތަން ބަލައި ފާސްކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު ބުނީ، މިމަހުގެ 19ވަނަ ދުވަހުން ފެށިގެން 23ވަނަ ދުވަހުގެ ނިޔަލަށް، ސިޓީ ކައުންސިލާއި، އެޗްޑީސީއާއި، ރެޑް ކްރެޒެންޓާއި، ހުޅުމާލޭ ހޮސްޕިޓަލުގެ އިތުރުން ވިލިމާލޭ ހޮސްޕިޓަލާ ގުޅިގެން، މާލޭގެ 308 ސަރަހައްދެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެގޮތުން، މާލޭން 153 ތަނެއް، ހުޅުމާލޭން 83 ތަނެއް، ވިލިމާލޭން 59 ތަނެއް، ތިލަފުށިން 12 ތަނެއް، އަދި ގުޅީފަޅުން އެއް ތަން ބަލައި ފާސްކޮށްފައިވާ ކަމަށް، އެޗްޕީއޭއިން ބުންޏެވެ.
މި އިންސްޕެކްޝަންގައި ބަލައިފައިވަނީ އިމާރާތްކުރަމުންދާ ސައިޓުތަކާއި މީހުން ދިރިއުޅޭ އިމާރާތްތަކުގެ އިތުރުން، ބޭނުންނުކުރާ ހުސް ޖާގަތައް ކަމަށް، އެ އިދާރާއިން މައުލޫމާތު ދެއެވެ.
މި އިންސްޕެކްޝަންގެ ތެރެއިން މަދިރި އުފެދި، އާލާވާނެ ކަމަށް ބެލެވޭ ގިނަ ތަންތަން ބަލައި އެ ތަންތަން ނައްތާލައިފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ފާހަގަކުރެވޭ ގޮތުގައި، ޑެންގީ ހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު މިއަހަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މިދިޔަ މާރިޗު މަހު އެކަނިވެސް، 353 މީހަކަށް ޑެންގީ ހުން ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރިޕޯޓުކޮށްފައިވަނީ އެންމެ 60 ކޭހެވެ.
ޑެންގީ ހުން ޖެހިގެން ފަރުވާ ހޯދަމުން ދަނިކޮށް، 17 އަހަރުގެ އަންހެން ކުއްޖަކާއި 23 އަހަރުގެ ޒުވާނަކު ވަނީ މަރުވެފައެވެ.