މަރުކަޒީ ޖަލެއް އަޅައި، އެހެން ޖަލުތައް ބަންދުކުރަން ވިސްނަނީ

ހޯމް މިނިސްޓަރު އަލީ އިހުސާން: ރާއްޖޭގައި ސެންޓްރަލް ޖަލެއް ގާއިމުކުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށް އޭނާ ވިދާޅުވި -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓް/ މުޙައްމަދު މާވީ

ރާއްޖޭގެ އެކި ތަންތަނުގައި ޖަލުތައް ހުރުމުން ޖަލުތައް ބެލެހެއްޓުމަށް ދަތިވާތީއާއި ޚަރަދު ބޮޑުވާތީ، ސެކިއުރިޓީ ލެވެލްތައް ވަކިކޮށްފައިވާ މަރުކަޒީ އެއް ޖަލު ހެދުމުގެ ވިސްނުން މި ސަރުކާރުން ގެންގުޅޭ ކަމަށް ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު އަލީ އިހުސާން ރޭ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ، އެއް ތަނެއްގައި ގައިދީން ބައިތިއްބައިގެން ޚިދުމަތް ދިނުން ކަމަށާއި އެކަމާ ގުޅުން ހުރި ދިރާސާއެއް މިހާރު ފަށާފައިވާ ކަމަށެވެ.

"މިގޮތުން ޖަލު ތެރޭގައި އަޅުގަނޑުމެން ވަކިކުރާނަން ކޮން ލެވެލެއްގެ ސެކިއުރިޓީއެއްގެ ސަރަހައްދުތަކެއްތޯމިއީ، އެ ސަރަހައްދެއްގެ ތެރޭގައި އަޅުގަނޑުމެން ވަކިކުރާނަން އަންހެން، ފިރިހެން އަދި އެ އަންހެން، ފިރިހެން ސަރަހައްދު ތެރޭގައި އަޅުގަނޑުމެން ވަކިކުރާނަން ކޮން ބާވަތެއްގެ ކުށެއް ކޮށްފައި ތިބި މީހުންތޯ މިއީ،" އޭނާ ވިދާޅުވިއެވެ.

މިހާރު ހިންގާ ޖަލުތަކުގައި އެފަދަ ގޮތަކަށް ޚިދުމަތް ނުދެވެނީ ޖާގައިގެ ދަތިކަމާއި ތަން ބެލެހެއްޓުމުގެ ނިޒާމުގައި މީހުން މަދުވުން ފަދަ ސަބަބުތަކާ ހެދި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް، މަރުކަޒީ ޖަލެއް ހަދާއިރު ވަކިވަކިން މީހުން ބައިތިއްބަން، ބައިނަލްއަގުވާމީ އެންމެ މަތީ މިންގަނޑުތަކަށް ފެތޭ ގޮތަށް ޖަލު ހަދާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

އެފަދަ ޖަލެއް ގާއިމުރުމުން، އެ ޖަލުގައި ގައިދީން އިސްލާހު ކުރުމުގެ މަސައްކަތް ވެސް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިހާރު ތަފާތު ޖަލުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އެއް ޖަލަކަށް ގެންދިޔުމުން، އެ މީހުންނަށް ސަލާމަތީ ކަންތައްތައް ބެލެހެއްޓުމުގެ މަސައްކަތް އެކަނި ދިނުމުގެ ބަދަލުގައި ބައެއް މީހުންނަށް ގައިދީން އިސްލާހު ކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މާފުށީ ޖަލު: ރާއްޖޭގެ އެކި ތަންތަނުގައި ޖަލުތައް ހުރުމުން ގައިދީންނަށް ކުރަން ޖެހޭ ޚަރަދު އިތުރުވާ ކަމަށް އިހުސާން ވިދާޅުވި -- ފޮޓޯ/ވީނިއުސް

"އެހެންވީމަ ކުރިމަގުގައި އަޅުގަނޑުމެން ބައްޓަން ކުރާނީ މި ދެންނެވި ކަންކަން އެގޮތަށް ތަރުތީބު ކުރެވޭތޯ. ދިވެހިރާއްޖޭގެ ޖަލަށް ވަދެ ނުކުމެވޭ ކޮންމެ މީހަކީ ޖަލުން ފަރުވާ ލިބިގެން، ޖަލުން ރިހެބިލިޓޭޓް ކުރެވިގެން މުޖުތަމައަށް އަނބުރާ އަންނަން ޖެހޭ މީހެއްގެ ގޮތުގައި، މުޖުތަމައަށް ގެނައުމަކީ އަޅުގަނޑުމެންގެ އަމާޒަކީ،" އިހުސާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަރުކަޒީ ޖަލު ގާއިމުކުރާނީ މާލޭ ސަރަހައްދުގައި ކަމަށާއި އެއީ ކޯޓުތަކާއި ސިއްހީ ފަރުވާގެ ޚިދުމަތް މި ވަގުތު އެންމެ ފުރިހަމައަށް ލިބެނީ މި ސަރަހައްދުން ކަމަށްވާތީ ކަމަށެވެ.

"އެހެންވީމަ ޖަލު މި ފެސިލިޓީތަކާ ދުރުވި ވަރަކަށް އެބަ އުނދަގޫވޭ، އިތުރު ޚަރަދުތަކެއް އެބަ ކުރަން ޖެހޭ ދައުލަތުން މި ޚިދުމަތް ދިނުމަށް. އެހެންވީމަ އެންމެ ޚަރަދު ކުޑަކޮށް، ރިކަރަންޓް ޚަރަދު ކުޑަކޮށް މިކަން ކުރެވޭނީ މާލެއާ ވީހާ ވެސް ގާތުގައި މި ޚިދުމަތް ފޯރުކޮށްދެވިގެން،" އިހުސާން ވިދާޅުވިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މާފުށީ ޖަލާއި މާލޭ ޖަލާއި އައްސޭރި ޖަލުގައި މިހާރު ތިބި މީހުންގެ އަދަދު 1200އަށް ވުރެ އިތުރެވެ. އޭގެ ތެރެއިން މާލޭ ޖަލުގައި ތިބި މީހުން އެހެން ޖަލުތަކަށް ބަދަލުކޮށް، އެ ޖަލު މިހާރު ވަނީ ބަންދުކޮށްފައެވެ.

މާލޭ ޖަލު ބަދަލު ކުރަން ނިންމީ އެ ޖަލާ އިންވެގެން އިމާރާތް ކޮށްފައިވާ ދަރުމަވަންތަ ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް އޭގެ ސަބަބުން ނުރަނގަޅު އަސަރު ކުރަމުން އަންނާތީއެެވެ.

comment ކޮމެންޓް